ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލުން އުޅެނީ، ވިޔަފާރިވެރިން ބްލެކްމެއިލްކުރަން: މީކާއިލް

މީކާއިލް: ވިދާޅުވީ، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލުން އުޅެނީ، ވިޔަފާރިވެރިން ބްލެކްމެއިލްކުރަން ކަމަށް --- ފޮޓޯ/ މަޖިލިސް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް އޮތް ބިލު މެދުވެރިކޮށް ސަރުކާރުން އުޅެނީ، ވިޔަފާރިވެރިން ބްލެކްމެއިލް ކުރަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ތުހުމަތުކުރައްވައިފިއެވެ.

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ފަހު ވިއްކައި، އެ ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް ބަދަލު ދެވޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް މަޖިލީހަށް ހުށަހެޅީ އިއްޔެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވަމުން މީކާއިލް ސިފަކުރެއްވި ގޮތުގައި، އެއީ "ބްލެކްމެއިލް ބިލް"އެކެވެ.

https://sun.mv/228641

މެންބަރު ވިދާޅުވީ، މި ބިލުގެ މަގުސަދު ވަރަށް ސާފު ކަމަށާއި ސަރުކާރުގެ ނިޔަތް ނެތުމުން ގާނޫނަކަށް ހަދައިގެން މި ބިލު ފަރުމާކުރަންދާ ޚަރަދު ވެސް ނުހޯދޭނެ ކަމަށެވެ.

"މި ބިލުން ހާސިލުކުރަން މި އުޅޭ މަގުސަދަކީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިން ބްލެކްމެއިލް ކުރުން،" މީކާއިލް ތުހުމަތުކުރެެއްވިއެވެ.

މީގެއިތުރުން، ޕީއެސްއައިޕީ ޕްރޮޖެކްޓުތަކާއި މަޖިލީހުގައި ކުރާ މަސައްކަތްތަކުން އަމާޒު ހިފާފައި ވަނީ، 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކަނި ކަމަށް މީކާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މީހުންނަށް ބިރުދައްކައިގެން ވިޔަފާރިވެރިން 'އޮބިއަޅައިގެން' އިންތިޚާބެއް ކާމިޔާބެއް ނުކުރެވޭނެއެވެ.

މީގެ އިތުރުން ސަރުކާރުން އުޅެނީ، ރަސްމާލެ މަޝްރޫއު 'އޮއްބާލައި'، އެ ވާހަކަ ދައްކާނެ އެންމެން 'ފިއްތާލަން' ކަމަށާއި ޑޮލަރު މައްސަލައިގައި ވެސް ސަރުކާރުން ކުރީ ވިޔަފާރިވެރިންނަށް އިންޒާރު ދިނުމުގެ މަސައްކަތް ކަމަށް މެންބަރު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، ހުކުމް ސާބިތުނުވަނީސް މި ބިލުން މުދާ ނެގޭ ގޮތަށް އޮތުމަކީ އަސާސީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، މީކާއިލް ވަނީ މިހާ ހެއްވާ ބިލެއް އަދި މަޖިލީހަށް ހުށަނާޅާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލުގައި ވަނީ، މީހެއްގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ބަޔާންކޮށްފައެވެ. އަދި ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ، ކުށް ސާބިތުވުމުން ކޯޓުގެ ވަކި އަމުރަކާ ނުލައި އޮޓޮމެޓިކް ފޯފީޗާގެ ގޮތުގައި ދައުލަތަށް މުދާ ނެގޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް