ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ދާއިރާގެ އިސް ބޭފުޅުންނާ މިނިސްޓަރުން މަޝްވަރާކުރައްވައިފި

މިނިސްޓަރުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުން --- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާ މިނިސްޓަރުން މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީނާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ޓެކްސް ކޮމިޝަނަރު ފާތިމަތު އަމީޒާ ބައިވެރިވެވަޑައިގެންނެވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފު ކުރެއްވި އެއް ބާނީ އަދި ކްރައުން ގްރޫޕުގެ ޗެއާމަން ހުސައިން އަފީފާއި ސަން ސިޔާމް ގުރޫޕުގެ ޗެއާމަން ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމެވެ.

ޓޫރިޒަމް އިންޑަސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ޓުއަރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި އަންނަ ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށެވެ.

މީގެއިތުރުން މިހާރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ އެކި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި އިސް ފަރާތްތަކުން ހުށަހެޅި މުހިންމު ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި ހާސިލުކުރަންޖެހޭ މުހިންމު ލަނޑުދަނޑިތަކެއް ކަނޑައަޅައި އެއްބަސްވިކަން މިނިސްޓްރީން ފާހަގަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ ގާތުން ގުޅިގެން މަސައްކަތްކުރުމަށް އަބަދުވެސް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި މިނިސްޓަރުން ވަނީ ދެއްވާފައެވެ.

comment ކޮމެންޓް