އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ކުރީގެ އަމީރު، އެންޑްރޫ ހައްޔަރުކޮށްފި

ޕްރިންސް އެންޑްރޫ: ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ޕްރިންސް އެންޑްރޫ ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ/ ގެޓީ

އިނގިރޭސިވިލާތުގެ ރަސްގެފާނު ތިންވަނައިގެ ކޮއްކޮ، ކުރީގެ އަމީރު އެންޑްރޫ މައުންޓްބެޓެން ވިންސާ މިއަދު ހައްޔަރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން، މިއަދު 66 އަހަރު ފުރުނު އެންޑްރޫ ހެނދުނު ހައްޔަރުކޮށް، އޭނާ ދިރިއުޅުނު ދެ ގެޔެއް ފުލުހުން އަންނަނީ ބަލައި ފާސްކުރަމުންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެންޑްރޫގެ މައްޗަށް ކޮށްފައިވަނީ، ޒިންމާދާރު މަގާމެއްގައި ހުރެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތެވެ.

މީގެ ކުރިން އަމީރެއްގެ ގޮތުގައި ހުރި އެންޑްރޫގެ ލަގަބު އަތުލީ، އެމެރިކާގެ މަހުޖަނު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ބޭއްވި ގާތް ގުޅުންތައް ހާމަވި ފަހުންނެވެ.

އެތައް އަހަރެއް ވަންދެން ކުޑަކުދިންގެ ވަގުފާރިކޮށް، ނުފޫޒު ގަދަ އެތައް ބަޔަކާ ގުޅުން ބޭއްވި އެޕްސްޓީންގެ ޖަލު ބަންދުގައި ހުއްޓާ، 2019ގައި ވަނީ އަމިއްލައަށް މަރުވެފައެވެ.

https://sun.mv/217474

އޭގެ ފަހުން ވެސް، އެޕްސްޓީންއާ ގުޅުން އޮތް މީހުންނާއި، އޭނާއާއެކު ކުށް ކުރުމުގައި ބައިވެރިވި މީހުންގެ މައުލޫމާތު ހާމަވެފައިވެއެވެ. އެގޮތުން އެޕްސްޓީންގެ މިލްކުވެރިކަމުގައި އޮތް ރަށެއްގައި ހިންގައިފައިވާ ޖަރީމާތަކާ ގުޅޭ މައުލޫމާތާއި، ފޮޓޯއާއި ވީޑިއޯ ހިމެނޭ ފައިލްތަކެއް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން އަންނަނީ ހާމަކުރަމުންނެވެ.

އެ ފައިލްތަކުން، އެންޑްރޫއާއި އެޕްސްޓީންގެ ގާތް ގުޅުމާ ބެހޭ އިތުރު މައުލޫމާތާއި، އެންޑްރޫގެ އިތުރު ފޮޓޯތައް ވެސް ހާމަވެފައިވެއެވެ.

comment ކޮމެންޓް