މިދިޔަ އަހަރު ވ. ރަކީދޫ ކައުންސިލުގެ ވަގުތީ ސެކެޓަރީ ޖެނެރަލް އެ މަގާމުގެ މުސާރައިގެ އިތުރަށް ދެ މުސާރައެއް ނަގާފައިވާ ކަމަށް އޮޑިޓު ރިޕޯޓަކުން ދައްކައިފިއެވެ.
އޮޑިޓުގައި ބުނީ، އެ ކައުންސިލުގެ އެސްޖީއަށް 2022އިން މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް 'މިސްކިތު ވޭޖުގެ' ގޮތުގައި މަހަކު 9،900 ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އެކަމަކު، ކައުންސިލުގައި އަދާކުރާ ވަގުތީ އެސްޖީގެ މަގާމުގެ އިތުރަށް އިތުރު މަސައްކަތެއްގެ ގޮތުގައި މިސްކިތް ބެލެހެއްޓުމާ ގުޅޭ މަސައްކަތް ހަވާލުކުރިކަން ލިޔެކިޔުން އެނގެން ނެތްކަން އޮޑިޓުގައި ފާހަގަކުރިއެވެ.
މިދިޔަ ހަތަރު އަހަރު ތެރޭ އެ މުވައްޒަފުގެ ބެންކު އެކައުންޓަށް ވަނީ، މިސްކިތު ވޭޖުގެ ގޮތުގައި ޖުމުލަ 337،600 ރުފިޔާ ޖަމާކޮށްފައެވެ. އޭގެތެރެއިން އެންމެ ބޮޑު އަދަދެއް ޖަމާކޮށްފައި ވަނީ މިދިޔަ އަހަރު ކަމަށްވާއިރު، އެއީ 118،800 ރުފިޔާއެވެ.
އެހެނިހެން ފައިސާގެ ގޮތުގައި ވަގުތީ އެސްޖީގެ މަގާމަށް ޖަމާކުރި ފައިސާގެ ތަފުސީލުތައް --- ފޮޓޯ/ އޮޑިޓުއޭގެއިތުރުން، ވަގުތީ އެސްޖީގެ އެކައުންޓަށް އެހެނިހެން ފައިސާގެ ގޮތުގައި ކައުންސިލުން އެހެން މީހުންނަށް ދައްކަން ޖެހޭ މިދިޔަ ހަތަރު އަހަރު ވަނީ 79،771 ރުފިޔާ ޖަމާކޮށްފައެވެ.
އޮޑިޓުގައި ބުނި ގޮތުގައި، އެ ފައިސާއާ ގުޅުންހުރި އިންވޮއިސްތަކާއި ފައިސާ ލިބެން ޖެހޭ މީހުންނަށް ފައިސާ ދިން ކަމުގެ ރެކޯޑު ކައުންސިލު އިދާރާގައި ފެންނާކަށް ނެތެވެ.
އެ މައްސަލައިގައި އޮޑިޓު އޮފީހުން ވަނީ، ވަގުތީ އެސްޖީގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ފައިސާއަށް ވީގޮތެއް ބަލައި ކަށަވަރުކުރުމަށް ފަހު، އެ ފައިސާ އަނބުރާ ހޯދަން ލަފާދީފައެވެ. އަދި، ނުގަވައިދުން ދެ މުސާރަ ނެގި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިގެން ތަހުގީގުކުރުމަށާއި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ވަނީ ލަފާދީފައެވެ.