ދެކުނު އޭޝިއާގެ ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) ގެ މީޑިއާ ޕާޓްނަރަކަށް ވުމަށް ސަން ސިޔާމް މީޑިއާއިން، އެ ހަރަކާތް އިންތިޒާމުކުރާ ހައި ރައިޒް ޕްރައިވެޓް ލިމިޓެޑާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެސްއެސް މީޑިއާ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެސްއެސް މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަބްދުﷲ ފައިސަލެވެ. އަދި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް މަރިޔަމް މައީޝާއެވެ.
މި ޕާޓްނާޝިޕްގެ ދަށުން ސަޓާގެ ގާލާ ނައިޓް ލައިވްކުރުމާއި، އިވެންޓް ޕްރޮމޯޓްކުރުމުގެ ހުރިހާ ހަރަކާތްތަކެއް އެސްއެސް މީޑިއާއިން ކުރިއަށް ގެންދާނެއެވެ.
މައީޝާ ވިދާޅުވި ގޮތުގައި މިއީ ސަޓާ އެވޯޑްސް ބާއްވާ 10 ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑް ހަފުލާ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މައިޝާ ވިދާޅުވީ ސަޓާގައި، 54 ކެޓަގަރީއަކުން 174 އަށް ވުރެ ގިނަ އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އިންޑިއާ، ސްރީލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝް ފަދަ ސައުތު އޭޝިއާގެ އެކި ގައުމުތަކުގެ ޓްރެވަލް މީޑިއާތަކުން މި ހަރަކާތުގައި ބައިވެރިވާނެކަމަށެވެ.
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްގެ މީޑިއާ ޕާޓްނަރަކަށް އެސްއެސް މީޑިއާއިން ސޮއިކުރުން -- ސަން ފޮޓޯ"ވަރަށް ސަކްސެސްފުލް އިވެންޓެއް އިރާދަކުރެއްވިއްޔާ މިއީ. މި އަހަރު ދިހަ ވަނަ އެޑިޝަންވީމަ އަޅުގަނޑުމެން ބޭނުންވީ ރާއްޖޭގައި ބާއްވަން. އެއީ އަޅުގަނޑުމެން ހައިރައިޒްގެ އިނީޝިއޭޓިވަކަށް ވެފައި، ރާއްޖޭގައި މި އިވެންޓްގެ 10ވަނަ އަހަރުގެ ސެލެބްރޭޝަން ހަމަ ޓުއަރިޒަމް ޑޭއާ ގުޅިގެން ބޭއްވިގެން ދިއުމަކީ ހަމަ ވަރަށް ބޮޑު ފަޚުރެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" މައީޝާ ވިދާޅުވިއެވެ.
ސަޓާއަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ހޮސްޕިޓަލިޓީ ދާއިރާ ކުރިއަރުވައި، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޝަރަފުވެރި އެވޯޑެކެވެ.
މި އެވޯޑުގައި ރާއްޖެ ހިމެނޭހެން ސަރަހައްދުގެ ގިނަ ގައުމުތަކަކުން ރިސޯޓުތަކާއި، ސިޓީ ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ޓްރެވަލް އެޖެންސީ އަދި އެއާލައިންތައް ވާދަކުރާއިރު، އިންސާފުކުރަނީ އޮންލައިން ވޯޓާއި ތަޖުރިބާކާރު ޖަޖުންގެ މާކްސްތަކަށް ބަލައިގެންނެވެ.
މި އެވޯޑު ތައާރަފުކޮށް އިންތިޒާމުކުރާ ހައިރައިޒް ކުންފުންޏަކީ 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އިވެންޓް މެނޭޖްމަންޓް، މާކެޓިން އަދި މީޑިއާގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ.
ސަޓާ އެވޯޑުގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް ކްރޫޒް އެންޑް ޔޮޓް އެކްސްޕޯ، ވެކޭޝަންސް އެކްސްޕޯ، އަދި ފުޑް އެންޑް ބެވަރެޖް ޝޯ ފަދަ ބޮޑެތި އިވެންޓްތަކާއި، ކޯޕަރޭޓް އިވެންޓްތައް ރޭވުމާއި މާކެޓިން އަދި ޕަބްލިކޭޝަންތައް ނެރުމަކީވެސް އެ ކުންފުނީގެ މުހިންމު ޚިދުމަތްތަކެކެވެ.