ޖެމިނައިގެ ހިލޭ ޚިދުމަތް 'ފްލޭޝް-ލައިޓް' ލިމިޓްކޮށް، އޭއައި ޕްރޯއަށް 'ޑީޕް ތިންކް' ތަޢާރަފުކޮށްފި

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް، ޖެމިނައިގެ ހިލޭ ބޭނުންކުރާ ފަރާތްތަކަށް ލިބޭ މޮޑެލް "ފްލޭޝް-ލައިޓް" އަށް ލިމިޓްކޮށް، މަހަކު 19.99 ޑޮލަރު ދައްކައިގެން ބޭނުންކުރާ "އޭއައި ޕްރޯ" ސަބްސްކްރައިބަރުންނަށް އުނދަގޫ މައްސަލަތައް ހައްލުކޮށްދޭ "ޑީޕް ތިންކް" ފީޗާ ތަޢާރަފުކުރުމަށް އެ ކުންފުނިން ނިންމައިފައެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލުތަކުގެ ދަށުން، ގޫގުލް ޖެމިނައިގެ އެކި ސަބްސްކްރިޕްޝަން ޕްލޭންތަކަށް ލިބޭ ޚިދުމަތްތަކުގެ މިންވަރަށް ބޮޑެތި އިސްލާޙުތަކެއް ގެނެވޭނެއެވެ. ގޫގުލްއިން އެކުލަވާލާފައިވާ ސަޕޯޓް ލިޔެކިޔުންތަކުގައިވާ ގޮތުން، މި ބަދަލުތަކާއެކު އެކި ޕްލޭންތަކުގައި ހިމެނޭ މޮޑެލްތަކުގެ ފެންވަރު ވަކިކުރެވޭނެއެވެ.

މި އާ އުސޫލުގެ ދަށުން، އެއްވެސް ފައިސާއެއް ނުދައްކައި ހިލޭ ޖެމިނައި ބޭނުންކުރާ ފަރާތްތަކަށް މީގެ ކުރިން ލިބެމުންދިޔަ "ފްލޭޝް" އަދި "ޕްރޯ" މޮޑެލްތަކުގެ ފުރުސަތު ބަންދުވެ، އެ ފަރާތްތަކަށް ބޭނުންކުރެވޭނީ ހަމައެކަނި "ފްލޭޝް-ލައިޓް" މޮޑެލް އެކަންޏެވެ.

މީގެއިތުރުން، މަހަކު 4.99 ޑޮލަރު ދައްކައިގެން ބޭނުންކުރާ "އޭއައި ޕްލަސް" ސަބްސްކްރައިބަރުންނަށް "ފްލޭޝް-ލައިޓް" އަދި "ފްލޭޝް" މޮޑެލް ބޭނުންކުރެވުނު ނަމަވެސް، އެ ޕްލޭންގެ ތެރެއިން މީގެ ކުރިން ލިބުނު "ޕްރޯ" މޮޑެލް ދެން ނުލިބޭނެއެވެ.

ގޫގުލްއިން ދަނީ ޖެމިނައި އެޕްލިކޭޝަންގައި ވިސްނުމުގެ ފެންވަރު ނުވަތަ "ތިންކިންގ އެފޯޓް" ކޮންޓްރޯލް ކުރެވޭނެ އާ ގޮތްތަކެއްވެސް ޓެސްޓުކުރަމުން ---

ގޫގުލްއިން ބުނެފައިވަނީ މި ބަދަލުގެ އަސަރުކުރާ އޭއައި ޕްލަސް ސަބްސްކްރައިބަރުންނަށް އީމެއިލް މެދުވެރިކޮށް އެކަން އަންގަމުންދާނެ ކަމަށެވެ. މިއީ ގޫގުލްއިން ބޭނުންކުރާ ކޮމްޕިއުޓޭޝަނަލް ޕްރޮސެސިންއަށް ބަލައި މި އަހަރުގެ ކުރީކޮޅު ލިމިޓްތައް ބަލަން ފެށި އުސޫލާ ގުޅިގެން ގެންނަ ބަދަލެކެވެ.

މަހަކު 19.99 ޑޮލަރުގެ "އޭއައި ޕްރޯ" އަދި މަހަކު 99.99 ޑޮލަރާއި 199.99 ޑޮލަރާ ދެމެދުގެ އަގުތަކުގައި ލިބޭ "އޭއައި އަލްޓްރާ" ޕްލޭންތައް ބޭނުންކުރާ ފަރާތްތަކަށް "ފްލޭޝް-ލައިޓް"، "ފްލޭޝް" އަދި "ޕްރޯ" މޮޑެލް ހިމެނޭހެން ތިން މޮޑެލްވެސް ބޭނުންކުރުމުގެ ފުރުސަތު ދެމިއޮންނާނެއެވެ. މީގެއިތުރުން، މީގެ ކުރިން ހަމައެކަނި އެންމެ އަގުބޮޑު އަލްޓްރާ ޕްލޭނަށް ޚާއްޞަކޮށްފައިވާ "ޑީޕް ތިންކް" ފީޗާ މިހާރު އޭއައި ޕްރޯ ޕްލޭނަށް އިތުރުކުރުމުން އެ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ. މި ފީޗާއަކީ އުނދަގޫ އަދި ކޮމްޕްލެކްސް މައްސަލަތައް ހައްލުކުރުމަށްޓަކައި ޕްރޯ މޮޑެލް ބޭނުންކޮށްގެން އެއްފަހަރާ ގިނަ ވިސްނުންތަކެއް ނެރެދޭ (ޕެރެލަލް ރީޒަނިން) ނިޒާމެކެވެ.

ގޫގުލްއިން ދަނީ ޖެމިނައި އެޕްލިކޭޝަންގައި ވިސްނުމުގެ ފެންވަރު ނުވަތަ "ތިންކިން އެފޯޓް" ކޮންޓްރޯލް ކުރެވޭނެ އާ ގޮތްތަކެއް ވެސް ޓެސްޓުކުރަމުންނެވެ. އެގޮތުން "ލޯ"، "މީޑިއަމް" އަދި "ހައި" ނަމުގައި ތިން މޯޑެއް ތަޢާރަފުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ސަބަބުން ސުވާލަކަށް ޖަވާބު ދިނުމުގައި ޖެމިނައިއިން ބޭނުންކުރާނެ ބާރާއި ވަގުތު ކަނޑައެޅުމުގެ އިޚްތިޔާރު ބޭނުންކުރާ ފަރާތަށް ލިބޭނެއެވެ. ސުވާލު ކޮމްޕްލެކްސްވި ވަރަކަށް ނުވަތަ ވިސްނުމުގެ މޯޑު މަތިކުރި ވަރަކަށް، ބޭނުންކުރެވޭ ލިމިޓުން ކެނޑޭ މިންވަރު އިތުރުވާނެއެވެ.

މީގެއިތުރުން، ގޫގުލްއިން ދަނީ އެ ކުންފުނީގެ އެންމެ ފަހުގެ "ޖެމިނައި 4 އާގޮން" މޮޑެލް "ފެއާވިންޑް" ޕްރޮގްރާމްގެ ދަށުން ސައިބާ ސެކިއުރިޓީ ދާއިރާގެ ޚާއްޞަ މާހިރުންނާއެކު ޓެސްޓުކުރަމުންނެވެ.

އައުޓްޕުޓް ލިމިޓް ބޮޑުކޮށްފައިވާ މި މޮޑެލް ކުރިއަށް އޮތް ތަނުގައި ފައިސާ ދައްކައިގެން އޭޕީއައި ބޭނުންކުރާ ފަރާތްތަކަށާއި އޭއައި އަލްޓްރާ ސަބްސްކްރައިބަރުންނަށް ލިބޭނެއެވެ. ނަމަވެސް މި މޮޑެލް ޕްރޯ ޓިއާގައި ހިމެނޭނެ ކަމެއް ނުވަތަ މިއަށްވުރެ މަތީ އައު ޓިއާއެއް ތަޢާރަފުކުރާނެ ކަމެއް ގޫގުލްއިން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް