އިންކަމް ޓެކްސް ރެއިޑާ ގުޅުވައިގެން ދައްކާ ވާހަކަތައް ރަކުލް ދޮގުކޮށްފި

އިންޑިއާގެ ބަތަލާ ރަކުލް ޕްރީތް ސިންގް--ފޮޓޯ/ފިލްމުފެއަ

މުމްބާއީގައި އިންކަމް ޓެކްސް އޮފިޝަލުން ހިންގި ޚާއްސަ އޮޕަރޭޝަނަކާ ގުޅުވައިގެން މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތަކަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަކުލް ޕްރީތު ސިންގް ރައްދުދީ، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން އިންސްޓަގްރާމްގައި ހިއްސާކުރި ބަޔާނެއްގައި ރަކުލް ބުނީ، އިންކަމް ޓެކްސް އޮފިޝަލުން ކުރިއަށްގެންދިޔަ ފާސްކުރުމުގެ އޮޕަރޭޝަނަކީ އޭނާއާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

ޣައިރުޤާނޫނީ ގޮތުގައި ބޭރަށް ފައިސާ ފޮނުވުމާއި ނަމްބަރު އޮޅުވާލައިގެން މުދާ ހޯދާފައިވާ ކަމަށް ބުނެ އޭނާއަށް އަމާޒުކޮށްފައިވާ ތުހުމަތުތައް މުޅިން ދޮގުކުރަމުން، ރަކުލް ވަނީ ޙަޤީޤަތް ބެލުމެއް ނެތް ގޮތަށް ޚަބަރު ފަތުރާ މީޑިއާތަކަށާއި ސޯޝަލް މީޑިއާގެ މާހިރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރަކުލް، ފިރިމީހާ އެކްޓަރު/ޕްރޮޑިއުސަރު ޖެކީ ބަގްނާނީއާ އެކު--ފޮޓޯ/ފިލްމުފެއަ

ޙަޤީޤަތް އޮޅުންނުފިލުވައި، ހަމައެކަނި ޚަބަރުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަހުރި ކަމެއްކަން ފާހަގަކުރަމުން ރަކުލް ބުނީ، އޭނާއަކީ އިންޑިއާގެ އަސްކަރީ ސިފައިންގެ އާއިލާއަކަށް ނިސްބަތްވާ، އެއްވެސް އެހީތެރިއަކު ނެތި އަމިއްލަ މަސައްކަތުން ފިލްމީ ދާއިރާގައި ފައިތިލިސާބިތުކުރި މީހެއް ކަމަށެވެ. އަދި ޢުމުރުން 20 އަހަރުން ފެށިގެން ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތައި، ޤަވާއިދުން ޓެކްސް ދައްކަމުންދާ ޒިންމާދާރު ރައްޔިތެއް ކަމަށްވެސް ރަކުލް ވަނީ ބުނެފައެވެ.

މިފަދަ ޙަޤީޤަތެއް ނެތް ޚަބަރުތަކުގެ ސަބަބުން އޭނާގެ އަބުރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކޮށް، އެ މައުލޫމާތު ޝާއިއުކުރި މީޑިއާތަކުން އެ ޚަބަރުތައް ނެގުމަށް ރަކުލް ވަނީ އެދިފައެވެ.

އިންކަމް ޓެކްސް އިދާރާއިން މުމްބާއީގައި ކުރިއަށްގެންދާ މާލީ ތަޙުޤީޤާ ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ބަލައިފާސްކުރަމުންދާއިރު، އެ ތަޙުޤީޤުގެ ރަސްމީ ތަފްސީލެއް އޮފިޝަލުން އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް ރަކުލް ވަނީ އެ ތަޙުޤީޤާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަން ތަކުރާރުކޮށް ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް