އީރާނަށް ބޮންއަޅާ ޖެޓްތައް އަނބުރައި ގެންދިޔަ ސަަބަބު ޕެންޓަގަންއިން ހާމައެއް ނުކުރި

ޕެންޓަގަންގެ ތަރުޖަމާން

ވޮޝީންޓަން (05 އޮކްޓޯބަރު 2026): އިނގިރޭސިވިލާތުގެ ފެއާފަރޑް ވައިގެ ބޭހުގައި ބާއްވައިގެން އީރާނަށް އުދުވާނީ ގޮތުން ހަމަލާދީ ބޮންއަޅައި މެދުއިރުމަތީގައި ހަމަނުޖެހުން އުފައްދަން އެމެރިކާ ބޭނުންކުރަމުންދިޔަ ބީ-ވަން މަރުކާގެ އަސްކަރީ ޖެޓްތައް އަނބުރައި އެމެރިކާއަށް ގެންދިޔަ ސަބަބު ހާމަކުރުމަށް ޕެންޓަގަންއިން ފަސްޖެހިއްޖެއެވެ.

ޕެންޓަގަންގެ ތަރުޖަމާނަކު ވިދާޅުވީ، އިނގިރޭސިވިލާތުގެ ފެއާފަރޑް ވައިގެ ބޭހުގައި ބާއްވައިގެން އީރާންއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި ބޭނުންކުރި ބީ-ވަން މަރުކާގެ 12 ޖެޓް މިހާރު އަނބުރައި އެމެރިކާއަށް ގެންގޮސްފައިވީ ނަމަވެސް މިކަން ކުރަން ޖެހުނު ސަބަބު ސަލާމަތީ ބޭނުންތަކަށްޓަކައި ހާމަކުރެވެންނެތް ކަމުގައެވެ. އެމެރިކާއިން ބިރުނަގައި މި ބޯޓުތައް އަނބުރައި އެމެރިކާއަށް ގެންގޮސްފައި މިވަނީ އެ ބޯޓުތައް ގްރައުންޑް ކޮށްފައިހުރި އިނގިރޭސިވިލާތުގެ ފެއާފަރޑް ވައިގެ ބޭސްއަށް ބަޔަކު ވަދެގަންނަން މަސައްކަތްކުރިކަމަށް ބުނެ އިނގިރޭސި ސަރުކާރުން ވާހަކަދެއްކިތާ ހަފްތާއެއްގެ ތެރޭގައެވެ.

އިނގިރޭސި ސަރުކާރު ބުނާގޮތުން އެބޭސްއަށް ވަދެގަނެ އެތަނަށް ގެއްލުންދިނުމަށް ރާވަމުން ގެންދިޔަ ބަޔަކު މިދިޔަހަފްތާގައި ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް އިނގިރޭސިވިލާތުގެ ރައްޔިތުން ކަމަށާއި މީގެތެރޭގައި ހިމެނެނީ އެމެރިކާގެ ޣައިރު ގާނޫނީ ހަރަކާތްތަކުގައި އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުންކުރާތީ އެކަމާދެކޮޅަށް އިހުތިޖާޖްކުރި ސުލްހައިގެ އެކްޓިވިސްޓުން ކަމަށާ އެމީހުން މިހާރުވަނީ ދޫކޮށްލާފައިކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހުން މަސައްކަތްކުރަމުން ގެންދިޔައީ އީރާނަށް ބޮންއެޅުމަށް ޓަކައި އެމެރިކާއިން ފެއާފަރޑް ވައިގެ ބޭސް ބޭނުންކުރާތީ އެކަމާދެކޮޅަށް ކަމަށް އިނގިރޭސިވިލާތުގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ. އެ ބޭސް އާ ދެކޮޅަށް އެމީހުން ކުރަން އުޅުނީ ކޮންކަމެއްކަން އިނގިރޭސި ބޮޑުވަޒީރު ހާމަ ކުރައްވާފައެއް ނުވެއެވެ.

ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި އީރާން ދަރިކޮޅުގެ އިނގިރޭސި ރައްޔިތަކު ހިމެނޭކަންވަނީ ހާމަކޮށްފައެވެ. މިއާއެކު އިނގިރޭސި ބޮޑުވަޒީރުވަނީ ފެއާފަރޑް ބޭސްއަށް ދޭން އުޅުނީ ޓެރަރިސްޓް ހަމަލާއެއްކަމަށް ސިފަކުރައްވައި އެހަމަލާއާއި އީރާންއާ ގުޅުވުމަށް މަސައްކަތް ކުރައްވައިފައެވެ. ނަމަވެސް މިކަން އީރާންއާ ގުޅުވޭވަރުގެ ހެއްކެތް އިނގިރޭސި ބޮޑުވަޒީރަށާއި އަދި އޭނާގެ ސަރުކާރަށް އަދި ދެއްކިފައެއް ނުވެއެވެ.

އީރާންވަނީ ތެހެރާންގައި ހުންނަވާ އިނގިރޭސި ސަފީރު އީރާނުގެ ޚާރިޖީ ވުޒާރާއަށް ޙާޒިރުކޮށް އީރާންގެ ބޮލުގައި ނުބައި ތުހުމަތުތަކެއް އަޅުވަން މަސައްކަތްކުރާކަމަށް ބުނެ އިނގިރޭސި ސަފީރަށް އިހްތިޖާޖުގެ ސިޓީއެއް ހާވާލުކޮށްފައެވެ. އީރާނުގެ ޚާރިޖިއްޔާއިންވަނީ އިނގިރޭސިވިލާތަކީ އެމެރިކާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ގައުމެއްކަމަށާ އީރާން ބޮލުގައި މިކަން އެޅުވުމަށް އިނގިރޭސިވިލާތުން މަސައްކަތްކުރަނީ އެމެރިކާގެ ޕްރެޝަރުގައި ކަމަށް ތުހުމަތުކޮށްފައެވެ.

އަނެއްކޮޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ޖެޓްތައް ހުރި ފެއާފަރޑް ވައިގެ ބޭސްއަށް ދޭން އުޅުނީ "ވަރުގަދަ ހަމަލާއެއް" ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައިވާ ގޮތުގައި މި ނުރައްކާތެރި ރޭވުމުގައި ބޭރު ޤައުމެއްގެ އަތެއް ވާކަން ކަށަވަރެވެ. މިއީ އޭނާ އީރާނަށް ނުސީދާ ގޮތެއްގައި ކުރެއްވި ތުހުމަތެއްކަމަށްވަނީ ބެލެވިފައެވެ. ކުރައްވައި ފައެވެ. ނަމަވެސް މިރޭވުމުގެ އެއްވެސް ހަގީގަތެއް ހާމަކޮށްފައެއް ނުވެއެވެ.

އީރާންއަށް ހަމަލާދީ އުދުވާން ހިންގުމަށް ބޭނުންކުރާ ކޮންމެ މަރުކަޒަކަށްވެސް ހަމަލާދިނުމަކީ އަމިއްލަ ނަފްސު ދިފާއު ކުރުމަށްޓަކައި އީރާނަށް ލިބިގެންވާ ހައްގެއްކަމަށް އީރާން އަބަދުވެސް ބުނެއެވެ. މިގޮތުން އީރާން ވަނީ ގަލްފާއި އުުރުދުންގައިވާ އެމެރިކާ ގެ މަރުކަޒުތަކަށް ތަކުރާރުކޮށް އެތަށް ފަހަރަކު ހަމަލާދީފައެވެ. އެމެރިކާ ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމައިގާ ބޭނުންކުރާ ޔޫރަޕްގެ ބޭސްތަކަށް ރައްދު ހަމަލާދޭންޖެހިދާނެކަމުގެ އިންޒާރުވެސް އީރާންވަނީ ދީފައިވެއެވެ.

އެމެރިކާއަކީ އީރާންއާ ދެކޮޅަށް ޣައިރު ގާނޫނީ ހަނގުރާމައެއް ފަށައި އީރާނަށް ހަމަލާދީ މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުމަށް އދ. ގެ ޗާޓަރާ ޚިލާފު ގިނަކަންތައްތަކެއް ކުރަމުން ގެންދާ ގައުމެކެވެ. މީގެތެރޭގައި އީރާނުގެ އިސްވެރިންނާއި ސްކޫލްކުދިންނަށް ހަމަލާދީ ގަތުލުއާންމު ހިންގުމާއި އިރާނުގެ ބަނދަރުތައް ހިސާރުކުރުމާއި އީރާންގެ ރައްޔިތުން ބަނޑަށް ޖެއްސުމަށްޓަކައި އީރާނުގެ އިންޕޯޓް އެކްސްޕޯޓަށް ހުރަސްއެޅުމާއި އީރާންއާ މުއާމަލާތްކުރާ ގައުމުތަކަށް ބިރުދައްކައި ބުލީކުރުމާއި އީރާނުގެ ބާޣީ ޖަމާއަތްތަކަށް ހަތިޔާރުދީގެން އީރާންގެ އެތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް މަގުފަހިކުރުން ހިމެނޭކަމަށް އީރާން ބުނެއެވެ.

އެމެރިކާގެ މި އަމަލުތަކަކީ އދ. ގެ ޗާޓަރާ އިދިކޮޅު ޣައިރު ގާނޫނީ އަމަލުތައްކަން ބައިނަލްއަގްވާމީ މުޖްތަމައަށް ހަނދާންކޮށް ދިނުމަށް އީރާން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

އީރާންއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި ބޭނުންކުރި އެމެރިކާގެ ބީ-ވަން މަރުކާގެ 12 ޖެޓް އަނބުރައި އެމެރިކާއަށް ގެންދިޔަކަން ހާމަކޮށްފައިވަނީ ވޯލް ސްޓްރީޓް ޖާނަލް އިންނެވެ.

comment ކޮމެންޓް