ދަތްދަގަނޑަކުން ފޯނު ފިހާރަ ފަޅާލައި 24 ފޯނު ވަގަށް ނެގި މީހާ ޖަލަށް

ހއ. މާރަންދޫ / ފިނިރޯޅި، އަޙްމަދު ނިޔާޒް

މާލޭ މަޖީދީމަގުގައި ހުންނަ "ޒިއޯން މޯބައިލް-4" ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ، ގިނަ އަދަދެއްގެ މޯބައިލް ފޯނު ވަގަށް ނެގި މައްސަލައިގައި ހއ. މާރަންދޫ / ފިނިރޯޅި، އަޙްމަދު ނިޔާޒުގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ސާބިތުވެ، އޭނާގެ މައްޗަށް ޖަލު ހުކުމްތަކެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ބެއްލެވި ތިން ގަޒިއްޔާއިން ނިޔާޒުގެ މައްޗަށް ވަނީ ވައްކަންކުރުމުގެ ކުށާއި، މުދަލަށް ގެއްލުންދިނުމުގެ ކުށުގެ އިތުރުން އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށް ސާބިތުވެފައެވެ.

މި މައްސަލައިގެ ޙުކުމްތަކުން އެނގޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ، ހަތަރެއް ނޮވެންބަރު 2024 ގެ ފަތިހު 05:30 އެހައިކަންހާއިރުއެވެ. ނިޔާޒު ވަނީ ދަތްދަގަނޑަކުން ޖަހައި ޒިއޯން މޯބައިލް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު، އެ ފިހާރައަށް ވަދެ ކޭޝް ޑްރޯވަރުގެ ތަޅު ހަލާކުކޮށް، ސޭލްސް ޝޯކޭސްގައި ހުރި ފޯނުތަކުގެ ތެރެއިން 24 މޯބައިލް ފޯނު ވަގަށް ނަގާފައެވެ.

ވަގަށް ނެގި ފޯނުތަކުގެ ތެރޭގައި ވަންޕްލަސް، ގޫގުލް ޕިކްސެލް އަދި ރެޑްމީ ބްރޭންޑްގެ ފޯނުތައް ހިމެނޭއިރު، މިއިންތަކެތީގެ ޖުމްލަ އަގު 117,814 ރުފިޔާއަށް އަރައެވެ. ތަހުގީގަށް ދިން ބަޔާނުގައި ނިޔާޒު އިއުތިރާފުވެފައިވާ ގޮތުގައި، އޭނާ ވައްކަން ކުރީ ވަގަށް ނެގި ފޯނުތައް ވިއްކާލައިގެން ލިބޭ ފައިސާއިން މަސްތުވާތަކެތި ގަނެ ބޭނުންކުރުމުގެ ބޭނުމުގައެވެ.

ނިޔާޒު ކޯޓުގައި ދައުވާތަކަށް އިންކާރުކުރި ނަމަވެސް، ދައުލަތުން ހުށަހެޅި ހެކިތަކުން ދައުވާތައް ވަނީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވެފައެވެ. މައްސަލައިގެ ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފޫޓޭޖް ހިމެނެއެވެ. ސީސީޓީވީން ނިޔާޒު ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި، ކައިރީގައި ހުރި ގެއަކަށް ވަދެ އަންނައުނު ބަދަލުކޮށްގެން އަލުން އައިސް ފޯނުތައް ކޮތަޅުތަކަށް އަޅައިގެން ގެންދާ މަންޒަރު ފެނެއެވެ.

ފިހާރައިގެ ފޯނުތައް ބަހައްޓާފައި ހުރި ޝެލްފްގެ ބިއްލޫރިގަނޑުން ނެގި ފިންގަޕްރިންޓާއި ނިޔާޒުގެ ކަނާތު ބޮޑުވައި އިނގިލީގެ ނިޝާނުގެ 32 ސިފައެއް ވަނީ ދިމާވެފައެވެ. ވަގަށް ނެގި 24 ފޯނުގެ ތެރެއިން 12 ފޯނު ފުލުހުން ވަނީ ނިޔާޒު މެދުވެރިވެގެން މ. އޯކިޑުވިލާ އާއި ވިލިމާލެއިން ހޯދާފައެވެ. ބާކީ ފޯނުތައް އޭނާ ވަނީ ވިއްކާލާފައެވެ.

މި މައްސަލައިގައި ކުރި ވައްކަންކުރުމުގެ ދައުވާއަކީ ޖިނާޔަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބަލައި، ކުރިން ވައްކަމުގެ ރިކޯޑު އޮތުމުން ދެ އަހަރުގެ ޖަލު އަދަބެއް ކަނޑައެޅުނެވެ. އެކަމަކު، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި ހަތަރު މަހާއި 11 ދުވަސް އުނިކުރުމަށްފަހު، ތަންފީޒު ކުރަންޖެހެނީ އެއް އަހަރާއި ހަތް މަހާއި 19 ދުވަހުގެ ޖަލު އަދަބެކެވެ.

މުދަލަށް ގެއްލުންދިނުމުގެ ދައުވާގައި ފިހާރައިގެ ބިއްލޫރިގަނޑާއި ކޭޝް ޑްރޯވަރަށް 5,607.94 ރުފިޔާގެ ގެއްލުން ދީފައިވާތީ، ޖުނަޙްގެ އެއްވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބަލައި، އަދަބު ކަނޑައެޅުމުގެ ގަވާއިދުގެ ދަށުން (މަލްޓިޕްލް އޮފެންސް އުސޫލުން) ތިން މަސް ދުވަހުގެ ޖަލު އަދަބެއް އިއްވިއެވެ. އަދި ފަތިސް ގަޑީގައި ތަޅުލާފައި ހުރި ފިހާރައަކަށް ބިއްލޫރިގަނޑު ތަޅާލައިގެން ވަދެފައިވާތީ، މަލްޓިޕްލް އޮފެންސް އުސޫލުން އެއް މަހާއި 15 ދުވަހުގެ ޖަލު އަދަބެއް އިއްވިއެވެ. އެއީ އެނގި ހުރެ ހުއްދަ ނޫންތަނަކަށް ވަތް މައްސަލައެވެ.

ޤާޒީގެ ހުކުމުގައި ފާހަގަކުރައްވާފައިވަނީ، ނިޔާޒަކީ ވައްކަމުގެ ގިނަ ރިކޯޑުތަކެއް އޮތް މީހެއް ކަމަށާއި، މަސްތުވާތަކެތި ގަތުމަށް ޓަކައި އަލުންވެސް ކުށް ތަކުރާރުކުރުމުގެ ފުރުސަތު ބޮޑުކަމަށް ފެންނާތީ، އޭނާއަށް އެންމެ މުނާސަބު އަދަބަކީ މުޖުތަމައުން އެކަހެރިކޮށް ޖަލަށްލުން ކަމަށެވެ.

comment ކޮމެންޓް