ފެން މީޓަރެއް ވަގަށް ނެގި މީހަކު 21,600 ރުފިޔާއިން ޖޫރިމަނާކޮށްފި

ފެން މީޓަރެއް ވަގަށް ނެގި މީހަކުވަނީ 21,600 ރުފިޔާއިން ޖޫރިމަނާކޮށްފައި

މާލޭގެ ގެއަކުން ފެން މީޓަރެއް ވަގަށް ނެގި މައްސަލައެއްގައި އުފުލި ވައްކަމުގެ ދައުވާ ސާބިތުވި މީހަކު 21,600 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ވައްކަންކުރުމުގެ ދައުވާ އުފުލާފައިވަނީ އއ. ތޮއްޑޫ މީހެއްގެ މައްޗަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން، އޭނާވަނީ މިއަހަރުގެ އެޕްރީލް 16 ވަނަ ދުވަހުގެ ހަވީރު 16:00 ހާއިރު، ކ. މާލެ، އޯކިޑްމަގުގައި ހުންނަ މ. މާކޮޅުގޭގައި ހަރުކޮށްފައިވާ ފެން މީޓަރެއް ވަގަށް ނަގާފައެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމާއި އަވަސްނިޔާގެ މަޖިލީހުގައިވެސް އެ މީހާވަނީ ދައުލަތުން އުފުލި ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން، އޭނާގެ އިއުތިރާފުން މައްސަލަ ސާބިތުވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން މި ކުށަށް އަންނަ އަސާސީ އަދަބަކީ ޖަލަށް ލުމެވެ. މައްސަލައިގެ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، ޝަރީއަތުން އޭނާގެ މައްޗަށް ކަނޑައެޅި އަދަބަކީ ތިން މަހާއި 18 ދުވަހުގެ ޖަލު އަދަބެކެވެ. ނަމަވެސް، އޭނާގެ ފަރާތުން ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ކަނޑައަޅައިދިނުމަށް އެދިފައިވާތީއާއި، އޭނާއަކީ ވަޒީފާއެއްގައި އުޅޭ މީހަކަށްވާތީ، ގާނޫނުލްއުގޫބާތާއި ސުޕްރީމް ކޯޓުގެ އުސޫލުތަކުގެ ދަށުން ކޯޓުން ވަނީ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދީފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޟީ އާދަމް މުޙައްމަދު ކުރެއްވި ހުކުމުގައިވަނީ ޖަލު އަދަބުގެ ބަދަލުގައި އެ މީހާ 21,600 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. މި ޖޫރިމަނާ ފައިސާ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ޖެހެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އަލުން އަނބުރާ ޖަލު ހުކުމް ތަންފީޒުކުރަންޖެހޭނެކަންވެސް ކޯޓުން ވަނީ އަންގާފައެވެ.

comment ކޮމެންޓް