ގޭންގްތަކުގެ މުގުލުގައި ސިޔާސީ ވެރިން!؟

ސިޔާސީ ބޭފުޅެއްގެ ކާރުގެ ބިއްލޫރިތައް ތަޅާލަފާނެ އެވެ. ސިޔާސީ އެއްވުމެއް ތެރެއަށް ވަދެ އެތަނަށް ގައު އުކައި ބަޔަކު ޒަހަމް ކޮށްލަފާނެ އެވެ. ފިހާރައެއްގެ ބިއްލޫރިތައް ތަޅާލަފާނެ އެވެ. ސިޔާސީ މީހަކު ބްލެކް މެއިލް ކުރަން މަސައްކަތް ކޮށްފާނެ އެވެ. މި ހުރިހާ ހަރަކާތެއްގެ އަޑީގައި ތިބެނީ މާލޭގެ ނަން މަޝްހޫރު ގޭންގްތަކެވެ. ފުޅާ ދާއިރާއެއްގައި ގޭންގްތައް ހިންގާ ކަމަށް ބަޔަކަށް ނުވިސްނިދާނެ އެވެ. ނަމަވެސް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ އެކުހެން މާލޭގެ ގޭންގްތަކުގެ އަޑިނޭނގޭ ހަގީގަތްތަކެއް ފެންމަތިވެއްޖެ އެވެ.

މިއަހަރު ތެރޭ އެކަނި ވެސް ގޭންގްތަކާ ގުޅުން ހުރި 10 މަރު ފެންމަތިވީއިރު އުފެދޭ ސުވާލުތައް ގިނަ އެވެ." ގޭންގްތަކުން މިފަދަ އަމަލުތައް ހިންގަނީ ކީއްވެ ހެއްޔެވެ؟"، މިކަމަށް ހިތްވަރު ދެނީ ކޮންބައެއްހެއްޔެވެ؟،"

އެއީ މަޖަލަކަށް ކުރާކަމެއްކަން ބުނަން ދައްޗެވެ. އަދި އެއީ މަސްތުވުމުގެ ނަތީޖާއޭ ވެސް ބުނަން ދައްޗެވެ. ސިޔާސީ ބައެއް ބޭފުޅުންގެ ބޮޑީ ގާޑުންނާ ކައިރި ރަހުމަތްތެރިންގެ ގޮތުގައި "ގޭންގް ލީޑަރުން" ފެނެ އެވެ. ރާއްޖެ އަށް އައި ޑިމޮކްރެޓިކް ބަދަލުތަކާ އެކު ގޭންގްތައް ވެސް ސިޔާސީ ގުޅުންތައް ބަދަހިކޮށް އޭގެ ފައިދާ ހޯދާވާހަކަ އަބަދު ދައްކަ އެވެ.

ވެރިރަށް މާލޭގެ ގޭންގްތަކާ ބެހޭ ގޮތުން މިހާތަނަށް ކުރި ހަމަ އެކަނި އިލްމީ ދިރާސާ އިން މާލޭގެ ގޭންގްތަކުގެ އަޑި ހާމަވެއްޖެ އެވެ. މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ފަހު އާއްމުކުރި ރިޕޯޓުން ހާމަވާ ގޮތުގައި މާލޭގެ ގޭންގްތަކުން މިލިއަނުން ލާރި ހޯދަނީ ދެ ފަރާތަކުންނެވެ. އެއީ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނެވެ.

ސީދާ ގޭންގްތަކުގެ މެމްބަރުން މައުލޫމާތުދީފައިވާ އެ ރިޕޯޓުގައި ގިނަ ގޭންގްތަކަށް ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިން ހަރަދުކުރަނީ އެކި ސިފަސިފައިގައި އެކި މަގުސަދުތައް ހާސިލްކުރުމަށެވެ.

ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިން ގޭންގްތަކަށް ހަރަދުކުރަނީ ސީދާ ފައިސާ ދިނުމާއި ގޭންގް މެމްބަރުންގެ ހިތްހަމަޖެހޭ ކަންތައްތަކަށެވެ. އެއީ ރަލާއި އެނޫންވެސް މަސްތުވާތަކެތި ސަޕްލައިކޮށްދިނުމަކީ ވެސް ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ އާދައެކެވެ.

"ސިޔާސީ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކުން އާންމު ގޮތެއްގައި މުއާމަލާތްކުރަނީ ގޭންގް ލީޑަރުންނާ އެވެ. ހަވާލުކުރާ މަސައްކަތް ކުރާ މެންބަރުންނަށް ލިބެނީ ފައިސާގެ ވަރަށް ކުޑަ ބައެކެވެ. ލީޑަރުންނަށް ބައެއް ފަހަރު މަހަކަށް އެއް ލިމިޔަން ރުފިޔާ ލިބެ އެވެ. އެއީ ސިޔާސީ މީހުންގެ މުޑުދާރު ހަރަކާތްތައް ހިންގައިދިނުމަށް ތައްޔާރަށް ތިބޭތީއެވެ،" ރިޕޯޓްގައިވެ އެވެ.

ދިރާސާ ރިޕޯޓުން ފެންނަ ބިރުވެރިހަގީގަތަކީ މީހުން މެރުމަށް ސީދާ ގޭންގްތަކާ ހަވާލުކޮށް ބޮލަށް ފައިސާ ބެހެއްޓުމެވެ. މީގެ ކުރިން އެންމެންނަށް ވެސް ހީވެފައި އޮންނަނީ އެއީ ފިލްމުތަކުން ފެންނަ ހިޔާލީ ފޮލާއެއް ކަމަށެވެ. ގްރޫޕްތަކުން މީހުން ގަޔަށް ވަޅި ހަރަނީ ބަދަލުހިފުމުގެ ރޫހުގައި ކަމަށް އެންމެނަށް ވެސް އޮންނަނީ ހީވެފަ އެވެ.
ނަމަވެސް ދިރާސާ ކުރި ފަރާތްތަކަށް ގޭންގް މެމްބަރުން ކިޔައިދީފައިވާ ގޮތުގައި މީހެއްގެ ޕްރޮފައިލް ހިމެނޭ ފައިލަކާއި ފައިސާ ދިނުމުން އެމީހަކު މަރާލުމުގެ ހާދިސާތައް ހިންގާފައިވެ އެވެ.

ސިޔާސީ ފަރާތްތަކުން ގޭންގްތަކަށް ހަދުކޮށްގެން ހިންގާ ޖަރީމާތަކަށް ބަލާއި އިރު ރައްޔިތުންގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމުގެ ބޭނުމުގައި ހިންގާ ޖަރީމާތަކާއި ސިޔާސީ ވާދަވެރިން ހިންގާ ސިޔާސީ ހަރަކާތްތައް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލައި ނާކާމިޔާބު ކޮށްލުމެވެ.

ގޭންގް މެމްބަރުންނާއި ލީޑަރުންގެ ސީދާ ބަހުން އެނގެނީ ރާއްޖޭގެ މައިގަނޑު ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ގޭންގްތަކުގެ ބޭނުން ހިފާ ކަމަށެވެ. އެގޮތުން އެމްޑީޕީ އާއި ޕީޕީއެމް އާއި ދިވެހިރައްޔިތުންގެ ޕާޓީ ޑީއާރުޕީ އާއި އަދި ޖުމްހޫރީޕާޓީ އެ ލިސްޓުގައިހިމެނެ އެވެ.

ރިޕޯޓްގައި ނަން ފާހަގަކޮށްފައިވިޔަސް ސިޔާސީ ޕާޓީތަކުން އެ ތުހުމަތުތައް ވަރަށް ބޮޑަށް ދޮގު ކުރެ އެވެ. ޕާޓީތަކުން ގަބޫލުކުރަނީ ކުށްކުރާ ގޭންގް މެމްބަރުން ބުނާ ބަހަކަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ. އަދި އެފަދަ ބަޔަކު ދޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ރިޕޯޓެއްގައި ސިޔާސީ ޕާޓީތަކުގެ ނަން ހިމަނައިގެން ވެސް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން އެ ރިޕޯޓްގައި އަޅުގަނޑުމެންގެ ޕާޓީގެ ނަން ހިމަނާފައި ވާތީ، އެއީ ޕާޓީއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް، އަޅުގަނޑުމެންގެ ފަހަތުން ވަޅި ހިފައިގެން ދުވާ ގޭންގް މެމްބަރުން އަޅުގަނޑުމެންނާ ބެހޭ ގޮތުން ބުނާ އެއްޗެއް އެއީ ތެދެއް ކަމަށް ރިޕޯޓް ތައްޔާރުކުރި ފަރާތުން ބަލައިގެން ނުވާނެ، އަޅުގަނޑުމެން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރަން، އެއީ ޒިންމާދާރުކޮށް ކޮށްފައިވާ ކަމެއް ނޫން،" ޕީޕީއެމްގެ އިންތިގާލީ ނައިބުރައީސް އުމަރު ނަސީރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ގޭންގްތަކުގެ ބިރުދެއްކުން ހުދު އޭނާ އަށް ވަނީ ތަޖުރިބާ ކުރެއްވިފަ އެވެ.

"އަޅުގަނޑުމެންގެ ލޮލުގައި ޖެހޭ ހިސާބަށް ވަޅި ގެނެސް އިންޒާރު ދީފައި އެބަހުރި،" އުމަރު ވިދާޅުވި އެވެ. އުމަރު ތުހުމަތުގެ އިނގިލި ދިއްކުރެއްވީ ޕީޕީއެމްގެ އެންމެ ބޮޑު ވާދަވެރިކަން އޮންނަ އެމްޑީޕީން އަށެވެ.
ނަމަވެސް އެމްޑީޕީން ވެސް އެކަމާ ހަވާލެއްނުވެ އެވެ. އެ ޕާޓީން ވެސް ބުނަނީ އެއްވެސް ސިޔާސީ ޕާޓީއަކުން އެފަދަ ގޮތަކަށް ކަންތައް ކުރާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"ގޭންގްތައް ހިންގައި އެމީހުންނަށް ފަންޑު ކުރުން ފަދަ ކަންތައްތައް އެއްވެސް ސިޔާސީ ޕާޓީއަކުން ކޮށްފާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ހަމަ ގައިމު ވެސް އެމްޑީޕީން އެފަދަ ކަމެއް ނުކުރޭ. އަޅުގަނޑުމެން ފައިސާ ހަރަދުކުރާ ގޮތުގެ އޮޑިޓް ރިޕޯޓެއް ކޮންމެ އަހަރަކު ވެސް އިލެކްޝަން ކޮމިޝަނަށް ހުށައަޅަން،" އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވި އެވެ.

ނަމަވެސް މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް މިދިޔަ އަހަރު އޭރުގެ ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން ދެއްވި މައުލޫމާތުން ރިޕޯޓްގައި ފާހަގަކޮށްފައިވާ ފެންވަރަށް ގޭންގްތަކުގެ ހަރަކާތްތައް ގޮސްފައި އޮވެދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ނަމަވެސް އެރިޕޯޓަށް ބަރޯސާވުމަކީ ރަނގަޅު ކަމެއް ނޫން ކަމެއް ނޫންކަމަށް މޫސަ ވިދާޅުވެ އެވެ؛" ދެން ހަމަ ބަޔަކު ނެރޭ އެފަދަ ރިޕޯޓެއްގައި ލިޔާ ވާހަކަތައް ބޭނުންކޮށްގެން އެކަން ސިޔާސީ ކުރުން އެއީ ރަނގަޅު ގޮތެއް ނޫނެއް ނޫންތޯ؟" މޫސަ ވިދާޅުވި އެވެ.

ޑީއާރުޕީގެ އިސް ބޭފުޅުން ވެސް ވިދާޅުވަނީ އެ ޕާޓީން ވެސް އެފަދަ ކަމެއްގައި ބައިވެރިނުވާ ކަމަށެވެ. އަދި ހިތްވަރުވެސް ނުދޭ ކަމަށެވެ. އަދި ހާއްސަކޮށް ތަސްމީންގެ ލީޑާ ޝިޕްގައި އެފަދަ ކަމެއް ހިނގާފައި ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބޭފުޅުން ދެއްވި އެވެ.

"ޑީއާރުޕީއަކުން އެފަދަ ކަމެއް ގައިމުވެސް ކޮށްފައެއް ނުވާނެ. އަޅުގަނޑު މިދެންނެވީ ނިއު ޑީއާރުޕީ، އަހުމަދު ތަސްމީނު އަލީގެ ލީޑަޝިޕްގެ ދަށުން ޑީއާރުޕީ ހިނގަން ފެށި ފަހުން ގައިމު ވެސް އެފަދަ ކަމެއް ކޮށްފައެއް ނުވާނެ،" ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާދާއިރާގެ މެމްބަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވި އެވެ.

އެއްވެސް ސިޔާސީ ޕާޓީއަކުން ނުވަތަ ސިޔާސީ ފަރާތަކުން ވެސް ގޭންތަކަށް އެފަދަ ގާތްގުޅުންތަކެއް ބާއްވާ އެހީތެރިވެދީފާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް ޑރ. މައުސޫމު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ރިޕޯޓަށް ފުރިހަމައަށް އިންކާރު ކުރާ އިރު ފެންނަ މަންޒަރުތައް އެއާ ދިމާއިދިކޮޅެވެ. އެކި ގޭންގްތަކަށް ނިސްބަތްވާ ކްލަބްތަކަށް ފައިސާ ހަރަދުކުރާއިރު ސިޔާސީ މަގުސަދަށް ސީދާ ގޮތުން ގޭންގަށް ފައިސާ ހަރަދު ނުކުރާނެ ކަމަށް ގަބޫލުކުރަން ވަރަށް ވެސް ދައްޗެވެ. ތަންތަނަށް ވަޑައިގަންނަވާ އިރު ބޮޑީ ގާޑުންގެ ގޮތުގާ ނަން މަޝްހޫރު ގޭންގް މެންބަރުން ހަރަކާތްތެރިވެ އެވެ. ސިޔާސީ ވެރިންނާއި ގޭންގް މެންބަރުން ގުޅުން ނެތްކަމަށް ކިތަންމެ ވަރަށް ބުންޏަސް އެ ވާހަކަތައް ގަބޫލުކުރަން ވަރަށް ވެސް އުނދަގުލެވެ.
ގުޅޭ ޓެގު
comment ކޮމެންޓް