ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ޚާއްޞަ ލަވައަކުން، 15 އަހަރުގެ ދިގު މުއްދަތަކަށްފަހު، މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް ޚާން ފެނިގެންދާނެކަން ކަށަވަރުވެއްޖެއެވެ.
ޚަބަރުތައް ބުނާގޮތުން، "ޑެޑީ ކޫލް"ގެ ނަން ދެވިފައިވާ މި ލަވައަކީ މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އަދި ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބޭނެ އެއް މަންޒަރަށް ވެގެންދާނެއެވެ. މި ލަވައިގެ ޝޫޓިންގް މި މަހުގެ ފަހުކޮޅު ސައުތު އެފްރިކާގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ފިލްމާ ގުޅުންހުރި ފަރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، "ޑެޑީ ކޫލް" އަކީ ވަރަށް ޚާއްޞަ ގޮތަކަށް ތައްޔާރުކުރެވޭ ލަވައެކެވެ. އަދި މީގެ ކުރިން ބެލުންތެރިންނަށް ފެނިފައިނުވާފަދަ އާދަޔާޚިލާފު ގޮތަކަށް ޝާހްރުކް އާއި ކަރީނާ މި ލަވައިން ފެނިގެންދާނެއެވެ. އުފެއްދުންތެރިން މަސައްކަތް ކުރަމުންދަނީ މި ލަވައަކީ ބެލުންތެރިންގެ ހަނދާނުން ފުހެވިގެންނުދާނެ ފަދަ ފުރިހަމަ ލަވައަކަށް ހެދުމަށެވެ.
ސަޗިން-ޖިގަރު މިއުޒިކް ތައްޔާރުކުރާ މި ލަވައިގައި އިންޑިއާގެ އިތުރުން ބައިނަލްއަޤްވާމީ މަޝްހޫރު ފަންނާނަކުވެސް ބައިވެރިވާނެއެވެ. ނަމަވެސް އެ ފަންނާނުންގެ މައުލޫމާތު އުފެއްދުންތެރިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޝާހު އާއި ކަރީނާ މީގެކުރިން އެކީގައި މަސައްކަތްކުރި ފިލްމުތައް ކަމަށްވާ "އަސޯކާ" އަދި "ރާ.ވަން"ގެ މަންޒަރެއްގައި ދެ ތަރިން--ފޮޓޯ/ފިލްމުފެއަޝާހްރުކް އާއި ކަރީނާ މީގެ ކުރިންވެސް ވަނީ "ކަބީ ޚުޝީ ކަބީ ޣަމް" އަދި "ޑޮން" ފަދަ ކާމިޔާބު ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށް، ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ހޯދާފައެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މި ފިލްމަކީ ޝާހްރުކް ޚާން އާއި އޭނާގެ ދަރިފުޅު ސުހާނާ ޚާން އެކުގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމުގެ ކާސްޓުގައި ހިމެނޭ މުހިންމު ތަރިންގެތެރޭ، ދީޕިކާ ޕަދުކޯން، އަބީޝެކް ބައްޗަން، ރާނީ މުކަރްޖީ، ޖެކީ ޝްރޯފް، ސޯރަބް ޝުކްލާ، އަރުޝަދު ވަރްސީ، ރާގަވް ޖުޔާލް، އަނިލް ކަޕޫރް، ޖަޔަދީޕް އަހްލާވަތު އަދި އަބޭ ވަރްމާ ފަދަ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ހިމެނެއެވެ.
ޝާހްރުކްގެ އަމިއްލަ ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އޭނާގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް މި ފިލްމުގެ ޓައިޓަލް ޓީޒަ އާންމުކޮށްފައެވެ. މި ފިލްމުގައި ޝާހު ކުޅޭ ކެރެކްޓާއަކީ އެންމެންވެސް ޖެހިލުންވާ ފަދަ ބިރުވެރި ކުރީގެ ގޭންގްސްޓާއެއްގެ ކެރެކްޓާއެވެ.
ކަރީނާ ކަޕޫރް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މެގްނާ ގުލްޒާރު ޑައިރެކްޓްކޮށް، ޕްރިތުވީރާޖް ސުކުމާރަން މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމު "ދާއިރާ"އިންނެވެ.