އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، "ޑަރް ކާ ނަޔާ ދޯރު"ގެ ޝިއާރުގެ ދަށުން މިއަހަރުގެ އޮގަސްޓް މަހު ފެށި، ރޯހިތު ޝެޓީ ހުށަހަޅައިދޭ މަޤުބޫލު ސްޓަންޓް ރިއަލިޓީ ޝޯ "ޚަތުރޯން ކޭ ކިލާޅީ 15"ގެ ޗެމްޕިއަންކަން މަޝްހޫރު ޓީވީ އެކްޓަރު އަވިނާޝް މިޝްރާ ހޯދައިފިއެވެ.
ވާދަވެރި ފައިނަލްގައި ރިތުވިކް ދަންޖާނީ އާއި އޮރީ ފަހަތަށް ޖައްސާލުމަށްފަހު މުބާރާތުގެ ތަށި އުފުލައިލި އަވިނާޝްއަށް ވަނީ، އިނާމެއްގެ ގޮތުގައި 20 ލައްކަ އިންޑިއަން ރުޕީސްގެ އިތުރުން ޔޫރަޕް ދަތުރަކާއި އަގުހުރި ކާރެއް ލިބިފައެވެ. މީގެއިތުރުން، ފައިނަލްގައި ވާދަކުރި އެންމެ މޮޅު ތިން ބައިވެރިންނަށް ސައިކަލެއް ވެސް ވަނީ ދީފައެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން އަވިނާޝް ފާހަގަކުރި ގޮތުގައި، މި މުބާރާތުގައި ބައިވެރިވީ އަމިއްލަ ނަފްސުގެ ޤާބިލުކަން އެހެން މީހުންނަށް ދައްކުވައިދިނުމަށް ކަމަށް ކުރިން ހީވިނަމަވެސް، މިއީ ޙަޤީޤަތުގައި އަމިއްލަ ނަފްސު އިމްތިޙާނުކޮށްލަން ލިބުނު ފުރުސަތެކެވެ. އެކްޓިން ދާއިރާގައި ހަމައެކަނި ރީތި ސޫރައެއްގެ ގޮތުގައި ފެނުމުގެ ބަދަލުގައި، އޭނާއަކީ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ހިތްވަރުގަދަ މީހެއްކަން ސާބިތުކޮށްދޭން މި ޝޯއަކީ ރަނގަޅު މައިދާނަކަށްވި ކަމަށް އޭނާ ބުންޏެވެ.
އަވިނާޝް އިތުރަށް ބުނީ، މިއީ ޖިސްމާނީ ވަރުގަދަކަމަށްވުރެ ބޮޑަށް ނަފްސާނީ ހިތްވަރު ވަޒަންކޮށްލެވުނު ދަތުރެއް ކަމަށެވެ. ބިރުވެރި ވަގުތުތަކުގައި އަމިއްލަ ނަފްސަށް އިތުބާރުކޮށް ކުރިއަށްދާން ދަސްވި ކަމަށާއި، މި ތަޖުރިބާގެ ސަބަބުން އަމިއްލަ ނަފްސަށް އޮތް ޔަޤީންކަން އިހުނަށްވުރެ އިތުރުވެގެންދިޔަ ކަމަށް ވެސް އޭނާ ހާމަކުރިއެވެ.
އަވިނާޝް، "ޚަތުރޯން ކޭ ކިލާޅީ 15"ގެ ހޯސްޓް ރޯހިތު ޝެޓީއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމުޅި ސީޒަނުގައި ވެސް އެންމެ ފާހަގަކޮށްލެވުނު އެއް ބައިވެރިޔާގެ ގޮތުގައި ފެނުނު އަވިނާޝް ވަނީ، އެއްވެސް ސްޓަންޓެއް ދޫކޮށްނުލައި ހުރިހާ ޓާސްކެއް ފުރިހަމަކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ "ސްވިފްޓް އިމިއުނިޓީ ޖެކެޓް" ކާމިޔާބުކޮށް، އިތުރު ބާރުތަކެއްވެސް ހޯދާފައެވެ. މި ސީޒަނުގައި ފަރްހާނާ ބަޓް، އޮރީ، ކަރަން ވަހީ އަދި ރިތުވިކް ދަންޖާނީ ފަދަ ވަރުގަދަ ތަރިންގެ ފަރާތުން އޭނާއަށް ބޮޑު ވާދަވެރިކަމެއް ކުރިމަތިވިއެވެ.
ޓީވީ ދާއިރާގައި 10 އަހަރެއްހާ ދުވަސް ހޭދަކޮށްފައިވާ އަވިނާޝްއަކީ އެކްޓިންއަށް ވަނުމުގެ ކުރިން ޑީޖޭއެކެވެ. އޭނާ އެކްޓިންގް ދާއިރާއަށް ނުކުތީ 2016 ވަނަ އަހަރު ޒީ ޓީވީއިން ދެއްކި ޑްރާމާ "ސެތުޖީ"އިންނެވެ. އޭގެފަހުން 2017 ގައި ސްޓާ ޕްލަސްއިން ގެނެސްދިން "އިޝްގްބާޒް" އަދި 2018 ގައި "މަރިއަމް ޚާން ރިޕޯޓިންގް ލައިވް" އިން ބޮޑު މަޤުބޫލުކަމެއް ހޯދިއެވެ. އަވިނާޝްގެ ފަންނީ ހަޔާތަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ 2022 ވަނަ އަހަރުގެ "ނާތު" ސީރީޒުންނެވެ. އަދި 2024 ވަނަ އަހަރު "ބިގް ބޮސް 18" ގެ ހަތަރުވަނަ މަގާމު އޭނާ ހޯދާފައިވާއިރު، "ޚަތުރޯން ކޭ ކިލާޑީ 15" އަށް އޭނާ ހޮވުނީވެސް ބިގް ބޮސްގެ ގޭގައި ހުއްޓައެވެ.