މަދޫބާލާ އާއި މީނާ ކުމާރީއަށް ލޯތްބާއި މަޝްހޫރުކަމުގެ ބަދަލުގައި ދައްކަންޖެހުނު އަގު

ހިންދީ ސިނަމާގައި ރަން އަކުރުން ފަވާލެވިފައިވާ މަޝްހޫރު ބަތަލާއިން ކަމަށްވާ މަދޫބާލާ އަދި މީނާ ކުމާރީ--ފޮޓޯ/މިޑް-ޑޭ

މަދޫބާލާ އާއި މީނާ ކުމާރީއަކީ އިންޑިއާގެ ސިނަމާގެ ރަންޒަމާނުގައި އެންމެ ބޮޑު މަޤްބޫލުކަމެއް ހޯދި، ވިދުންގަދަ ދެ ތަރިންނެވެ. ނަމަވެސް، އެ ދެ ބަތަލާއިންގެ ފަނޑުވުމެއްނެތް ޗާލުކަމާއި ކާމިޔާބީގެ ފަހަތުގައި ވަނީ ހިތާމައާއި ވޭނުން ފުރިގެންވި އަނދިރި ހަޔާތެކެވެ. ފިލްމްފެއަގެ އެޑިޓަރު-އިން-ޗީފް ޖިތޭޝް ޕިއްލާއީ ފާހަގަކުރި ގޮތުގައި، މި ދެ ތަރިންގެ ތަޤުދީރުގެ ޞަފްޙާތައް އެކުލެވިގެންވަނީ ހައިރާންވާހާ އެއްގޮތް ސިފަތަކެއްގައެވެ.

ޅަފަތުގައި ފިލްމީ ދާއިރާއަށް ނުކުންނަން މަޖުބޫރުވި މުމްތާޒު ޖަހާން (މަދޫބާލާ) އަދި މަހްޖަބީން (މީނާ ކުމާރީ)ގެ މުޅި ދިރިއުޅުން ކޮންޓްރޯލް ކުރަމުން ދިޔައީ އެމީހުންގެ ހަރުކަށި ބައްޕައިންނެވެ. މުޅި ޢާއިލާގެ އާމްދަނީ އެ ދެމީހުންގެ ބުރަ މަސައްކަތަށް ބިނާވެފައި އޮތްއިރު، އެއްވެސް ޒާތީ މިނިވަންކަމެއް ނެތި، ހަރުކަށި އުސޫލުތަކަކަށް ތަބާވާން ޖެހުނެވެ. މިފަދަ ހިތްދަތި މާހައުލެއްގެ ސަބަބުން، ދެ ތަރިންވެސް އަބަދުވެސް އެދިއެދި ތިބީ ބައްޕައެއްގެ ފަރާތުން ލިބެންޖެހޭ ފަދަ ޙަޤީޤީ ލޯތްބާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ވަފާތެރި ބައިވެރިއަކަށެވެ.

މީނާ ކުމާރީ، ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ކަމާލް އަމްރޯހީއާ އެކު--ފޮޓޯ/އިންސްޓަގްރާމް

އެގޮތުން މީނާ ކުމާރީ، ޢުމުރުން ދޮށީ ޑައިރެކްޓަރު ކަމާލް އަމްރޯހީއާ ސިއްރިއްޔާތުގައި ކައިވެނިކުރި ނަމަވެސް، ކަމާލް އޭނާއާ މެދު އަމަލުކުރީ ފައިސާ ހޯދާ ވަސީލަތެއްގެ ގޮތުގައެވެ. އެގާރަ އަހަރުގެ އަނިޔާވެރި ކައިވެންޏަކަށްފަހު މީނާ އެ ދިރިއުޅުމުން ނުކުތީ ފުލުހުންގެ އެހީގައެވެ. އަނެއްކޮޅުން މަދޫބާލާ އާއި ދިލިޕް ކުމާރުގެ ބަދަހި ލޯބީގެ ގުޅުން ނިމުމަކަށް އައީ، މަދޫބާލާގެ ބައްޕަ އާއި ދިލިޕްއާ ދެމެދު އުފެދުނު 'ނަޔާ ދައުރު' ފިލްމުގެ ކޯޓު މައްސަލައަށްފަހުއެވެ. މި ހިތާމަތަކުން އަރައިގަތުމަށް މަދޫބާލާ އަވަސްއަރުވާލައިގެން ކިޝޯރު ކުމާރާ ކައިވެނިކުރިއިރު، މީނާ ކުމާރީ ވަނީ މަސްތުވާތަކެއްޗާއި އެކި ގުޅުންތަކުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ.

މަދޫބާލާ އަދި ފިރިމީހާ ކިޝޯރު ކުމާރު--ފޮޓޯ/މިޑް-ޑޭ

އެ ދެ ތަރިންގެ ޙަޔާތާ ގުޅިފައިވާ 'މުގަލޭ އާޒަމް' އާއި 'ޕަކީޒާ' ފަދަ ތާރީޚީ ފިލްމުތަކުގެ ބުރަ މަސައްކަތުގެ ސަބަބުން ދެމީހުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މަދޫބާލާގެ ހިތުގެ ބައްޔަކީ ފަރުވާއެއް ނެތް ބައްޔެއްކަން އެނގުމުން ފިރިމީހާ ކިޝޯރު ކުމާރު އޭނާ އެކަހެރިކޮށް ބައްޕަގެ ގޭގައި ދިރިއުޅެން ދޫކޮށްލުމުން، ނުވަ އަހަރު ވަންދެން ބަލި އެނދުގައި އޮންނަންޖެހުނެވެ. އަދި 1969 ގައި ޢުމުރުން އެންމެ 36 އަހަރުގައި މަދޫބާލާ ދުނިޔެއަށް އަލްވަދާޢު ކިއެވެ.

މީނާ ކުމާރީ 55 ފިލްމު ކުޅެ، ބޮޑު މަޝްހޫރުކަމެއް ހޯދި ނަމަވެސް، 1972ގައި އުމުރުން 39 އަހަރުގައި ފުރަމޭގެ ބައްޔެއްގައި މަރުވިިއިރު ހޮސްޕިޓަލުގެ 3,500 ރުޕީސްގެ ކުޑަ ބިލު ދައްކާނެ ފައިސާއެއްވެސް އޭނާގެ އަތަކު ނެތެވެ. ޤައުމުތަކުގެ ވެރިންގެ އިޙުތިރާމް ލިބުނު މި ބަތަލާއިންގެ ހަޔާތް އިނދަޖެހިގެން ދިޔައީ، އާއިލާ އާއި ބައިވެރިންގެ ފަރާތުން ލިބެންޖެހޭ އިޚްލާސްތެރި އޯގާތެރިކަމުގެ ބަދަލުގައި ފިރިހެނުންގެ ހަރުކަށި ބާރުވެރިކަމާއި އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުންނެވެ.

މި ދެ ބަތަލާއިންގެ އަސަރުގަދަ ވަކިވުމަކީ މިއަދުގެ ފިލްމީ ތަރިންނަށް، ޚާއްޞަކޮށް އަންހެން ފަންނާނުންނަށް، ނުހަނު މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދިން ހާދިސާއެކެވެ. އަމިއްލަ މިނިވަންކަމާއި، ސިއްހަތާއި، މާލީ ރައްކާތެރިކަން އިސްކުރުމުގެ މުހިންމުކަން މިއަދުގެ ސިނަމާއިން ފެންނަނީ އެ ދުވަހުގެ ހިތި ތަޖުރިބާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. އަދި ކިތަންމެ އަހަރެއް ވޭތުވެދިޔަޔަސް، މަދޫބާލާ އާއި މީނާ ކުމާރީގެ ނަމާއި އެ ބަތަލާއިން ހިންދީ ސިނަމާއަށް ކޮށްދިން ޚިދުމަތްތައް ދުވަހަކުވެސް ފޮހެވިގެންނެއް ނުދާނެއެވެ. އެއީ ހިންދީ ސިނަމާގެ ތާރީޚުގައި އަބަދަށްޓަކައި ވިދިވިދި ހުންނާނެ ދެ ނަމެވެ.

comment ކޮމެންޓް