އިންޑިއާގެ މަޝްހޫރު ޔޫޓިއުބަރު އަދި ޕޮޑްކާސްޓަރު ރަންވީރު އަލާބާދިއާ މަޝްހޫރުން ނަމުންނަމަ 'ބީއާރްބައިސެޕްސް' އާއި އޭނާގެ ލޯބިވެރިޔާ ޖޫހީ ބަޓް، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
ރާއްޖޭގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ 'ދަ ހަލްސިއަން ޕްރައިވެޓް އައިލްސް މޯލްޑިވްސް'ގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ދެ މީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު މި ޚާއްސަ ޗުއްޓީ ދަތުރަކީ، ދެމީހުންގެ ގުޅުމަށް އަހަރެއް ފުރުމާއި ޖޫހީގެ އުފަންދުވަސް ފާހަގަކުރުމަށްޓަކައި ކުރި ދަތުރެކެވެ.
ރާއްޖޭގެ ރީތި ގޮނޑުދޮށުތަކާއި މޫދު ކައިރީގައި ރަންވީރު އާއި ޖޫހީ އެކީގައި ނަގާފައިވާ ހިތްގައިމު ތަސްވީރުތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް އިއުލާނުކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހު ކެންޔާގެ މަސާއި މާރާއަށް ކުރި ޚާއްސަ ދަތުރުގެ ފޮޓޯތަކުންނެވެ.
އިއްޔެ އުމުރުން 30 އަހަރު ފުރުނު ޖޫހީގެ އުފަންދުވަހާ ދިމާކޮށް ކުރި މި ދަތުރުގައި، ދެމީހުންގެ ލޯބީގެ ގުޅުމަށް އަހަރެއް ފުރުން ވެސް ވަނީ ފާހަގަކޮށްފައެވެ.
ރަންވީރު އާއި ޖޫހީ ކެންޔާގެ މަސާއި މާރާގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމްއިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ ޖޫހީ ބަޓްއަކީ އެކްޓްރެސްއެއްގެ އިތުރުން ޑިޖިޓަލް ކްރިއޭޓަރެކެވެ. އޭނާ ވަނީ "ތުމްސޭ ނާ ހޯޕާއޭގާ" އާއި "ބަޔޭ: ދަ ގޯރަވް ތިވާރީ މިސްޓްރީ" ފަދަ މަޝްހޫރު ޕްރޮޖެކްޓްތަކުން ފެނިގެންގޮސްފައެވެ. އަދި "ފުކްރޭ 3"ގެ ލަވައަކުންވެސް އޭނާ ވަނީ ފެނިފައެވެ.
އާންމުކޮށް އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުކުރާ ރަންވީރު، މިހާރު ޖޫހީއާއެކު ހޭދަކުރާ އުފާވެރި ވަގުތުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށުމުން، ސަޕޯޓަރުން އަންނަނީ އެ ދެ މީހުންގެ ގުޅުމަށް ވަރަށް ބޮޑަށް ތައުރީފުކުރަމުންނެވެ.
މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރު އަދި ޔޫޓިއުބަރު ރަންވީރު އަލާބާދިއާ އަކީ އިންޑިއާގެ ޑިޖިޓަލް މީޑިއާގައި މަސައްކަތްކުރާ ފަންނާނުންގެތެރެއިން އެންމެ ނުފޫޒުގަދަ އެއް ފަރާތެވެ. އޭނާގެ މައިގަނޑު މަސައްކަތްތައް ގުޅިފައިވަނީ "ބިއަބައިސެޕްސް" އަދި "ދަ ރަންވީރު ޝޯ"ގެ ނަމުގައި ހިންގާ ޔޫޓިއުބް ޗެނަލްތަކާއި ޕޮޑްކާސްޓްތަކާއެވެ. މި ޕްލެޓްފޯމްތަކުގައި ފިލްމީ ތަރިންނާއި، ސިޔާސީ ބޭފުޅުންނާއި، ކުޅިވަރު ތަރިންގެ އިތުރުން ވިޔަފާރިވެރިންނާއެކު ތަފާތު މައުޟޫއުތަކަށް އޭނާ އިންޓަވިއު ކުރެއެވެ.
ޕޮޑްކާސްޓިންގްގެ އިތުރުން، އޭނާއަކީ "މޮންކް އެންޓަޓެއިންމަންޓް" ނަމަކަށް ކިޔާ ޓެލެންޓް މެނޭޖްމަންޓް އަދި ޑިޖިޓަލް މީޑިއާ އޭޖެންސީގެ ކޯ-ފައުންޑަރެކެވެ. މީގެއިތުރުން ޑިޖިޓަލް ކޯސްތަކާއި ތަފާތު ސްޓާޓްއަޕްތަކުގައި ވެސް އޭނާ ވަނީ އިންވެސްޓްކޮށްފައެވެ.
މި މަސައްކަތްތަކުން އޭނާއަށް މަހަކު އެވްރެޖްކޮށް 30 ލައްކަ ރުޕީސް އާއި 40 ލައްކަ ރުޕީސް (ގާތްގަނޑަކަށް 48،000 އެމެރިކާ ޑޮލަރު)ގެ އާމްދަނީއެއް ލިބޭކަމަށް ބެލެވޭއިރު، އޭނާގެ މުޅި މިލްކިއްޔާތުގެ އަގު ގާތްގަނޑަކަށް 8.5 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް ރިޕޯޓުތަކުން ބުނެއެވެ. މި އާމްދަނީ މައިގަނޑުގޮތެއްގައި ލިބެނީ ޔޫޓިއުބް އެޑްސެންސްގެ އިތުރުން ސޯޝަލް މީޑިއާ އާއި ޕޮޑްކާސްޓްތަކުގައި ބްރޭންޑްތައް އިޝްތިހާރުކޮށްދީގެންނާއި، ސްޕޮޓިފައި ފަދަ އޯޑިއޯ ޕްލެޓްފޯމްތަކުންނާއި، އޭނާގެ މީޑިއާ އޭޖެންސީ އިން ލިބޭ ނަފާއިންނެވެ.