ޑީޕްފޭކާ ދެކޮޅަށް ޤާނޫނީ ގޮތުން އެޅޭނީ ކޮން ފިޔަވަޅެއްތޯ ސުވާލު އުފައްދައިފި

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ޖާންވީ ކަޕޫރު އަދި ޔާމީ ގޯތަމް--ފޮޓޯ/ޕިންކްވިލާ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ސަބަބުން މުނިފޫހިފިލުވުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވީ ނަމަވެސް، މި ފަންނިއްޔާތުގެ ނުބައި ބޭނުން ހިފުން އިތުރުވުމަކީ ސެލެބްރިޓީންނާއި އާންމުންގެ ގިނަބައެއްގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެންގޮސްފައިވާ ކަމެކެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޔާމީ ގޯތަމް އޭނާގެ ފޮޓޯތައް އޭއައި ބޭނުންކޮށްގެން ބަދަލުނުކުރުމަށް އެދި ކުރި އިލްތިމާސާއި، ބަތަލާ ޖާންވީ ކަޕޫރުގެ ޑީޕްފޭކް ވީޑިއޯއެއް ދާދިފަހުން އާންމުވުމާ ގުޅިގެން، އަމިއްލަ ނަފްސުގެ އަބުރާއި، އިއްޒަތް އަދި ޤާނޫނީ ރައްކާތެރިކަމާ މެދު އުފެދިފައިވާ ބަހުސްތައް އިންޑިއާގައި މިވަނީ އަލުން ފެށިފައެވެ.

ޔާމީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މީޑިއާތަކަށާއި ފޮޓޯގްރާފަރުންނަށް ސީދާ އިލްތިމާސެއް ކޮށްފައެވެ. އޭނާ އެދިފައިވަނީ އާންމު ހަރަކާތްތަކުން ނަގާ ފޮޓޯތައް އޭއައި ޓޫލްސް ބޭނުންކޮށްގެން އިތުރަށް ރީތިކުރުމުގެ ނަމުގައި ބަދަލުނުކޮށް، އޭގެ އަސްލު ގޮތުގައި ބޭނުންކުރުމަށެވެ.

އެކަން ކުރުމުގެ ކުރިން އެ މީހެއްގެ ހުއްދަ ހޯދުމުގެ މުހިންމުކަން ޔާމީ ފާހަގަކުރިއެވެ. މިއީ އާދައިގެ ފޮޓޯ އެޑިޓްކުރުމަށްވުރެ ބޮޑަށް ކަންބޮޑުވުންތަކެއް އޭގައި ހުރި ކަމެއްގެ ގޮތުގައި ޔާމީ ސިފަކުރިއެވެ. ސަބަބަކީ އޭއައިގެ އެހީގައި މީހެއްގެ މޫނުމަތީގެ ސިފަތަކާއި، ހެދުން އަދި ސޫރައަށް ބަދަލުުގެނެސް، އެ މީހަކު ދުވަހަކުވެސް ނޫޅޭފަދަ ހާލަތްތަކުގައި ހުރިކަން ދެއްކުމުގެ ޤާބިލުކަން މި ޓެކްނޮލޮޖީއަށް ލިބިފައިވުމެވެ.

ޖާންވީ ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ޖޫނިއާ އެންޓީއާރްއާ އެކު--ފޮޓޯ/ޕިންކްވިލާ

ޖާންވީ ކަޕޫރަށް ކުރިމަތިވި ހާދިސާގައި ބޭނުންކޮށްފައިވަނީ 'ދޭވަރާ: ޕާޓް 1'ގެ މަޤުބޫލު ލަވަ 'ޗުއްޓާމައްލެ'ގައި އޭނާ އާއި ޖޫނިއަ އެންޓީއާރު ހަރަކާތްތެރިވާ މަންޒަރުތަކެވެ. އެ މަންޒަރުތައް އޭއައި މެދުވެރިކޮށް ބަދަލުކޮށް، އަސްލު ލަވަޔާ ޚިލާފަށް ހުތުރު މަންޒަރުތައް ހިމެނުމަށްފަހު ވީޑިއޯއެއްގެ ގޮތުގައި ވަނީ އިންޓަނެޓުގައި އާންމުކޮށްފައެވެ. މި މައްސަލައިގައި ޖޫނިއާ އެންޓީއާރު ވަނީ އެ ވީޑިއޯ އުފެއްދި މީހުންނާއި އެ ވީޑިއޯ ފަތުރާ މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ. އަދި ޖާންވީ ވަނީ މިއީ އޭނާގެ އަބުރަށް އަރައިގަތުން ކަމަށް ސިފަކޮށް، އަންހެނުންގެ ޑިޖިޓަލް ރައްކާތެރިކަމާ މެދު ސުވާލުު އުފައްދާފައެވެ.

އިންޑިއާގައި 'ޑީޕްފޭކް އެކްޓް'ގެ ނަމުގައި ވަކި ޚާއްސަ ޤާނޫނެއް ނެތް ނަމަވެސް، މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައި ތަފާތު ޤާނޫނީ މާއްދާތައް ބޭނުންކުރެވެއެވެ. އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) އެކްޓުގެ ދަށުން އެހެން މީހެއްގެ ނަމުގައި ވަގުއެއްޗެހި ހެދުމާއި، އަމިއްލަ މައުލޫމާތާއި ސިއްރުތައް ހާމަކުރުމާއި، އަދި ހުތުރު ނުވަތަ ޖިންސީ ސިފަ އެކުލެވޭ ތަކެތި އާންމުކުރުން މަނާކުރާ މާއްދާތައް ބޭނުންކުރެވެއެވެ. މީގެ އިތުރުން 'ބާރަތިޔާ ނިޔާޔަ ސަންހިތާ'ގެ ދަށުން އަންހެނުންނަށް ކުރާ ގަނާ އާއި އަބުރަށް އަރައިގަތުމުގެ މައްސަލަތަކުގައި ފިޔަވަޅު އެޅެއެވެ.

އޭއައި މެދުވެރިކޮށް އުފައްދާ މީޑިއާ ކޮންޓްރޯލްކުރުމަށްޓަކައި އައިޓީ ޤަވާއިދުތަކަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ. މި އިސްލާހުތަކުގެ ދަށުން، ޤާނޫނާ ޚިލާފަށް އޭއައި މެދުވެރިކޮށް އުފައްދާ ސިންތެޓިކް މީޑިއާ އުފެއްދުމާއި ފެތުރުން ހުއްޓުވުމަށްޓަކައި ފިޔަވަޅުތައް އެޅުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަނީ މަޖުބޫރުކޮށްފައެވެ. އަދި އެހެން މީހުންގެ ސޫރަ ބޭނުންކޮށްގެން ހަދާ އަސްލެއް ނެތް މީޑިއާ ވަގުތުން ނެގުމުގެ ނިޒާމެއް ޤާއިމުކުރުން ވެސް ހިމެނެއެވެ.

ނުރުހުމުގައި މީހެއްގެ ފޮޓޯ ނުވަތަ ވީޑިއޯ އޭއައި މެދުވެރިކޮށް ބަދަލުކޮށްފިނަމަ، އެންމެ ފުރަތަމަ ކަމަކަށް ހެކި ރައްކާތެރިކުރުން މުހިންމެވެ. އެގޮތުން ސްކްރީންޝޮޓް ނެގުމާއި، ލިންކުތައް ސޭވްކުރުން ހިމެނެއެވެ. އެއަށްފަހު އެ މީޑިއާއެއް އާންމުވި ޕްލެޓްފޯމަކަށް ރިޕޯޓްކޮށް، ސައިބާ ކްރައިމް އޮތޯރިޓީއަށް ނުވަތަ ފުލުހުންނަށް މައްސަލަ ހުށަހެޅިދާނެއެވެ. ސީރިއަސް މައްސަލަތަކުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު އަބުރާ ބެހުމާއި، ޖިންސީ ގޯނާކުރުމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެއެވެ.

ޔާމީ އާއި ޖާންވީގެ އޭއައި ފޮޓޯތަކުގެ ހާދިސާއިން ތިލަވެގެންދަނީ އޭއައި ނުބައިގޮތުގައި ބޭނުންކުރުމުގެ ދެ މޫނެކެވެ. ޔާމީ ކަންބޮޑުވުން ފާޅުކުރީ ސައްހަ ފޮޓޯތަކަށް ބަދަލުގެނައުމުން ކަމަށްވާއިރު، ޖާންވީއަށް ކުރިމަތިވީ އޭނާގެ އަބުރު ގެއްލޭފަދަ އިއްޒަތް ނަގާލަނިވި ވީޑިއޯއެކެވެ. ޓެކްނޮލޮޖީގެ ކުރިއެރުމާއެކު އިންސާނީ ކަރާމާތާއި އަމިއްލަ މިނިވަންކަން ރައްކާތެރިކުރުމަކީ މަޝްހޫރު ފަންނާނުންގެ އިތުރުން އާއްމުންގެ ގިނަ ބަޔަކަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

comment ކޮމެންޓް