ފުލުހުންގެ ނަމުގައި ސްކޭމްތަކެއް ހިންގާތީ އެ ކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، ސްކޭމުތައް ހިންގަނީ ވައިބާ ފަދަ މެސެޖިން އެޕްތައް މެދުވެރިކޮށް ދިވެހި ފުލުހުންގެ ނަމުގައި ފޭކް އެކައުންޓުތައް ހަދައިގެން މީހުންނަށް ގުޅައި، މެސެޖުކޮށްގެންނެވެ.
އެ ސްކޭމުތައް ހިންގުމުގައި ބޭރުގެ ނަމްބަރުތައް ބޭނުންކުރާ ކަމަށާއި އެ ކަން ކުރާ އެކައުންޓުތަކުގެ ނަމުގައި ބަހުގެ ކުށްތައް ހުރުމާއި އޯޓީޕީ ފަދަ އަމިއްލަ މައުލޫމާތު ހޯދަން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި އެއްވެސް ފަރާތަކަށް ބޭންކް އެކައުންޓުގެ މައުލޫމާތާއި، އޯޓީޕީ އަދި ޕާސްވޯޑް ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހި އިދާރާއެއްގެ ނަމުގައި ބޭރުގެ ނަންބަރުތަކުން ކުރާ މިފަދަ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި ޝައްކުކުރެވޭ މިފަދަ ނަންބަރުތައް ވަގުތުން ބްލޮކްކޮށް ރިޕޯޓް ކުރުމަށްވެސް އެދިފައިވެއެވެ.
މީގެއިތުރުން، މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށް އާއިލާގެ މެންބަރުންނާއި ރައްޓެހިން، ޚާއްޞަކޮށް ދޮށީ އުމުރުގެ މީހުން ވެދާނެތީ އެފަދަ ފަރާތްތަކަށް މި މައުލޫމާތު ހިއްސާކޮށް ހޭލުންތެރިކުރުވުމަށާއި އަމިއްލަ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަބަދުވެސް ސަމާލުވެ ތިބުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.