ޖާންވީގެ ޑީޕްފޭކް މައްސަލައިގައި އެންޓީއާރު ނުރުހުން ފާޅުކޮށް، ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޖޫނިއަ އެންޓީއާރު އަދި ޖާންވީ ކަޕޫރު--ފޮޓޯ/ފިލްމުފެއަ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޖޫނިއަ އެންޓީއާރު އަދި ޖާންވީ ކަޕޫރު އެކުގައި ކުޅެފައިވާ ފިލްމު "ދޭވަރާ: ޕާޓް 1"ގެ މަގުބޫލު ލަވަ "ޗުއްޓާމައްލޭ"ގެ މަންޒަރުތަކެއް ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ޖާންވީގެ އަބުރު ގެއްލޭފަދަ ބޭއަދަބީ ޑީޕްފޭކް ވީޑިއޯއެއް އުފެއްދި މައްސަލައިގައި އެންޓީއާރު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ނާތަހުޒީބު އަމަލު ހިންގި ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.

އެކްސްގައި ހިއްސާކުރި މެސެޖެއްގައި އެންޓީއާރު ވަނީ މިއީ ފަސާދަވެފައިވާ، އަދި ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތް ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. އިންޑިއާގެ ސަޤާފަތުގައި އަންހެނުންނަށް ދެވިފައިވާ ޤަދަރާއި އިހުތިރާމަށް އަލިއަޅުވާލަމުން އޭނާ ބުނީ، މައިންނާއި ކަނބަލުންނަށް އިޙުތިރާމްކުރުމުގެ މާތް ސަޤާފަތެއް އޮތް ޤައުމެއްގައި، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަންހެނެއްގެ އަބުރާއި އިއްޒަތް ގެއްލުވާލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މި ފޭކު ވީޑިއޯ އުފައްދައި އާންމުކުރި ފަރާތްތަކަށް ސީދާ އަމާޒުކޮށް އެންޓީއާރު ބުނީ، މި އަމަލު ހިންގި އެކަކުވެސް ދޫނުކުރާނެ ކަމަށާއި، ވީޑިއޯ އުފެއްދި މީހުންނާއި އެ ފެތުރުމުގައި ބައިވެރިވި އެންމެންނާ ދެކޮޅަށް ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިއީ މިއަދު އެހެން މީހަކަށް ދިމާވި ކަމެއް ކަމުގައި ވިޔަސް، މާދަމާ މިއީ އަމިއްލަ މަންމަ، އަނބިމީހާ ނުވަތަ ދަރިފުޅަށް ވެސް ކުރިމަތިވެދާނެ ކަމެއްކަން ހަނދާންކޮށްދެމުން، މިފަދަ ހަޑިމުޑުދާރު ވީޑިއޯތައް ނުބެލުމަށާއި، އެއްވެސް މީޑިއާއެއްގައި ހިއްސާނުކުރުމަށް އޭނާ ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ޖާންވީ ކަޕޫރު ފިލްމު "ދޭވަރާ: ޕާޓް 1"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ

މީގެއިތުރުން، އޭއައި ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި، އިންޑިއާގެ މަރުކަޒީ ސަރުކާރާއި ސްޓޭޓް ސަރުކާރުތަކުން އިސްނަގައިގެން ހަރުދަނާ ޤަވާއިދުތަކެއް އެކުލަވާލައި، ވަގުތުން ފިޔަވަޅު އަޅައިދިނުމަށްވެސް އެންޓީއާރު ވަނީ ގޮވާލާފައެވެ.

އިންޑިއާގެ ފިލްމީ ދާއިރާގެ މަޝްހޫރު އަންހެން ތަރިންގެ ފޮޓޯއާއި ވީޑިއޯ ބޭނުންކޮށްގެން، އެމީހުންގެ ރުހުމަކާ ނުލައި އޭއައި މެދުވެރިކޮށް މިފަދަ ބޭއަދަބީ މަންޒަރުތައް އުފެއްދުމަކީ މިހާރު ކަންބޮޑުވާންޖެހޭ މައްސަލައަކަށް ވަނީ ވެފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރަޝްމިކާ މަންދަންނާގެ ޑީޕްފޭކް ވީޑިއޯއެއް އާންމުވުމާ ގުޅިގެން އޭނާ ވަނީ ފާޅުގައި އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. މީގެއިތުރުން ކާޖޯލް، އާލިއާ ބަޓް އަދި ކެޓްރީނާ ކައިފް ފަދަ މަޝްހޫރު އެތައް ތަރިންނެއް ވަނީ މިފަދަ ނާޖާއިޒު އަމަލުތަކުގެ ޝިކާރައަކަށް ވެފައެވެ.

ކޮރަޓާލާ ސިވާ ޑައިރެކްޓްކޮށް 2024 ވަނަ އަހަރު ނެރުނު "ދޭވަރާ: ޕާޓް 1"ގެ "ޗުއްޓާމައްލޭ" އަކީ އަނިރުދް ރަވިޗަންދަރު މިއުޒިކް ތައްޔާރުކޮށް، ރާމަޖޯގައްޔާ ސާސްތުރީ ޅެން ހަދާފައިވާ ވަރަށް މަގުބޫލު ލަވައެކެވެ. ޖޫނިއަ އެންޓީއާރު އަދި ޖާންވީ ކަޕޫރުގެ ފުރިހަމަ ހުނަރު ފެނިގެންދާ މި ލަވައަކީ 2024 ވަނަ އަހަރު ތެލުގޫ ފިލްމީ ދާއިރާގައި އެންމެ ގިނަ ބަޔަކު ބެލި އެއް ލަވައެވެ.

comment ކޮމެންޓް