ގޫގުލް ފޮޓޯސްއަށް އޭއައި ވާޑްރޯބާއި އާ އެޑިޓިން ޓޫލްތަކާއެކު ބޮޑު އަޕްޑޭޓެއް

ގޫގުލް ފޮޓޯސްއަށް ގެނައި މިފީޗާތައް މިހާރުދަނީ ދޫކުރަމުން ---

ގޫގުލް ފޮޓޯސް ބޭނުންކުރާ ފަރާތްތަކަށް ފޮޓޯ އެޑިޓްކުރުމާއި، ތަރުތީބުކުރުމާއި ބަދަލުތައް ގެނައުން ފަސޭހަކޮށްދިނުމުގެ ގޮތުން ގިނަ އާ ފީޗާތަކެއް ތައާރަފުކުރަން ފަށައިފިއެވެ.

މި އަޕްޑޭޓްގެ ދަށުން އަޕްގްރޭޑް ކުރެވިފައިވާ މާކްއަޕް ޓޫލްގެ އިތުރުން ސިއްރު މައުލޫމާތުތައް ރައްކާތެރިކޮށްދޭ "ރީޑެކްޓް" ޕެންއަކާއި، ވިންޓޭޖް ސްޓައިލްތައް ފޮޓޯއަށް ގެނެސްދޭ "މޫޑްސް" ފީޗާއާއި، އިތުރު ރީމިކްސް ޓެމްޕްލޭޓްތައް ހިމެނެއެވެ.

މީގެއިތުރުން އޭއައި މެދުވެރިކޮށް މަސައްކަތްކުރާ "ވާޑްރޯބް" ފީޗާ ތައާރަފުކޮށްފައިވާއިރު، އެންމެ ޕްރޮމްޕްޓަކުން ފޮޓޯއެއް ސެލެކްޓްކޮށް، އަލިގަދަކޮށް އަދި ހިއްސާކުރުމަށް އެހީތެރިވެދޭ ގޮތަށް ޖެމިނައި ސްޕާކް ވެސް މިހާރު ވަނީ ގޫގުލް ފޮޓޯސްއާ ގުޅުވާލާފައެވެ.

ގޫގުލްއިން އާންމުކުރި ބްލޮގް ޕޯސްޓެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މާކްއަޕް ޓޫލް އަޕްގްރޭޑްކޮށް ދުނިޔޭގެ ފެންވަރުގައި ދޫކުރަން ވަނީ ފަށާފައެވެ. މި ޓޫލްގެ ތެރޭގައި ހިމެނޭ "ރީޑެކްޓް" ޕެންގެ އެހީގައި ފޮޓޯގައިވާ ނާޒުކު ނުވަތަ ސިއްރު މައުލޫމާތުތައް ބްލާ ކޮށްލެވޭނެއެވެ. އަދި ބޭނުންވާ މިންވަރަށް ސާފުކޮށް އިސްލާހުކުރުމަށްޓަކައި ޕެންގެ ފަލަމިން ބަދަލުކުރެވޭނެ ކޮންޓްރޯލްތަކާއި، ފޮޓޯއަށް އިތުރުކުރާ ލިޔުންތަކަށް ބޭނުންކުރެވޭނެ އާ ފޮންޓުތައްވެސް ވަނީ ހިމަނާފައެވެ.

https://sun.mv/227787

އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މުޅި ދުނިޔޭގައި އާންމުކުރަމުންދާ "މޫޑްސް" ފީޗާއަކީ އޭއައިގެ އެހީގައި 35 މިލިމީޓަރުގެ ފިލްމު ކެމެރާތަކާއި 2000 ގެ އަހަރުތަކުގެ ޑިޖިޓަލް ކެމެރާތަކުގެ ވިންޓޭޖް ސްޓައިލްތައް ފޮޓޯއަށް ގެނެސްދޭ ފީޗާއެކެވެ. މި އެފެކްޓްތަކުގެ އަސަރު ހުންނަންވީ މިންވަރު ކޮންޓްރޯލްކޮށް، ފައިނަލް ފޮޓޯ ބޭނުންގޮތަކަށް ބަދަލުކުރުމަށްޓަކައި ސްލައިޑަރު ކޮންޓްރޯލްތައްވެސް ބޭނުންކުރާމީހުންނަށް ލިބިގެންދެއެވެ.

މީގެއިތުރުން އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ ގައުމުތަކެއްގައި 15 އާ ރީމިކްސް ޓެމްޕްލޭޓް ވަނީ ދޫކުރަން ފަށާފައެވެ. މި ޓެމްޕްލޭޓްތަކުގެ އެހީގައި ފޮޓޯތައް ރެޑް ކާޕެޓް ސްޓައިލަށް، އުފަންދުވަހުގެ ކާޑުތަކަށް ނުވަތަ ފޮޓޯ ބޫތު ޝޮޓްތަކަށް ބަދަލުކޮށްލެވޭނެއެވެ. ނަމަވެސް މި ފީޗާ ބޭނުންކުރެވޭނީ އުމުރުން 18 އަހަރުން މަތީގެ ޔޫޒަރުންނަށެވެ.

އޭއައި މެދުވެރިކޮށް މަސައްކަތްކުރާ "ވާޑްރޯބް" ފީޗާ މިހާރު ވަނީ އެމެރިކާ، އިންޑިއާ އަދި ބްރެޒިލްގައި އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުންކުރާ ޝަރުތުހަމަވާ ފަރާތްތަކަށް ފުޅާކޮށްފައެވެ. މި ފީޗާއިން ފޮޓޯތަކުގައި ހުންނަ ހެދުންތައް ދެނެގަނެ، ޑިޖިޓަލް ކަލެކްޝަނެއްގެ ގޮތުގައި ތަރުތީބުކޮށްދެއެވެ. މީގެސަބަބުން ތަފާތު ބާވަތްތަކުގެ ހެދުންތައް ބަލައިލުމާއި، އާ ހެދުން އެކުލެވުންތައް އެކުލަވާލުމާއި، ވާޗުއަލްކޮށް ސްޓައިލްކުރުމާއި އާ ލޫކްތައް އަޖުމަބަލާލުމުގެ ފުރުސަތު ލިބެއެވެ. ގޫގުލްއިން ބުނެފައިވާ ގޮތުގައި ވާޑްރޯބާ ގުޅޭ އެއްވެސް މައުލޫމާތެއް ވިޔަފާރިވެރިން ފަދަ ތިންވަނަ ފަރާތަކަށް ހިއްސާއެއް ނުކުރާނެއެވެ.

އާއިލީ ފޮޓޯތައް ހޮވުމުގައި އެހީތެރިވުމަށްޓަކައި ޖެމިނައި ސްޕާކްއަށް ވެސް މިހާރު ގޫގުލް ފޮޓޯސްގެ ފޮޓޯތައް ބޭނުންކުރެވޭނެއެވެ. އެގޮތުން އެންމެ ޕްރޮމްޕްޓަކުން އެކަށީގެންވާ ފޮޓޯތައް ހޯދައި، އެ ފޮޓޯތަކުގެ އަލިގަދަކޮށް، ހިއްސާކުރުމަށް ތައްޔާރުކޮށްދެއެވެ. މި ފީޗާ މިވަގުތު ލިބެނީ އެމެރިކާގައި ގޫގުލް އޭއައި ޕްރޯ އަދި އަލްޓްރާ ސަބްސްކްރައިބަރުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށެވެ.

comment ކޮމެންޓް