ޕާސްޕޯޓު ސްޓޮކް ލިބޭނެ އާ ތާރީޚަކާއެކު އިމިގްރޭޝަން: "އަންނަ ހަފުތާގައި އާންމު ހާލަތަށް އަންނާނެ"

އިމިގްރޭޝަން އޮފިސަރަކު ޕާސްޕޯޓެއްގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އިމިގްރޭޝަން

ރާއްޖެއަށް ޕާސްޕޯޓުގެ އާ ސްޓޮކެއް ލިބޭނެ އާ ތާރީޚެއް އިމިގްރޭޝަނުން މިއަދު ދީފިއެވެ.

މިދިޔަ އޮގަސްޓު 27ވަނަ ދުވަހުގެ ރޭ އިމިގްރޭޝަނުން ވަނީ، ރާއްޖެއަށް އާ ޕާސްޕޯޓު ސްޓޮކެއް ލިބުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ބުނެ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް ނިންމާފައެވެ. އެގޮތުން، އެ ދުވަހުން ފެށިގެން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް އިމިގްރޭޝަނުން ދިން ތާރީޚު ވަނީ ހަމަވެފައެވެ.

'ސަން'އިން މިއަދު ސުވާލުކުރުމުން އިމިގްރޭޝަނުން ބުނީ، އާ ޕާސްޕޯޓު ސްޓޮކް ލިބި، އާންމު ހާލަތަށް އަންނާނީ އަންނަ ހަފުތާގައި ކަމަށެވެ. އަދި، މި ވަގުތު ސްޓޮކު ދޫކުރުމުގައި އިސްކަންދެނީ އިމަޖެންސީ ހާލަތްތަކަށް އެކަނި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

https://sun.mv/226634

ފާހަގަކުރެވޭ ގޮތުގައި، ޕާސްޕޯޓު ސްޓޮކް ނުލިބޭތީ އޭރު ބައެއް ބަދަލުތައް ވެސް އިމިގްރޭޝަނުން ގެނައެވެ. އޭގެތެރޭގައި، އާ ޕާސްޕޯޓެއް ހެއްދުމަށް އެދޭ މީހުންނަށް، އެއްވެސް ފީއަކާ ނުލައި މިހާރުގެ ޕާސްޕޯޓުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. އަދި، އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ލަންކާ ފަދަ އާންމުކޮށް ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އިމަޖެންސީ ޕާސްޕޯޓެއް ދޫކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމަޖެންސީ ޕާސްޕޯޓަކީ، އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ދޫކުރާ ޕާސްޕޯޓެކެވެ.

މީގެ އިތުރުން، މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން ވެސް އިމިގްރޭޝަނުން މެދުކަނޑާލިއެވެ. އޭރު އިމިގްރޭޝަނުން ބުނީ އެކަން މެދުކަނޑާލާފައިވަނީ ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން ކަމަށެވެ.

comment ކޮމެންޓް