ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ޓީޖީއެސްޓީއަށް، ނަމަވެސް މިދިޔަ އަހަރާ އަޅައިބަލާއިރު ދަށްވުމެއް

ފަތުރުވެރިންތަކެއް ރިސޯޓެއްގައި: ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ޓީޖީއެސްޓީއަށް ލިބުނު ނަމަވެސް، މިދިޔަ އަހަރާ އަޅައިބަލާއިރު އެ ޓެކްސް ލިބުނު ވަރު ވަނީ ދަށްވެފައި -- ފޮޓޯ/ ޓްރެވެލް ޓްރޭޑް މޯލްޑިވްސް

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން، ފަތުރުވެރިކަމުގެ ޓެކްސް ނުވަތަ ޓީޖީއެސްޓީ ލިބުނު މިންވަރު ހަފުތާގެ ނިސްބަތުން ބަލާއިރު އިތުރުވި ނަމަވެސް، މިދިޔަ އަހަރާ އަޅައިބަލާއިރު ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލުން ދައްކާ ގޮތުގައި، މި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ޖުމްލަ ވަނީ 30.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ އިތުރުވުމެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ 22.5 ބިލިއަން ރުފިޔާއިން 23.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި، މިދިޔަ ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓީޖީއެސްޓީންކަން މިނިސްޓްރީން ފާހަގަކުރިއެވެ.

ޓީޖީއެސްޓީއަށް މިހާރު 8.06 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ހަފުތާއެއް ކުރިން، މިދިޔަ މަހުގެ 24ގެ ނިޔަލަށް އެ އަދަދު ހުރީ 7.88 ބިލިއަން ރުފިޔާގައެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު އެއްވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓީއަށް 8.17 ބިލިއަން ރުފިޔާ ލިބިފައިވުމުން، މި އަހަރު ލިބުނު އަދަދަކީ އެއާ އަޅައިބަލާއިރު 1.4 އިންސައްތައިގެ ދަށްވުމެކެވެ.

ފަތުރުވެރިންތަކެއް ރާއްޖޭގައި: ހަނގުރާމައަށް ފަހު، ފަތުރުވެރިން އަންނަ މިންވަރު ވަނީ ދަށްވެފައި -- ފޮޓޯ/ ވީއައިއޭ

މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.412 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން ވަނީ، ދައުލަތަށް އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކުން ވެސް ކުރިއެރުން ލިބިފައިކަން ފާހަގަކޮށްފައެވެ. އެގޮތުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.2 އިންސައްތަ އިތުރުވެ 5.79 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އިމްޕޯޓް ޑިއުޓީ ވަނީ 11.4 އިންސައްތަ އިތުރުވެ 2.51 ބިލިއަން ރުފިޔާއަށް އަރާފައެވެ. އާންމު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ވެސް 2.8 އިންސައްތަ އިތުރުވެ 4.13 ބިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.

ދައުލަތުގެ އާމްދަނީއާއެކު، ޖުމްލަ ޚަރަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޚަރަދުގެ ޖުމްލަ މިހާރު ވަނީ 35.5 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރި 30.008 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 18.2 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 18.5 އިންސައްތަ އިތުރުވެ 30.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށެވެ. މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު ވަނީ 14.1 އިންސައްތަ އިތުރުވެ، 5.56 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ޓޫރިޒަމް މިނިސްޓަރު އަމީން: މި އަހަރުގެ ފަހުކޮޅު، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް މިނިސްޓްރީން ބުނޭ ފޮޓޯ/ ޕީއެސްއެމް

ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓީޖީއެސްޓީ ދަށްވެފައިވާއިރު، މި ސަރުކާރުން ވަނީ ފަތުރުވެރިކަމުން އިތުރަށް އާމްދަނީ ހޯދުމުގެ ބޭނުމުގައި ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ޖުލައި މަހު ޓީޖީއެސްޓީ ރޭޓުވަނީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކޮށްފައެވެ. އޭގެ ކުރިން، ޑިސެންބަރު 1، 2024އިން ފެށިގެން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗާ ޓެކްސް ވެސް ވަނީ ބޮޑުކޮށްފައެވެ.

މީގެ އިތުރުން، އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ވެސް މި މަހުން ފެށިގެން ޓެކްސް ނެގުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް އެ ބަދަލާ މެދު ދިވެހި އަދި ބޭރުގެ މާހިރުންނާއި ކުންފުނިތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންވެ، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން އިސްލާހުތަކެއް ގެންނާނެކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން ވަނީ ދެއްވައިފައެވެ.

https://sun.mv/228503

ސަރުކާރުން އާމްދަނީ އިތުރުކުރަން އަޅައިފައިވާ ފިޔަވަޅުތަކާއެކު ވެސް ޓީޖީއެސްޓީ ދަށްވާން މެދުވެރިވި ސަބަބަކީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ކަމަށް ބެލެވެއެވެ. އެގޮތުން، މިދިޔަ ފެބުރުވަރީ މަހުގެ 28ގައި ފެށި ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަންނަން އޮތް ގިނަ ފްލައިޓުތަކެއް ކެންސަލްވެ، ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވިއެވެ. އޭރު ފަތުރުވެރިކަމަށް އެރި ލޮޅުމުން އަދި އަރައިނުގަނެވި، ފަތުރުވެރިން އަންނަ މިންވަރު އަދިވެސް ހުރީ މިދިޔަ އަހަރަށްވުރެ 3.5 ޕަސެންޓް ދަށްކޮށެވެ.

އެހެންނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ އަހަރުގެ ފަހުކޮޅު ވާނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކާމިޔާބު ދުވަސްތަކަކަށް ބުނެ، ޕީކް ސީޒަނަށް އުއްމީދު ބޮޑު ކަމަށް ބުނެފައެވެ.

comment ކޮމެންޓް