ހެޔޮ ވެރިކަމެއްގެ ހަގީގަތް މިންކުރެވޭނީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުން: އަބްދުއްރަހީމް

ހެޔޮ ވެރިކަމެއްގެ ހަގީގަތް މިންކުރެވޭނީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ޓެންޒޭނިއާގެ އަރޫޝާގައި މިހާރު ކުރިއަށްދާ އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ތަގުރީރުކުރައްވަމުންނެވެ.

އިއްޔެއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އެސެމްބްލީގައި އެމަނިކުފާނު ތަގުރީރުކުރެއްވީ، ހެޔޮ ވެރިކަމެއް ގާއިމުކުރުމާއި، އިންސާފުވެރި ފުރުސަތުތަކެއްގެ ތެރެއިން މުޖުތަމައުތައް ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނެވެ.

މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި، ހެޔޮ ވެރިކަމަކީ ހަމައެކަނި މުއައްސަސާތަކާ ގުޅިފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަމެކެވެ. އަދި ރައްޔިތުންގެ އަޑު އެހުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން، ދައުލަތުގެ ނިޒާމުތަކާމެދު ރައްޔިތުންގެ އިތުބާރު އޮތުމަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގާނޫނުތައް ހެދުމުގެ އިތުރުން، ސިޔާސަތުތައް ތަންފީޒުވަމުންދާ ގޮތް ބެލުމާއި، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމަކީ ގާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންގެ ޒިންމާއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގާނޫނުހަދާ މަޖިލިސްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އައިޕީޔޫ ފަދަ ޕްލެޓްފޯމްތަކަކީ ގައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމަށް އޮތް އެންމެ ރަނގަޅު ވަސީލަތް ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ހެޔޮ ވެރިކަމެއް ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުން، ޑިޖިޓަލް ނިޒާމުތަކުގެ މައްޗަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ބޭނުންކުރާ "އީފާސް" ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް މަގުފަހިވެފައިވެއެވެ. އަދި ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އީފާސް ނިޒާމުގައި މިހާރުވެސް 272،000 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓަރީވެފައެވެ. މިއީ އުމުރުން 10 އަހަރުން މަތީގެ އާބާދީގެ ގާތްގަނޑަކަށް 80 އިންސައްތައެވެ.

މި ނިޒާމު މެދުވެރިކޮށް ސަރުކާރުގެ 17 އިދާރާއެއްގެ ޚިދުމަތްތައް "ވަންގަވް" ޕްލެޓްފޯމް މެދުވެރިކޮށް ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ. އަދި ޑިޖިޓަލް ޚިދުމަތްތައް ފުޅާވަމުންދާއިރު، އެ ނިޒާމުތަކަކީ ރައްކާތެރި އަދި ހާމަކަން ބޮޑު ނިޒާމުތަކަކަށް ހެދުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން، ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށާއި، ޓެކްނޮލޮޖީއަކީ ރައްޔިތުންގެ ލާބައަށް ބޭނުންކުރެވޭ އެއްޗެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޑިޖިޓަލް ލިޓަރަސީ އިތުރުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް ޓެކްނޮލޮޖީ ބޭނުންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނަކީ ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް އޮތް ވަރަށް މުހިންމު އޮނިގަނޑެއް ކަމަށް ވިދާޅުވެ، އެ ގާނޫނުތަކުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކޮންމެ ރައްޔިތަކަށްވެސް އެ މީހެއްގެ އަޑު އިއްވުމުގެ ފުރުސަތު ލިބި، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ބައިވެރިވެވޭނެކަން ކަށަވަރުކުރުމަކީ ހެޔޮ ވެރިކަމެއްގެ އަސާސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ގާއިމުކުރެވޭނީ ހާމަކަން ބޮޑުކޮށް، ޒިންމާދާރުކަމާއެކު މަސައްކަތްކޮށްގެން ކަމަށް މަޖިލީހުގެ ރައީސްގެ ތަގުރީރުގައި ވިދާޅުވިއެވެ. މިގޮތުން، ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމުގެ ހައްގު ކަށަވަރުކޮށްދޭ ގާނޫނެއް ރާއްޖޭގައި އޮތުމަކީ މީގެ މުހިންމު މިސާލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަން ރައްޔިތުންނަށް ސާފުކޮށް އެނގުމުގެ މަގު ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަންތަކާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، އެފަދަ އިދާރާތައް ބާރުވެރިކުރުވުމުގެ މުހިންމުކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އޭސީސީއަކީ ދައުލަތުގެ ފައިސާއާއި މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް މުހިންމު ދައުރެއް އަދާކުރާ މުއައްސަސާއެއްކަން ފާހަގަކުރައްވައި، އެފަދަ އިދާރާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮވާލެއްވިއެވެ. ރައްޔިތުންނަށް ނަތީޖާ ނުނެރެދެވޭނަމަ، ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮންނަ ގާނޫނުތަކަކުން ހެޔޮ ވެރިކަމެއް ގާއިމުނުކުރެވޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހެޔޮ ވެރިކަމެއްގެ ހަގީގަތް މިންކުރެވެނީ މުއައްސަސާތަކުގެ ނަންތަކުން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުން މިންކުރެވޭ ކަމެކެވެ. ރައްޔިތުން ބޭނުންވަނީ އެމީހުންގެ އަޑު އެހުމާއި، އިންސާފުވެރިކަމާއެކު ކަންކަން ނިންމުމާއި، އުޖާލާ މުސްތަގުބަލެއް ބިނާކުރުމަށް ފުރުސަތުތަކެއް ލިބުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ސުލްހައާއި ސަލާމަތާ ނުލައި ހެޔޮ ވެރިކަމެއް ގާއިމުނުކުރެވޭނެ ކަމަށް ވިދާޅުވެ، މެދުއިރުމަތީގެ މަސްރަހަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. ހާއްސަކޮށް ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އެފްރިކާގެ ބައެއް ސަރަހައްދުތަކުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ތަހައްމަލުކުރަން ޖެހެނީ އާންމު ރައްޔިތުންނަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމާއި، އިންސާނީ ކަރާމާތް ހިމާޔަތްކުރުމުގެ އިތުރުން، ސުލްހަވެރި ހައްލުތަކަށް ބާރުއެޅުމަކީ ގާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. ތަފާތު ސިޔާސީ ނިޒާމުތަކެއް އޮތް ގައުމުތަކުން އައިޕީޔޫގައި ބައިވެރިވި ނަމަވެސް، ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އެދެނީ ސުލްހައާއި ރައްކާތެރިކަމާއި އުޖާލާ މުސްތަގުބަލެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ފަލަސްތީނުގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުން އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ދެފުށްފެންނަ ސިޔާސަތުތަކެއް ގެންގުޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ހަނގުރާމަތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ގާނޫނުހަދާ މަޖިލިސްތަކުން ގުޅިގެން މަސައްކަތްކުރުމަށް އަބްދުއްރަހީމް ބާރުއެޅުއްވިއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މުއާހަދާތަކަށް ހުރިހާ ގައުމަކުންވެސް އިހުތިރާމުކުރުމަކީ ދުނިޔޭގެ ސުލްހަ ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

މި އެސެމްބްލީގައި ތަގުރީރުކުރައްވަމުން، އައިޕީޔޫގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޓެންޒޭނިއާގެ ޑރ. ޓުލިއާ އެކްސަންއަށް މަޖިލީހުގެ ރައީސް ވަނީ ތައުރީފުކުރައްވާފައެވެ. ޑރ. ޓުލިއާގެ ރައީސްކަމުގެ ދައުރު މި އެސެމްބްލީއާއެކު ހަމަވާއިރު، އެކަމަނާ ކުރެއްވި ހިދުމަތްތަކަށް އަބްދުއްރަހީމް ޝުކުރުއަދާކުރެއްވިއެވެ. ޑރ. ޓުލިއާ އައިޕީޔޫގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ 2023 ވަނަ އަހަރު އެންގޯލާގައި ބޭއްވި 147 ވަނަ އެސެމްބްލީގައެވެ. މީގެ އިތުރުން، މިފަހަރުގެ އެސެމްބްލީ އިންތިޒާމުކުރުމުގައި ޓެންޒޭނިއާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު މެހެމާންދާރީއަށްޓަކައި އެ ގައުމުގެ ނޭޝަނަލް އެސެމްބްލީއަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ. ސިޔާސަތުތައް އެކުލަވާލުމުގައި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުއާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ގާނޫނުހަދާ މަޖިލިސްތަކަކީ ހާމަކަން ބޮޑު، ރައްޔިތުންގެ ބައިވެރިވުން އޮންނަ، އަދި ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އަރޫޝާގައި ކުރިއަށްދާ އައިޕީޔޫގެ 153 ވަނަ އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ ހަތް މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، މެދު މާފަންނު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އަދި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ހިމެނިވަޑައިގަންނަވައެވެ.

މި އެސެމްބްލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާނޫނުހަދާ މަޖިލިސްތަކުގެ މަންދޫބުން ބައިވެރިވާއިރު، އައިޕީޔޫގެ އާ ރައީސަކު އިންތިހާބުކުރުންވެސް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ. އައިޕީޔޫގެ އާ ރައީސަކު އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 9 ވަނަ ދުވަހު ބާއްވާ ގަވަނިން ކައުންސިލްގެ ބައްދަލުވުމުގައެވެ. މީގެ އިތުރުން، އައިޕީޔޫގެ ސްޓޭންޑިން ކޮމިޓީތަކާއި، އަންހެން މެންބަރުންގެ ފޯރަމް އަދި ޒުވާން މެންބަރުންގެ ފޯރަމްގެ ބައްދަލުވުންތައްވެސް މި އެސެމްބްލީގެ ތެރެއިން ކުރިއަށްދާނެއެވެ.

comment ކޮމެންޓް