މެލޭޝިއާއިން ފުރައިގެން ލާއޯސްއަށް ދިޔަ ޕްރައިވެޓް ޖެޓަކުން 521 ކިލޯގެ ކްރިސްޓަލް މެތަންފެޓަމައިން (މެތު) ލާއޯސްގެ ފުލުހުން އަތުލައިގަނެފިއެވެ.
ލާއޯސްގެ ވިއެންޓިއަން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ލުއާންގް ޕްރަބާންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ސެޕްޓެންބަރު 21 ވަނަ ދުވަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި، އެންމެ ފުރަތަމަ މި ދަތުރު ކުރަން ހަމަޖެހިފައި އޮތީ އެހެން ތާރީހެއްގައެވެ. ނަމަވެސް ފަހުން ޝެޑިއުލް ބަދަލުކޮށް، އޮކްޓޯބަރު އެއްވަނަ ދުވަހުގެ މެންދުރުފަހު 1:30 އަށް ބޯޓު ޖައްސާ ގޮތަށް ހަމަޖެއްސުމުން، ޚާއްސަ ޔުނިޓުތަކުން ދިޔައީ އެއާޕޯޓުގެ ހަރަކާތްތައް މޮނިޓާކުރަމުންނެވެ.
ލާއޯސުން މަސްތުވާތަކެއްޗާއެކު އަތުލައިގެން މީހުން-- އެއާޕޯޓުގެ ޓާމިނަލް ކުރިމަތީގައި ޕާކުކޮށްފައި އޮތް ދެ އުޅަނދަކުން 23 ފޮށި ޖެޓަށް އެރުވުމަށް މަސައްކަތްކުރަނިކޮށް ފުލުހުން ވަނީ އެ ތަކެތި ބަލައިފާސްކޮށްފައެވެ.
އޭގެ ތެރެއިން 21 ފޮއްޓެއްގައި ރަން ކުލައިގެ މަހެއްގެ ނިޝާން ޖަހާފައިވާ 500 ޕެކެޓުގެ ކްރިސްޓަލް މެތު ހުރިކަން ވަނީ ކަށަވަރުވެފައެވެ. ބާކީ ހުރި ދެ ފޮށީގައި ހުރީ 180 ކިލޯގެ އާންމު މުދަލެވެ.
މި މައްސަލައިގައި ބޭނުންކުރި އެން73ޖީޕީ ރަޖިސްޓްރީގެ ލިއާޖެޓް މަރުކާގެ ބޯޓާއި، ނިސާން ޕިކަޕެއް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

މި މައްސަލައާ ގުޅިގެން ޖުމްލަ 13 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ތިން އަންހެނުން ހިމެނެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ބޯޓުގެ ޕައިލެޓާއި ކޯ-ޕައިލެޓުގެ އިތުރުން، ފަތުރުވެރިއަކާއި، ކުންފުންޏެއްގެ ތިން މުވައްޒަފުން އަދި ލުއާންގް ޕްރަބާންގް އެއާޕޯޓުގެ ހަތް މުވައްޒަފަކު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ލާއޯސްގެ ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މިހާރު ދަނީ ހައްޔަރުކުރި މީހުންނާ ސުވާލުކޮށް، ގައުމު ހުރަސްކޮށް ހިންގާ މި ނެޓްވޯކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ތަހުގީގު ކުރިއަށް ގެންދަމުންނެވެ.