އިނގިރޭސިވިލާތުގެ ކުރީގެ އަމީރު، އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ މިދިޔަ ފެބުރުވަރީ މަހު ހައްޔަރުކުރުމާ ގުޅިގެން ނެރެފައިވާ ބަލައިފާސްކުރުމުގެ އަމުރުތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި، ފުލުހުންނާ ދެކޮޅަށް އޭނާ ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އެންޑްރޫ ހައްޔަރުކުރީ، ކުޑަކުދިން ޓްރެފިކް ކުރުމާއި ޖިންސީ ގޯނާކުރުމުގެ ދައުވާތައް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބާއްވައި، އޭނާއާ ރަސްމީ ލިޔެކިޔުންތައް ވެސް ހިއްސާކުރުމުގެ ތުހުމަތުގައެވެ. އެންޑްރޫގެ ގެތައް ބެލުމަށް އަމުރެއް ހޯދީ ވެސް، އެ މައްސަލައާ ގުޅިގެންނެވެ.
އެންޑްރޫ ޖުޑީޝަލް ރިވިއުއެއްގެ ގޮތުގައި މިހާރު ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި، އޭނާގެ ގެތައް ބަލައިފާސްކުރުމަށް ފުލުހުން ހޯދި އަމުރުތަކަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ އަމުރުތަކެއް ކަމަށް ކަނޑައަޅައިދިނުމަށް ވަނީ އެދިފައެވެ.
ދަ ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ހައި ކޯޓުގެ ފަނޑިޔާރަކު މިހާރު ވަނީ ދެއްވާފައެވެ. މިއީ ފެބުރުއަރީ މަހު އެންޑްރޫ ހައްޔަރުކުރި ފަހުން، ފުލުހުންގެ ތަހުގީގާ ދެކޮޅަށް އޭނާ ފާޅުގައި އެޅި ފުރަތަމަ ގާނޫނީ ފިޔަވަޅެވެ.
މި ބަލައިފާސްކުރުމުގެ އަމުރުތަކަކީ އެންޑްރޫ ހައްޔަރުކުރުމުގެ އެއް ދުވަސް ކުރިން، ފެބުރުވަރީ 18 ވަނަ ދުވަހު ސެންޓްރަލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ނެރެދެއްވާފައިވާ އަމުރުތަކެކެވެ. މި މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، ފުރަތަމަ ކުރިއަށްދާނީ ބައެއް ލިޔެކިޔުންތައް ސިއްރުކުރުމަށް ފުލުހުން އެދިފައިވާތީ އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ބާއްވާ ސިއްރު އަޑުއެހުމެކެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ގޮތުގައި ހިމެނެނީ ތޭމްސް ވެލީ ޕޮލިސްގެ ޗީފް ކޮންސްޓަބަލް އަދި ސެންޓްރަލް ކްރިމިނަލް ކޯޓެވެ. ތޭމްސް ވެލީ ޕޮލިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސެންޓްރަލް ކްރިމިނަލް ކޯޓުން ކުރިން ހޯދާފައިވާ އަމުރުތަކަކާ ގުޅޭ ޝަރީއަތުގެ މަރުހަލާއެއްގައި އެ އިދާރާއިން މިހާރު ބައިވެރިވަމުންދާ ކަމަށެވެ. އަދި މައްސަލަ ކޯޓުގައި ހިނގަމުންދާތީ އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ބުނެފައިވެއެވެ.
އެންޑްރޫއަށް 66 އަހަރު ފުރުނު ދުވަސް ކަމަށްވާ، ފެބުރުވަރީ 19 ގައި އޭނާ ހައްޔަރުކުރުމަށްފަހު، ނޯފޯކްގައި ހުންނަ އޭލްޝަމް ޕޮލިސް ސްޓޭޝަނަށް ގެންގޮސް 11 ގަޑިއިރު ވަންދެން ސުވާލުކޮށްފައިވެއެވެ. އެއަށްފަހު ތަހުގީގު ކުރިއަށްދާ ގޮތަށް އޭނާ ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ވަނީ އެންޑްރޫގެ ދެ ގެ އެތައް ދުވަހެއް ވަންދެން ބަލައިފާސްކޮށް، ބައެއް ލިޔެކިޔުންތައް ގެންގޮސްފައެވެ.
އެންޑްރޫ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައެވެ. އަދި އެޕްސްޓީންއާ އެއްވެސް ގުޅުމެއް ބާއްވާފައި ނުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވެއެވެ.
އެންޑްރޫގެ ތަހުގީގު ފެށީ، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއިން އާންމުކުރި ޖެފްރީ އެޕްސްޓީންގެ ފައިލްތަކުން ހާމަވި މައުލޫމާތުތަކަކާ ގުޅިގެންނެވެ. އެ ލިޔެކިޔުންތަކުގައިވާ ގޮތުން، ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކެއް އެންޑްރޫ ވަނީ އެޕްސްޓީންއާ ހިއްސާކޮށްފައެވެ.
ރަސްގެފާނު ޗާލްސް، އެންޑްރޫގެ ޝާހީ ލަގަބުތައް އުވައިލެއްވީ އެ މައްސަލައާ ގުޅިގެންނެވެ.