ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރަސްފަންނު ހިމެނޭ ސަރަހައްދުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެ މަސައްކަތްކުރުމަށް ޓަކައި އެމްޓީސީސީން ވަނީ ބޮޑުތަކުރުފާނު މަގުގެ އައިޖީއެމްއެޗާ ވީ ފަޅި ބަންދުކޮށްފައެވެ.
އެމްޓީސީސީން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުން ގާތަށް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ކުންފުނިން ބުނީ މި ހަފުތާގައި ދުވާރު ތަރައްގީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލޭ އުތުރު ބަނދަރާ ހަމައަށް މަގު ތަރައްގީކޮށް ނިންމައި އާންމުންނަށް ހުޅުވައިލައިފައެވެ.
އެ ސަރަޙައްދުގެ މަގު ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ފުޅާކުރުމަށްފަހު، 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމު ގާއިމުކޮށްގެންނެވެ.
އަދި 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނަކާވެސް އެކު ތަރައްގީކުރި މި މަގުގެ ސަބަބުން އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ދުއްވާ ފަރާތްތަކަށް ވަނީ ބޮޑެތި ފަސޭހަތަކެއް ލިބިގެން ގޮސްފައެވެ.
ސަރުކާރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން މިހާރު އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށްވެސް ވަނީ ނިންމައިފައެވެ.
ބޮޑުތަކުރުފާނު މަގުގެ މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ނޮވެންބަރު މަހުގެ ތެރޭ އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން އަންނަނީ އަމާޒު ހިފަމުންނެވެ.