ޑުރަގު އެތެރެކުރުމުގެ ތުހުމަތުވާ ބިދޭސީއެއްގެ ދިފާއު: "އެއީ ރާއްޖޭގައި މަނާ އެއްޗެއް ކަމެއް ނޭނގޭ، ޑީޕޯޓްކޮށްދީ"

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުވާ ބިދޭސީއަކަށް އެ ތަކެތި ގެނެވުނީ އެއީ މަނާ ތަކެތިކަން ނޭނގި ކަމަށް ވިދާޅުވެ، އޭނާ ޑީޕޯޓްކޮށްދިނުމަށް، ބިދޭސީ މީހާގެ ދިފާއީ ވަކީލު ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފިއެވެ.

މި މައްސަލައިގައި ހިމެނެނީ، އިންޑިއާއަށް ނިސްބަތްވާ 26 އަހަރުގެ މޮހައްމަދު ޓަފެޖުލެވެ.

މިދިޔަ މަހު ފަހެއްގައި އޭނާ ހައްޔަރުކުރީ، އިންޑިގޯގެ ފްލައިޓަކުން ރާއްޖެ އައިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 80 ރަބަރު ޕެކެޓު ލަގެޖުން ފެނިގެނެވެ. އެ ތަކެތީގެ ބަރުދަނުގައި 418.99 ހުރި ކަމަށް ކޯޓު އަމުރުން އެނގެއެވެ. އޭރު އޭނާގެ ބަންދަށް ކޯޓުން ޖެހީ، 30 ދުވަހެވެ.

https://sun.mv/227019

އެ މުއްދަތު އިއްޔެއަށް ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ، ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލް ކުރުމުގެ ނުވަތަ ޓްރެފިކް ކުރުުމުގެ ތުހުމަތެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ބަންދުގައި ބެހެއްޓުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް އެކަަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ވުމުންނެވެ. އެގޮތުން ތަހުގީގު ބަޔާނާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި އެހެނިހެން ކިތާބީ ހެކިތައް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ކޯޓުގައި އޭނާ ވަނީ، އެއީ އޭނާ ބޭނުންކުރަން ގެނައި ތަކެތި ކަމަށް އެއްބަސްވެފައެވެ.

މީގެ އިތުރުން، އޭނާގެ ދިފާއީ ވަކީލު ވަނީ، އެ ތަކެއްޗަކީ އާންމުކޮށް ބޭނުންކުރާ އެއްޗެއް ކަމަށާއި އާންމުކޮށް އިންޑިއާގައި ވިއްކަން ހުންނަ އެއްޗެއް ކަމަށް ވިދާޅުވެފައެވެ. އަދި، އޭނާ ޑީޕޯޓުކޮށްދިނުމަށް ވަކީލު ވަނީ އެދިވަޑައިގެންފައެވެ.

އެ މީހާ ގެނައި އެއްޗިއްސަކީ މަސްތުވާތަކެތީގެ ބާވަތެއްކަން އޭނާއަށް ނޭނގޭ ކަމަށް ވެސް ވަކީލު ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން އަންނަނީ ބޯޑަރު ބެލެހެއްޓުމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަކުރަމުންނެވެ. މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ބޭނުންކޮށް ވިޔަފާރިކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ކަމާ ބެހޭ އިދާރާތަކުން ގުޅިގެން އަންނަނީ މިކަން ހުއްޓުވުމަށް ގިނަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.

comment ކޮމެންޓް