ސުޕްރީމް ކޯޓަށް ފައިސާ ދެއްކުމަށް ރާޖްޕަލްއަށް އިތުރު މުހުލަތެއް ދީފި

އިންޑިއާގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް--ފޮޓޯ/މިޑް-ޑޭ

ޗެކް ބައުންސްވީ މައްސަލަތަކެއްގައި ފަސް ކުރޯޑު ރުޕީސް ކޯޓަށް ދެއްކުމަށް ދިން މުއްދަތު ހަމަވިއިރުވެސް ފައިސާ ނުދެއްކުމުން، އިންޑިއާގެ ސުޕްރީމް ކޯޓުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރާޖްޕާލް ޔާދަވަށް ވަނީ ވަރުގަދަ އިންޒާރެއް ދީ، ފައިސާ ދެއްކުމަށް އިތުރު އެއް ދުވަހުގެ މުއްދަތެއް ދީފައެވެ.

އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންޓް، ފަނޑިޔާރު ޖޯޔްމާލްޔާ ބާގްޗީ އަދި ފަނޑިޔާރު ވީ. މޯހަނާ އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ފާހަގަކުރެއްވި ގޮތުގައި، އިއްޔެގެ ނިޔަލަށް ފައިސާ ދައްކާނެކަމަށް ރާޖްޕާލް ވެފައިވާ އެއްބަސްވުމާ އޭނާ ވަނީ ޚިލާފުވެފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ރާޖްޕާލްގެ ޤާނޫނީ ވަކީލު ވަނީ 50 ލައްކަ ރުޕީސްގެ ޑިމާންޑް ޑްރާފްޓެއްގެ ކޮޕީއެއް ހުށަހަޅައި، ބޭންކު މެދުވެރިކޮށް އެ ފައިސާގެ މުއާމަލާތް ހިނގަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ކޯޓުން ވަނީ އެއީ ސައްހަ އެއްޗެއްކަމާމެދު ސުވާލު އުފައްދާފައެވެ.

މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު ވަނީ ރާޖްޕާލް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. އޭގެ ރައްދެއްގެ ގޮތުން ރާޖްޕާލްގެ ވަކީލު ކޯޓުގައި ބުނެފައިވަނީ، އެކްޓަރާ ދެކޮޅަށް މައްސަލަ ހުށަހެޅި މީހުންނަކީ ފަޤީރު ބައެއް ނޫންކަމަށް ބުނެފައެވެ.

މި ބަހުޘްތަކާ ގުޅިގެން ފަނޑިޔާރު ޖޯޔްމާލްޔާ ބާގްޗީ ވިދާޅުވީ، މައްސަލަ ރައްދުވާ މީހުންނަކީ ފައިސާވެރިންނަށްވީ ނަމަވެސް މިއަދު އެމީހުން ފަޤީރު ބަޔަކަށް ވެފައިވަނީ ރާޖްޕާލްގެ ސަބަބުން ކަމަށާއި، އޭނާގެ ޙަޤީޤީ މަޤާމަކީ ޖަލުގެ ގޮޅިއެއް ކަމުގައެވެ.

ރާޖްޕާލް އޭނާގެ އަންހެނުންނާ އެކު--ފޮޓޯ/މިޑް-ޑޭ

މިދިޔަ ސެޕްޓެމްބަރު 15ގައި ކޯޓުން ވަނީ ރާޖްޕާލަށް ފައިސާ ދެއްކުމަށް 16 ދުވަހުގެ މުއްދަތެއް ދީ، އޮކްޓޯބަރު ފަސް ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދެއްކުމަށް އަންގާފައެވެ. ނަމަވެސް، ބޭންކުތައް ބަންދުވެފައި ހުރުމުގެ ސަބަބުން ލަސްވީ ކަމަށް ރާޖްޕާލްގެ ވަކީލު ދެއްކެވި ބަހަނާ ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

މައްސަލަ ހުށަހެޅި ފަރާތުން އެދުނީ ރާޖްޕާލް ކޯޓުގެ ޙުރުމަތް ކަނޑައިފި ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިސްތިއުނާފު މައްސަލަ ބޭރުކޮށްނުލީ، އޭރުން ފައިސާ ހޯދުމަށް މައްސަލަ ހުށަހެޅި ފަރާތަށް އޮތް ފުރުސަތު ގެއްލިދާނެތީއެވެ. ކޯޓުން ބޭނުންވަނީ މައްސަލަ ހުށަހެޅި ފަރާތަށް ލިބެންޖެހޭ ފައިސާ ކަށަވަރުކޮށްދިނުމަށެވެ. އެހެންކަމުން، ކޯޓުން ވަނީ މިއަދުގެ ނިޔަލަށް ފައިސާ ދެއްކުމަށް ރާޖްޕާލަށް އަންގައި، މައްސަލައިގެ އަޑުއެހުން މާދަމާގެ އެންމެ ފުރަތަމަ މައްސަލައިގެ ގޮތުގައި ތާވަލުކޮށްފައެވެ.

މި މައްސަލައަކީ 2010 ވަނަ އަހަރު ރާޖްޕާލް އަދި އޭނާގެ އަންހެނުން ރާދާ، 'އަޓާ ޕަޓާ ލާޕަތާ' ނަމުގައި ތައްޔާރުކުރި ފިލްމު އުފެއްދުމަށް ދިއްލީގެ 'މުރްލީ ޕްރޮޖެކްޓްސް' އަތުން ނެގި ފަސް ކުރޯޑު ރުޕީސްގެ ލޯނަކާ ގުޅޭ މައްސަލައެކެވެ. ފިލްމު ފްލޮޕްވުމުން ލޯނު ނުދެއްކި، އިންޓްރެސްޓާއި ޖޫރިމަނާއާއެކު ދައްކަންޖެހޭ އަދަދު ވަނީ ނުވަ ކުރޯޑު ރުޕީސްއަށް އަރާފައެވެ.

ހައިކޯޓުން ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން ފުރުސަތު ދިން ނަމަވެސް، އެއްބަސްވުންތަކާ ޚިލާފުވުމުގެ ސަބަބުން މި އަހަރުގެ ޖުލައި 10ގައި ހައިކޯޓުން ވަނީ ރާޖްޕާލްގެ މައްޗަށް ކުރެވުނު ހުކުމް ދަމަހައްޓާފައެވެ. އެއަށްފަހު، މަތީ ކޯޓަށް އިސްތިއުނާފު ކުރުމަށް ދެ މަސްދުވަހުގެ މުއްދަތެއް ދިނުމުން، އޭނާ ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

comment ކޮމެންޓް