ފިލްމު 'ދްރިޝްޔަމް 3'ގެ ނިމުން ސިއްރުކުރުމަށް ލިޔުންތެރިޔާ 100 އަށްވުރެ ގިނަ ފަހަރު ސްކްރިޕްޓް ބަދަލުކުރި

ފިލްމު "ދްރިޝްޔަމް 3"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މިހާތަނަށް ބޮކްސް އޮފީހުގައި ރެކޯޑު ޢަދަދަކަށް އާމްދަނީ ހޯދަމުން އަންނަ ފިލްމު "ދްރިޝްޔަމް 3"ގެ ނިމުން ސިއްރު ކުރުމަށް 100 އަށްވުރެ ގިނަ ފަހަރު ފިލްމުގެ ސްކްރިޕްޓަށް ބަދަލު ގެންނަން ޖެހުނު ކަމަށް ފިލްމުގެ ޑައިލޮގްސްތައް ތައްޔާރުކުރި ލިޔުންތެރިޔާ އާމިލް ކެޔާން ޚާން ބުނެފިއެވެ.

ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ފިލްމު ފްރެންޗައިޒް "ދުރިޝްޔަމް"ގެ ތިންވަނަ ބައި "ދުރިޝްޔަމް: ދަ ކޮންކްލޫޝަން"ގެ ސްކްރިޕްޓް ލިޔުމަކީ ފަސޭހަ ކަމަކަށް ނުވި ނަމަވެސް، މިއީ ކުރީގެ ދެ ބަޔަށްވުރެ ވެސް ބޮޑު ގޮންޖެހުމެއް ކަމަށް އާމިލް ވަނީ ބުނެފައެވެ.

ޑައިރެކްޓަރު އަބީޝެކް ޕާތަކް އަދި ޕަރުވޭޒް ޝައިޚާ ގުޅިގެން މި ވާހަކަ ތައްޔާރުކުރި އާމިލް ހާމަކުރި ގޮތުގައި، ޑްރާފްޓްތައް ބަދަލުކުރެވުނު އަދަދު ސަތޭކައަށްވުރެ ގިނަވެ، ފައިލްތަކަށް ނަން ދިނުމުގައި ވެސް "ފައިނަލް"، "ފައިނަލް 2" އަދި "ފައިނަލް ޕްލީޒް ގޯޑް" ފަދަ ނަންތައް ބޭނުންކުރަން ޖެހުނެވެ.

ޖީތޫ ޖޯސެފްގެ މަލަޔާޅަމް އޮރިޖިނަލް ފިލްމުތަކުގެ މައްޗަށް ބިނާކޮށް އުފެއްދި ފުރަތަމަ ދެ ފިލްމާ ޚިލާފަށް، މި ތިންވަނަ ބަޔަކީ އަމިއްލަ އުފެއްދުންތެރި ޚިޔާލެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރަން ޖެހުނު ފިލްމެކެވެ. އާމިލް ފާހަގަކުރި ގޮތުގައި، މި ފިލްމު ލިޔުން އެހާ ބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ މައިގަނޑު ސަބަބަކީ ވެސް މިއީ މުޅިން އަލަށް އުފައްދަން ޖެހުނު އަމިއްލަ ވާހަކައަކަށް ވުމެވެ.

ފިލްމު "ދްރިޝްޔަމް 3"ގެ ސްކްރީން ރައިޓަ އާމިލް ކެޔާން ޚާން އަދި އެ ފިލްމުގެ ލީޑް އެކްޓަރު އަޖޭ ދޭވްގަން--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމުގެ ސިއްރުތައް، ޚާއްސަކޮށް އޭގެ ނިމުން ސިއްރުގެ ގޮތުގައި ހިފެހެއްޓުމަކީ ވެސް އެހާމެ ބޮޑު ހަނގުރާމައެކެވެ. ގާތް ރައްޓެހިންނާއި، އާއިލާގެ މެންބަރުންގެ އިތުރުން ފިލްމުގެ ކާސްޓާއި ކްރޫއިން ވެސް ފިލްމުގެ ނިމުން ހޯދުމަށް ތަފާތު "ރިޝްވަތު" ހުށަހެޅި ކަމަށް އާމިލް މަޖާޒީ ގޮތަކަށް ބުންޏެވެ. ނަމަވެސް، ފްރެންޗައިޒްގެ ތިން ފިލްމުން ވެސް ފެންނަ ކޮރަޕްޓް ފުލުސް އޮފިސަރު ގައިތޮންޑޭގެ ކެރެކްޓަރާ ޚިލާފަށް، އޭނާ ޕްރޮޑިއުސަރުންނަށް ތެދުވެރިވެ، ސިއްރު ހިފެހެއްޓި ކަމަށް އާމިލް ބުންޏެވެ.

އާމިލްގެ ސްކްރީންރައިޓިންގް ކެރިއަރު 2022 ވަނަ އަހަރު "ދުރިޝްޔަމް 2 އިން ފެށުނު ފަހުން، އޭނާ ވަނީ އަޖޭ ދޭވްގަންގެ "ޝައިތާން" ފިލްމު ވެސް ލިޔެފައެވެ. ޑައިރެކްޓަރު އަބީޝެކް ޕާތަކާއެކު އޮތް ގާތް ގުޅުމުގެ ސަބަބުން، ދެމީހުންގެ މެދުގައި ވާހަކަ ދައްކައި ނުނިމެނީސް އެކަކު އަނެކަކުގެ ޚިޔާލު ދެނެގަނެވޭ ވަރަށް މަސައްކަތުގެ ހިއްސާ ބަދަހިވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ބުރަ މަސައްކަތުގެ ކާމިޔާބީ މިހާރު ފެންނަމުންދަނީ ބޮކްސް އޮފީހުންނެވެ. މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ނެރުނު "ދުރިޝްޔަމް: ދަ ކޮންކްލޫޝަން" ވަނީ ފްރެންޗައިޒްގެ ފުރަތަމަ ފިލްމަށް ލިބުނު މުޅި އާމްދަނީ ފަހަތަށް ޖައްސާލުމަށްފަހު، ދުނިޔޭގެ ބޮކްސް އޮފީހުގައި 300 ކްރޯޑު ރުޕީސްގެ އާމްދަނީއަކާ ދިމާލަށް އަމާޒު ހިފާފައެވެ.

މި ފިލްމުގެ ލީޑް ރޯލްއިން އަޖޭ ދޭވްގަން ފެންނައިރު ފިލްމުގެ ކާސްޓުންގެތެރޭ، ކުރީގެ ދެ ބައިންވެސް މުހިއްމު ރޯލްތަކުން ފެނުނު، ތައްބޫ، ޝްރިޔާ ސަރަން، ރަޖަތް ކަޕޫރު އަދި އިޝިތާ ދައްތާ ފެނެއެވެ. މި ފަހަރުގެ ފިލްމުން އަލަށް ފެނުނު ތަރިންގެތެރޭ ކުޅަދާނަ އެކްޓަރުން ކަމަށްވާ ޖައިދީޕް އަހްލަވާތު އަދި ޕްރަކާޝް ރާޖް ހިމެނެއެވެ.

comment ކޮމެންޓް