އަޔަލެންޑާއި އިޒްރޭލު މެޗުގައި ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް ޔުއެފާއިން ބަލަނީ

އަޔެލެންޑް އާއި އިޒްރޭލް ބައްދަލުކުރި މެޗުގެ ތެރެއިން ހިނގހި ހަމަނުޖެމެއްގެ ތެރެއިން... ފޮޓޯ/ ޔާހޫ ސްޕޯޓްސް

ޔޫއެފާ ނޭޝަނަސް ލީގުގައި އަޔަލެންޑާއި އިޒްރޭލް ބައްދަލުކުރި މެޗުގައި، އަޔަލެންޑް ޓީމުގެ ކޯޗިން ސްޓާފެއްގެ ގަޔަށް އިޒްރޭލް ކުޅުންތެރިއަކު ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ) އިން ތަޙުގީގުކުރަން ފަށައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތަޙުގީގު ހިންގަނީ ސާބިއާގެ ބަކާ ޓޮޕޯލާގެ ޓީއެސްސީ އެރީނާގައި މިދިޔަ އާދީއްތަ ދުވަހު ކުޅުނު މި ދެ ޓީމުގެ ދެވަނަ ލެގުގެ މެޗުގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެންނެވެ.

ޔުއެފާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މެޗުގެ ހާފް-ޓައިމްގައި ޓަނަލް ކައިރީ ހިނގައިދިޔަ ހާދިސާއަކާ ގުޅޭގޮތުން އޮފިޝަލުން ހުށަހެޅި ރިޕޯޓްތައް ބެލުމަށްފަހު، ކުޅުންތެރިންގެ ފަރާތުން ފެނުނު އަޚުލާގީ މައްސަލަތައް ތަޙުގީގުކުރުމަށް ޔުއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރަކު މިހާރު ވަނީ ޢައްޔަންކޮށްފައެވެ.

އަޔަލެންޑުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހާފް-ޓައިމްގެ ކަށިގަނޑު އެޅުމަށްފަހު އިޒްރޭލް ކުޅުންތެރިއަކު ކުޅުޖެހީ އަޔަލެންޑް ޓީމުގެ އެތުލެޓިކް ކޯޗު ޑޭމިއަން ޑޮއިލްގެ ގަޔަށެވެ.

މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އަޔަލެންޑްގެ ހެޑް ކޯޗު ހެއިމިރް ހަލްގްރިމްސަން ބުނީ އޭނާ އެވަގުތު އެތަނުގައި ހުރި ނަމަވެސް އެކަމާ ގުޅޭ ތަފްޞީލު ހާމަކުރަން ބޭނުންނުވާ ކަމަށާއި، އެއީ ޑިސިޕްލިނަރީ ކޮމިޓީން ބަލާނެ މައްސަލައެއް ކަމަށެވެ.

އަޔަލެންޑްގެ ޕަބްލިކް ބްރޯޑްކާސްޓަރު އާރްޓީއީ އަށް މަޢުލޫމާތު ދެމުން ހަލްގްރިމްސަން އިތުރަށް ބުނީ، މެޗުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެގެން ހިނގައިދާނެ ފަދަ އެތައް ކަމެއް ހިނގި ކަމަށެވެ. އަދި އިދިކޮޅު ޓީމުން މަސައްކަތްކުރީ އަޔަލެންޑްގެ ކުޅުންތެރިން ރުޅިއަރުވައިގެން ގޯހެއް ހައްދަން ކަމަށް ގަބޫލުކުރެވޭ ކަމަށާއި، ނަމަވެސް ކުޅުންތެރިން އިހުސާސްތައް ކޮންޓްރޯލްކޮށް ހަމަޖެހިގެން ތިބި ކަމަށް އޭނާ ފާހަގަކުރިއެވެ.

އަޔެލެންޑް އާއި އިޒްރޭލް ބައްދަލުކުރި މެޗުގެ ތެރެއިން ހިނގހި ހަމަނުޖެމެއްގެ ތެރެއިން... ފޮޓޯ/ ބީބީސީ

މި ހާދިސާއާ ގުޅިގެން އިސްރާއީލް ޓީމުގެ ކޯޗު ރަން ބެން-ޝިމޯން ބުނީ، އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ޗޭންޖިން ރޫމުގައި އޮފިޝަލުންނާއެކު ކަމަށާއި އެއްވެސް ކަމެއް ނުދެކޭ ކަމަށެވެ. އަދި އެކަން ބަލައި ސާފުކުރުމަށްފަހު ޖަވާބެއް ދޭނެ ކަމަށް އޭނާ ނޫސްވެރިން ގާތު ބުންޏެވެ.

ފާހަގަކުރެވޭ އަޔަލެންޑާއި އިޒްރޭލް ޔުއެފާ ނޭޝަންސް ލީގުގައި އެއް ގްރޫޕެއްގައި ހިމެނުމާއި ގުޅިގެން ވެސް ވަނީ މައްސަލަތަކެއް އުފެދިފައެވެ. އެގޮތުން އިޒްރޭލް އާއި އެކު މެޗު ނުކުޅެން އަޔަލެންޑު ކުޅުންތެރިން ދިޔައީ ދެކޮޅު ހަދަމުންނެވެ.

https://sun.mv/227779

އަޔަލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ކޫރެލް ވިދާޅުވެފައިވަނީ ފެބުރުއަރީ މަހު ބޭއްވި ނޭޝަންސް ލީގުގެ ގުރުއަތުލުމުގައި އިޒްރޭލާ އެއް ގްރޫޕެއްގައި ހިމެނުމާ ގުޅިގެން، ކުރިއަށް އޮތް ގުރުއަތުލުންތަކުގައި ދެ ޓީމު ވަކިކޮށްދިނުމަށް ޔޫއެފާގައި އެދުނު ކަމަށެވެ.

ނަމަވެސް، އަޔަލެންޑާއި އިޒްރޭލަކީ ސީދާ އަސްކަރީ ހަމަނުޖެހުމެއްގައި އުޅޭ ދެ ގައުމަށް ނުވާތީ، އެފަދަ އިންތިޒާމެއް ހަމަޖައްސައިދެވެން ނެތް ކަމަށް ޔޫއެފާއިން ވަނީ އަންގާފައެވެ.

ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކި ޓީމުތަކެއް އެކުގައި ނުލުމަށް ނިންމާ ނިންމުންތައް ނިންމަނީ ސެކިއުރިޓީއަށް ނުރައްކާވެދާނެ ކަންކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ހާލަތްތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ކޮންމެ ހާލަތެއް ވެސް ވަރަށް ފަރުވާތެރިކަމާއެކު ބަލައި މޮނިޓަ ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް