ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޫޘީން ދިން ހަަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ މަހު ދިން ހަމަލާއަކާ ގުޅިގެން، އެ ސަރަހައްދުން ދުން އަރާ މަންޒަރު --- ފޮޓޯ: ރޮއިޓާސް

ސައޫދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޫޘީން ދިން ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިދިޔަ އަންގާރަ ދުވަހާއި އިއްޔެ ސައޫދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫޘީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެ ހަމަލާތަކުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލި، ގިނަ ބަޔަކަށް އަނިޔާވެ، އެއާޕޯޓުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ވަނީ، އެ ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ އިސްތިގުލާލާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުމުގެ ގޮތުން ދީފައިވާ ހަމަލާތަކެއް ކަމަށާއި އެއީ މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި އަމާންކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ރާއްޖެއިން ދެކޭކަމަށް ބުނެފައެެވެ.

މީގެ އިތުރުން އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރުން ތައުޒިޔާ ފޮނުވައި، އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭކަމަށް ވަނީ ބުނެފައެވެ. އަދި ސައޫދީ ސަރުކާރާއި ރައްޔިތުންނާއެކު ރާއްޖެއިން ސާބިތުކަމާއެކު އޮތްކަން ހާމަކޮށް، އެ ގައުމުގެ އިސްތިގުލާލާއި ސަލާމަތާއި ސަރަހައްދީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްޓަކައި އަޅަމުންދާ ކޮންމެ ފިޔަވަޅަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.

ސައުދީ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، ދެ އެއާޕޯޓަށް ދިން ހަމަލާތަކުގައި ތިން އާންމު ރައްޔިތުން މަރުވެ، 36 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން އަބްހާ އެއާޕޯޓަށް ދިން ހަމަލާގައި މޮރޮކޯއާއި އަލްޖީރިއާއަށް ނިސްބަތްވާ ދެ އަންހެން މަރުވި ކަމަށާއި، ކިންގް ޚާލިދު އެއާޕޯޓަށް ދިން ހަމަލާގައި ސޫދާންގެ ރައްޔިތަކު މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

comment ކޮމެންޓް