އަރީޖިތު ފިލްމުތަކަށް ލަވަކިޔުން ހުއްޓާލިކަން އިއުލާނުކުރުމަށްފަހު ބާއްވާ ފުރަތަމަ އިންޑިއާ ކޮންސަޓް ޓުއާ އިއުލާންކޮށްފި

އިންޑިއާގެ މަޤުބޫލު ލަވަކިޔުންތެރިޔާ އަރީޖިތު ސިންގް--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރީޖިތު ސިންގް، މިއުޒިކީ ދާއިރާގައި މަސައްކަތްކުރާތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ ނުވަ ރަށެއްގައި ވަރަށް ވަރުގަދަ ކޮންސަޓް ޓުއާއެއް ބާއްވަން ނިންމިކަން އިއުލާނުކޮށްފިއެވެ.

މިއީ ފިލްމީ ދާއިރާއަށް ލަވަކިޔައިދިނުން ނުވަތަ ޕްލޭބެކް ސިންގިންއިން ރިޓަޔާކޮށް، އަމިއްލަ ސޯލޯ މަސައްކަތްތަކަށް އިސްކަންދޭނެކަން މިއަހަރުގެ ޖެނުއަރީ މަހު އިއުލާންކުރުމަށްފަހު، ސަޕޯޓަރުން މާޔޫސްވެފައިވަނިކޮށް އޭނާ ހުށަހަޅައިދޭ މިއުޒިކީ ފުރަތަމަ އިވެންޓެވެ. މި ކޮންސަޓް ޓުއާ ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށެވެ.

މިކަމާ ގުޅޭގޮތުން އުމުރުން 39 އަހަރުގެ ލަވަކިޔުންތެރިޔާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއުޒިކީ ދާއިރާގައި ހޭދަކުރެވުނު 20 އަހަރަކީ އޭނާ ނުހަނު އުފަލާއެކު ބަލައިގަންނަ ދަތުރެއް ކަމަށެވެ. އަދި މި ދަތުރުގެ އެންމެ ޚާއްސަ ބަޔަކީ އޭނާގެ ލަވަތަކަށް ދިރުންދިން އެހުންތެރިން ކަމަށްވެސް އަރީޖިތު ފާހަގަކުރިއެވެ. އިންޑިއާގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، ސަޕޯޓަރުންގެ އެ ލޯބި ސްޓޭޖްމަތީގައި އަމިއްލައަށް ތަޖުރިބާކޮށްލުމަށް ނުހަނު އިންތިޒާރުކުރާ ކަމަށާއި، ހިއްސާކުރަންވީ ގިނަ ހަނދާންތަކަކާއި ބައްދަލުކުރަންވީ ގިނަ ބަޔަކު އެބައުޅޭ ކަމަށް އަރީޖިތު ބުންޏެވެ.

އަރީޖިތު އިންޑިއާގެ މަގުބޫލު ލަވަކިޔުންތެރިޔާ ޝްރެޔާގޯޝަލްއާ އެކު--ފޮޓޯ/ފިލްމުފެއަ

ޓީމް އިންނޮވޭޝަނުން އުފައްދައި ޕްރޮމޯޓްކުރާ، އަދި "ތަމްޕްއެން" މެދުވެރިކޮށް އެކްސްކްލޫސިވްކޮށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ މި ޓުއާގައި ބިޔަ ސްޓޭޑިއަމްތަކުގައި ޝޯތައް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޓުއާގައި ދަތުރުތައް ކުރާނެ ސިޓީ ތަކާއި ތާރީޚުތައް ވެސް އިއުލާނުކޮށްފައިވާއިރު، އޭގެތެރޭގައި، އަހްމަދުއާބާދު (ޖެނުއަރީ 9)، ޗަންދީގަރު (ޖެނުއަރީ 23)، ޖެއިޕޫރު (ފެބްރުއަރީ 7)، މުމްބާއި (ފެބްރުއަރީ 20)، ބެންގަލޫރު (މާޗު 13)، ނިއު ދިއްލީ (މާޗު 27)، ޕޫނޭ (އޭޕްރިލް 10)، އިންދޯރު (މެއި 1) އަދި ހައިދަރުއާބާދު (މެއި 15) ހިމެނެއެވެ.

މި ކޮންސަޓްތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ޚާއްސަކޮށް ފަރުމާކުރެވިފައިވާ، ސްޕެޝަލް ރަންވޭއަކާއެކު އޯޑިއަންސްގެ ތެރެއަށް ފުންކޮށް ވަދެވޭގޮތަށް ހަދާފައިވާ މަލްޓި-ޓިއާޑް ސްޓޭޖެކެވެ. މީގެއިތުރުން 360 ޑިގްރީގެ ސްޕަޝަލް އޯޑިއޯ، ކައިނެޓިކް އެލްއީޑީ ލައިޓްތައް، ޕެނޮރަމިކް ސްކްރީންތައް، ލޭޒާ އެރޭތައް އަދި ސްޓޭޑިއަމް ފެންވަރުގެ ޕައިރޯޓެކްނިކްސް ބޭނުންކޮށްގެން، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުކޮށްދޭނެފަދަ ހުށަހެޅުންތައް ހިމެނުމަށްވަނީ ނިންމާފައެވެ.

ޓީމް އިންނޮވޭޝަންގެ ފައުންޑަރު މޯހިތު ބިޖްލާނީ ބުނިގޮތުގައި، މިއީ އަރީޖިތުގެ މިއުޒިކީ ޙަޔާތަށް ދެވޭ ޙަޤީޤީ އިޙުތިރާމެކެވެ. އަދި އޭނާގެ އުފަން ޤައުމުގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާފަދަ ބިޔަ ޝޯތަކެއް، ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއެކު އިންތިޒާމުކުރަން ލިބުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށްވެސް އޭނާ ބުންޏެވެ.

އަރީޖިތުއަށް އާއްމުންގެ ބޮޑު މަޤުބޫލުކަމެއް ލިބި މަޝްހޫރުވީ 2013 ވަނަ އަހަރު ނުކުތް ފިލްމު "އާޝިގީ 2"ގެ "ތުމް ހީ ހޯ" ލަވައިންނެވެ. އެ ލަވައާއެކު އޭނާ ވެގެންދިޔައީ ބޮލީވުޑްގެ ލޯބީގެ ލަވަތަކުގެ އެންމެ މަގުބޫލު އަޑަށެވެ. އޭގެފަހުން "އޭ ދިލް ހެ މުޝްކިލް"، "ހަވާޔޭން"، "އަޕްނާ ބަނާ ލޭ"، "ވޭ މާހީ"، "ސަޖްނީ"، "ގެހްރާ ހުއާ" އަދި "ކޭސަރިޔާ" ފަދަ އެތައް ހިޓް ލަވަތަކެއް އޭނާ ވަނީ ކިޔައިދީފައެވެ.

ވިޔަފާރީގެ ގޮތުންނާއި ފަންނީގޮތުން ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ އަރީޖިތު ވަނީ އެންމެ މޮޅު ފިރިހެން ޕްލޭބެކް ސިންގަރުގެ ޤައުމީ އެވޯޑު ދެ ފަހަރެއްގެ މަތިން ހޯދާފައެވެ. އެއީ "ޕަދްމާވަތު" (2018)ގެ "ބިންތޭ ދިލް" ލަވައިންނާއި "ބްރަހްމާސްތުރާ: ޕާޓް ވަން – ޝިވާ" (2022)ގެ "ކޭސަރިޔާ" ލަވައިންނެވެ. މީގެއިތުރުން، އިންޑިއާގެ މިއުޒިކަށް ކުރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އޭނާއަށް ވަނީ އިންޑިއާގެ ހަތަރުވަނައަށް އެންމެ މަތީ ސިވިލިއަން ޝަރަފު ކަމަށްވާ "ޕަދްމަޝްރީ" އެވޯޑު އަރުވާފައެވެ.

comment ކޮމެންޓް