ދެކުނު އިންޑިއާގެ ސުޕަރސްޓާގެ ލަޤަބު ގިނަ ބަޔަކު ދީފައިވާ އެކްޓަރު ރަޖިނީކާންތުގެ ކުރިއަށްއޮތް "ޖެއިލާ 2"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ޓްރެއިލާ އާއްމުކުރުމާ އެކު މި ފިލްމަށް އިންތިޒާރުކުރަމުން އަންނަ ގިނަބަޔަކަށް ވަނީ ބޮޑު އުފަލެއް ލިބިގެންގޮސްފައެވެ. ކާމިޔާބު ޑިރެކްޓަރު ނެލްސަން ދިލީޕްކުމާރުގެ މި ސީކުއަލްއިން ތަފާތު އެކްޝަންތަކާއި، މަޖާ ހާދިސާތަކުގެ އިތުރުން ވަރުގަދަ ގިނަ ކެރެކްޓާތަކެއް ފެނިގެންދާނެކަމުގެ ޔަޤީންކަން ފިލްމުގެ ޓްރެއިލާއިން ބެލުންތެރިންނަށް ވަނީ ދީފައެވެ.
ފިލްމު "ޖެއިލާ 2"ގެ ޓްރެއިލާ ފެށިގެންއަންނަނީ ޤައުމުގައި ހިނގަމުންދާ ނުރައްކާތެރި އަދި ސިއްރު ޙާދިސާތަކެއްގެ ތަހުޤީޤުންނެވެ. މުޅި ސަރަހައްދު ބިރުވެރިކަމެއްގެ ތެރޭގައި ވަނިކޮށް، ފިލްމުގައި ރަޖްނީކާންތު ކުޅޭ މަޝްހޫރު ކެރެކްޓާ "ޓައިގާ" (މުތުވެލް ޕަންޑިއަން)ގެ މާސް އެންޓްރީއާއެކު، މުސްކުޅިވި ނަމަވެސް އޭނާގެ ހިތްވަރަށް ބަދަލެއް ނާންނަކަން ހާމަވެއެވެ. އޭނާ އަނެއްކާވެސް މި ނުރައްކާތެރި ކުރިމަތިލުމުގެ ތެރެއަށް ނުކުންނަން މަޖުބޫރުވަނީ ނުރައްކާތެރި ނެޓްވޯކެއް ގަޑުބަޑުކޮށްލުމަށެވެ.
މިފަހަރުގެ ފިލްމުގައި "އަލްޕްސް"ގެ ނަމުން ނަންދެވިފައިވާ އާ ނުރައްކާތެރި ގްރޫޕަކާއި، އެ ގްރޫޕުގެ ފަހަތުގައިވާ ބޮޑު ނެޓްވޯކެއް މުތުވެލްއާ ދެކޮޅަށް ނުކުމެއެވެ. ނަމަވެސް، މި ބޮޑެތި އިންޒާރުތަކަށްވެސް އޭނާ ކުރިމަތިލަނީ އާންމުކޮށް އޭނާގެ ހުންނަ ހަމަޖެހޭ، މަޖާ މިޒާޖުގައެވެ. މީގެއިތުރުން ދުޝްމަނުން އެއްތަނަކަށް އެއްކޮށްލުމަށްފަހު ދޭ ވަރުގަދަ ހަމަލާތައް މިފަހަރުގެ ޓްރެއިލާއިން ވެސް ބެލުންތެރިން ތަޖުރިބާކުރެއެވެ.
ފިލްމު "ޖެއިލާ 2"ގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/މިޑްޑޭފިލްމުގެ ފުރަތަމަ ބައިގެ ބޮޑު ކާމިޔާބީއަށްފަހު، ދެވަނަ ބައިންވެސް މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އެގޮތުން ޝިވާ ރާޖްކުމާރު، މޯހަންލާލް، މިތުން ޗަކްރަބަތީ އަދި ޖެކީ ޝްރޯފް އަލުން ފެންނާނެއެވެ. މީގެ އިތުރުން މުޅިން އާ ކެރެކްޓާއެއްގެ ގޮތުގައި "ކާންތާ"ގެ ރޯލުން ވިދްޔާ ބާލަން ފެންނައިރު، ރަޖިނީކާންތާއެކު އޭނާ ކުޅޭ ވަރުގަދަ ސީންތަކެއް ވަނީ ދައްކާލާފައެވެ. އެސްޖޭ ސޫރިޔާގެ އިތުރުން ޔޯގީ ބާބޫ، ޖަޢުފަރު ސާދިޤް އަދި ވީޓީވީ ގަނޭޝް ފަދަ ކޮމެޑީ ތަރިންވެސް ފިލްމުން ފެންނާނެއެވެ. ބޮލީވުޑް ތަރި ރިތިކް ރޯޝަންގެ ޚާއްސަ ފެނިލުމެއް "ޖެއިލާ 2"އިން ދައްކާލާނެކަމުގެ އަޑުފެތުރިފައިވީ ނަމަވެސް، ޓްރެއިލާއިން އޭނާ ފެނިފައެއް ނުވެއެވެ.
މި ފިލްމުގެ ޑިރެކްޝަނާއި ސްކްރިޕްޓް ނެލްސަން ތައްޔާރުކޮށްފައިވާއިރު، މިއުޒިކް އުފައްދާފައިވަނީ މަޝްހޫރު މިއުޒިކް ޑިރެކްޓަރު އަނިރުދް ރަވިޗަންދަރެވެ. ސިނަމަޓޯގްރަފީ ވިޖޭ ކާތިކް ކަންނަން ނަގައިދީފައިވާއިރު، އެޑިޓިންގް ހަދާފައިވަނީ އާރް ނިރުމަލްއެވެ.
މީގެ ތިން އަހަރު ކުރިން ރިލީޒްކޮށް ބޮޑު ތަރުހީބެއް ހޯދި "ޖެއިލާ"ގެ ދެވަނަ ބައި ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. މުޅިއެކު 220 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި 2023ގެ ފިލްމު ސިނަމާތަކުން ނެގިއިރު 650 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ފިލްމަށް ވަނީ ލިބިފައެވެ. އެހެންކަމުން ފިލްމު "ޖެއިލާ 2" އަކީ ވިޔަފާރީގެ ގޮތުން ބޮކްސް އޮފީހުގައި މުޅިން އާ ރެކޯޑެއް ޤާއިމުކުރާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.