އިންސްޓަގްރާމްގެ "އިންސްޓަންޓްސް" ފީޗާއާ މެދު އިނގިރޭސިވިލާތުން ތަޙުޤީޤެއް ފަށައިފި

މިކަމާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ބުނީ އޮންލައިން ސޭފްޓީ އެކްޓުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތަކަށް އެކުންފުނިން ނުހަނު ސަމާލުކަންދޭ ކަމަށް ---

އިންސްޓަގްރާމްގައި މެއި މަހު ތަޢާރަފުކުރި "އިންސްޓަންޓްސް" ފީޗާ ޢާންމުންނަށް ދޫކޮށްލުމުގެ ކުރިން، އޭގެއިން ކުރިމަތިވެދާނެ ނުރައްކާތައް ރަނގަޅަށް ވަޒަންކޮށްފައިވޭތޯ ބެލުމަށް، މެޓާއާ ދެކޮޅަށް އިނގިރޭސިވިލާތުގެ ކޮމިއުނިކޭޝަންސް ރެގިއުލޭޓަރު (އޮފްކޮމް) އިން ރަސްމީ ތަޙުޤީޤެއް ފަށައިފިއެވެ.

މިއީ އިނގިރޭސިވިލާތުގެ އޮންލައިން ސޭފްޓީ އެކްޓުގެ ދަށުން މެޓާއާ ދެކޮޅަށް އޮފްކޮމްއިން ކުރިއަށްގެންދާ މިފަދަ ފުރަތަމަ ތަޙުޤީޤެވެ. އިންސްޓަގްރާމްގެ މި ފީޗާއަކީ ބޭނުންކުރާ ފަރާތްތަކުން ހިއްސާކުރާ ކޮންޓެންޓް ބެލުމަށްފަހު އަމިއްލައަށް ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ ފީޗާއެކެވެ.

އޮފްކޮމްއިން ބުނި ގޮތުގައި މި ތަޙުޤީޤުގައި ބަލާނީ، މި ފީޗާ ތަޢާރަފުކުރުމުގެ ކުރިން ޣައިރުޤާނޫނީ ކޮންޓެންޓާއި ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު މެޓާއިން "އެކަށީގެންވާ އަދި ފުދޭވަރުގެ" ރިސްކް އެސެސްމަންޓެއް ހަދާފައިވޭތޯއެވެ.

https://sun.mv/225398

އޮފްކޮމްގެ އެންފޯސްމަންޓް ޑިރެކްޓަރު ޖޯޖް ލަސްޓީ ވިދާޅުވީ އޮންލައިން ރައްކާތެރިކަމުގެ ޤާނޫނުތައް ވަރަށް ސާފުކަމަށާއި، ޕްލެޓްފޯމްތަކަށް ގެންނަ ބޮޑެތި ބަދަލުތައް ޢާންމުންނަށް ދޫކޮށްލުމުގެ ކުރިން އޭގެ ރިސްކް އެސެސްމަންޓް ހަދަންޖެހޭނެ ކަމަށެވެ. އަދި ރައްކާތެރިކަމަކީ ޕްލެޓްފޯމް ފަރުމާކުރުމުގެ ތެރޭގައި ހިމަނަންޖެހޭ އެއްޗެއްކަމަށާއި ފަހުން އިތުރުކުރާ އެއްޗަކަށް ވެގެންނުވާނެ ކަމަށާއި، ކުންފުނިތަކުން ޤާނޫނަށް ތަބާނުވާނަމަ ފިޔަވަޅު އަޅާނެކަން މި ތަޙުޤީޤުން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ބުނީ އޮންލައިން ސޭފްޓީ އެކްޓުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަށް އެކުންފުނިން ނުހަނު ސަމާލުކަންދޭ ކަމަށެވެ. އަދި މި ފީޗާ ތަޢާރަފުކުރުމުގެ ކުރިން ރިސްކް އެނަލިސިސްއެއް ހަދައި، އެކި ފަހަރު މަތިން އޮފްކޮމްއަށް އެކަމުގެ މަޢުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުންޏެވެ.

މީގެއިތުރުން "އިންސްޓަންޓްސް" ފީޗާގައި ސކްރީންޝޯޓް ނެގުމާއި، ރީޝެއާކުރުމާއި ފޯވާޑްކުރުން ހުއްޓުވުމާއި، ޢާންމު ފީޑެއް ނެތުމުގެ އިތުރުން، ޓީން އެކައުންޓްތަކަށް ޚާއްޞަ ރައްކާތެރިކަން އޮޓޯއިން ލިބޭގޮތް ހަދާފައިވާނެ ކަމަށް މެޓާއިން ބުންޏެވެ. އަދި މި ތަޙުޤީޤުގައި އޮފްކޮމްއަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށްވެސް މެޓާއިން ބުނެފައިވެއެވެ.

އޮންލައިން ސޭފްޓީ އެކްޓުގެ ދަށުން އޮފްކޮމްއިން އެންމެ ފުރަތަމަ ތަޙުޤީޤެއް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ އަހަރު އޮންލައިންކޮށް އަމިއްލައަށް މަރުވުމާ ގުޅޭ މަޝްވަރާތައް ކުރާ ފޯރަމަކާ ދެކޮޅަށެވެ. އޭގެފަހުން އޮރިޔާން ކާޑު ދައްކާ ސައިޓްތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިއްސާކުރަން ބޭނުންކުރާ ފައިލް ޝެއާކުރާ ޚިދުމަތްތަކާއި، 4ޗޭން ފަދަ ޕްލެޓްފޯމްތައްވެސް ވަނީ ތަޙުޤީޤުކޮށްފައެވެ.

އިނގިރޭސިވިލާތުގެ އޮންލައިން ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި، ސާޗް އެންޖިންތަކާއި، ބޮޑެތި މީހުންގެ ކޮންޓެންޓް ފޯރުކޮށްދޭ ފަރާތްތަކުން ޣައިރުޤާނޫނީ ކޮންޓެންޓް ހުއްޓުވައި، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުން ލާޒިމުކުރެއެވެ.

މި ޤާނޫނުގެ ދަށުން އޮފްކޮމްއިން ކުންފުނިތަކަށް ރިސްކް އެސެސްމަންޓް ހެދުމަށާއި، އުމުރު ކަށަވަރުކުރުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައެވެ. ކުންފުނިތަކުން މިކަމަށް ތަބާނުވެއްޖެނަމަ، 18 މިލިއަން ޕައުންޑާ ހަމައަށް ނުވަތަ އެކުންފުންޏެއްގެ އަހަރީ ޢާމްދަނީގެ 10 އިންސައްތައާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އޮފްކޮމްއަށް ލިބިގެންވެއެވެ.

މި ޤާނޫނު ތަންފީޛުކުރުމުގައި އޮފްކޮމްއިން މައުލޫމާތު ހޯދާ މިންވަރާއި، ނަގާ ފީތަކާ މެދު މެޓާއިން ވަނީ ޤާނޫނީ މައްސަލަތަކެއްވެސް ހުށަހަޅާފައެވެ. މީގެއިތުރުން، ވަކި ޤާނޫނެއް ކަމަށްވާ ކޮމިއުނިކޭޝަންސް އެކްޓުގެ ދަށުން، މެޓާގެ ވަޓްސްއެޕް ބިޒްނަސް އުފެއްދުމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މައްސަލައެއްގައިވެސް މިއަހަރުގެ ޖަނަވަރީ މަހު އޮފްކޮމްއިން ވަނީ މެޓާއާ ދެކޮޅަށް ތަޙުޤީޤެއް ފަށާފައެވެ.

comment ކޮމެންޓް