ބައިނަލްއަޤްވާމީ ފުޓުބޯޅައިގައި 21 އަހަރު ދުވަހުގެ ކާމިޔާބު ކެރިއަރަށްފަހު، އާޖެންޓީނާގެ ތާރީޚު ދުށް އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކެޕްޓަން ލިއޮނެލް މެސީ ޤައުމީ ޓީމަށް ރަސްމީކޮށް ކުޅުން ހުއްޓާލައިފިއެވެ.
ބުއެނޯސް އައިރެސްގެ މޮނިއުމެންޓަލް ސްޓޭޑިއަމްގައި 85,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި މެސީގެ ކުޅުނު ފަހު މެޗުގައި އާޖެންޓީނާއިން ވަނީ ބެނިންގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
މެޗަކަށްވުރެ ބޮޑަށް މި މެޗުގައި ފެނުނީ މެސީ ގައުމީ ޓީމަށް ކޮށްދިން ޚިދުމަތްތައް ފާހަގަކުރުމަށް ކުޅުނު މެޗެއްގެ ގޮތުގައެވެ. މެޗުގެ ކުރިން އާޖެންޓީނާގެ ވެރިރަށުގެ މުހިންމު ބިނާތައް ދިއްލާލާފައިވާއިރު، މެސީގެ އުފަން ރަށް ރޮސާރިއޯގެ "ނޭޝަނަލް ފްލެގް މެމޯރިއަލް" ގައި ވަނީ އާޖެންޓީނާ ބަހުން ޝުކުރިއްޔާ ޖަހާފައިވާ އޭނާގެ 10 ނަމްބަރުގެ ބޮޑު ޖާޒީއެއް ދައްކާލާފައެވެ.
ބެނިން އާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން-- މެސީގެ ނަމުން ނަންދީފައިވާ ޓްރެއިނިން ސެންޓަރުން ޓީމުގެ ބަސް ދަތުރުކުރި މަގުގެ ދެފަރާތުގައި ތިބި އެތައް ހާސް ސަޕޯޓަރުން ފެނި، މެސީގެ ލޮލުން ކަރުނަ ފޭދުނުއިރު، މެޗު ފެށުމުގެ ކުރިން ބެނިންގެ ކެޕްޓަންވެސް ވަނީ މެސީއަށް ޚާއްޞަ ހަދިޔާއަކާއި ސިޓީއެއް އަރުވާފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހި ނިމުނު ނަމަވެސް، ދެވަނަ ހާފުގައި މެސީ ވަނީ އޭނާގެ މޮޅު ކުޅުމާއެކު އާޖެންޓީނާގެ ތިން ލަނޑުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މެސީ ތަނަވަސްކޮށްދިން ފުރުޞަތަކުން އާޖެންޓީނާއަށް ލީޑު ނަގައިދިނީ، 17 އަހަރު ވަންދެން މެސީއާއެކު ޤައުމީ ޓީމަށް ކުޅެ މި މެޗަށްފަހު ރިޓަޔާކުރި ނިކޮލަސް އޮޓަމެންޑީއެވެ.
އޭގެ ފަހުން މެސީގެ 10 ނަމްބަރު ޖާޒީއާ ހަވާލުވެދާނެ ކަމަށް ބެލެވޭ ޒުވާން ކުޅުންތެރިޔާ ނިކޯ ޕާޒް ޖެހި ލަނޑުގެ ފުރުސަތު ތަނަވަސްކޮށްދިނީވެސް މެސީއެވެ. އަދި މެޗު ނިމެން އުޅެނިކޮށް ލިބުނު ޕެނަލްޓީއަކުން މެސީ ވަނީ އޭނާގެ 126 ވަނަ ބައިނަލްއަޤްވާމީ ލަނޑު ޖަހައި ސަޕޯޓަރުންނަށް އުފާވެރި ނިންމުމެއް ހޯދައިދީފައެވެ.
އާޖެންޓީނާގެ 10 ނަމްބަރު ޖާޒީގައި މެސީ ކުޅުނު ފަހު މެޗުގެ ތެރެއިން-- 1978، 1986 އަދި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އާޖެންޓީނާގެ ކުޅުންތެރިންނާއި އާއިލާގެ ކުރިމަތީގައި ހުރެ، އަސަރާއެކު ވާހަކަދައްކަމުން މެސީ ބުނީ ވާހަކަދައްކަންވެސް އުނދަގޫވާ ވަރަށް ހިތަށް އިޙްސާސްތައް ވަދެގެން އަންނަ ކަމަށާއި، އެންމެ ފުރަތަމަވެސް ހަނދާންވަނީ ދާދިފަހުން މަރުވި އޭނާގެ ބައްޕަ މަތިން ކަމަށެވެ.
މީގެ އިތުރުން 20 އަހަރަށްވުރެ ގިނަ ދުވަހު އާޖެންޓީނާގެ ޖާޒީގައި ކުޅެން ލިބުމަކީ އިންތިހާއަށް ފަޚުރުވެރިވާ ކަމެއް ކަމަށާއި، މީގެ ފަހުން ޤައުމީ ޓީމުން ނުފެންނާނެތީ ވަރަށް ދެރަވާ ކަމަށް މެސީ ބުންޏެވެ. އާޖެންޓީނާއަށް ކުޅުމަކީ ބޮޑު ޝަރަފެއް ކަމަށާއި، މުޅި އުމުރު ދުވަހުވެސް ޤައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށްވެސް އޭނާ ކަރުނައާއެކު ފާހަގަކުރިއެވެ.
މެޗު ނިމުމާއެކު ދެ ޓީމުގެ ކުޅުންތެރިންނާއި ރެފުރީވެސް ވަނީ މެސީއާ ސަލާމްކޮށް، އޭނާއަށް އިޙްތިރާމު އަދާކޮށްފައެވެ. އަދި ސްޓޭޑިއަމް މަތިން ޑްރޯން ޝޯއެއް ދައްކާލިއިރު، އާޖެންޓީނާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޮލެޑާޑް ޕަސްޓޯރޫޓީ ވަނީ މެސީގެ ޝަރަފުގައި ލަވައެއް ހުށަހަޅައިދީފައެވެ.
މެސީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީ ގިނަ ރެކޯޑުތަކާއެކު އެވެ. އެގޮތުން އޭނާ ވެފައިވަނީ އާޖެންޓީނާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ. އެއީ ޖުމްލަ 208 މެޗެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް އޮތީ މެސީގެ އަތުގައެވެ. އެއީ 126 ލަނޑެވެ.