ރޭ ދަންވަރު، ހުޅުމާލެ ދެވަނަ ފިޔަވަހީ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓާ ގުޅޭގޮތުން މައުލޫމާތުދެމުން ފުލުހުން ބުނީ، އެކްސިޑެންޓު ހިނގާފައިވާކަމުގެ މައުލޫމާތު، ދަންވަރު 2:55 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، މި އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ފަރުވާދެމުންދާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށާއި، އަނެއް ދެ މީހުން ވެސް އައިޖީއެމްއެޗަށް ގެންދިޔުމަށް މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ފަހަކަށް އައިސް މާލެ ސަރަހައްދުގައި ވަނީ ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވެފައެވެ. އެހެންވެ، އެއްގަމު އުޅަނދުތައް ނުރައްކާތެރިކޮށް ދުއްވުމާއި ފަރުވާކުޑަކޮށް ދުއްވުމަކީ ކުށެއް ކަމަށް ކަނޑައަޅައި، ގާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ބޮޑެތި ފިޔަވަޅު އެޅޭ ގޮތަށް ފާސްކުރި އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނަށް އަމަލުކުރަން މި މަހު ވަނީ ފަށައިފައެވެ.