އީރާނަށް ނިއުކްލިޔާ ހަމަލާއެއް ދިނުމަށް ނަތަންޔާހޫ، ޓްރަމްޕަށް ޕްރެޝަރުކުރަމުން އެބަދޭ

ޓްރަމްޕާއި ނަތަންޔާހޫ: އީރާނަށް ނިއުކްލިޔާ ހަމަލާއެއް ދިނުމަށް ނަތަންޔާހޫ ޓްރަމްޕަށް ޕްރެޝަރުކުރަމުން އެބަދޭ -- ފޮޓޯ/ އޭޕީ

ވޮޝިންޓަން (2 ނޮވެންބަރު 2026): އީރާނުގެ ނިއުކްލިޔާ އެންމެ ހައްސާސް މަރުކަޒު ކަމުގައި ބެލެވޭ ޖަބަލުލް ފައުސް (ޕިކާކްސް މައުންޓައިން) ގެ އަޑީގައިވާ ގޮތްނޭންގޭ މަރުކަޒު ފުނޑާލުމަށް ޓަކައި ނިއުކްލިޔާ ބޮމުން ހަމަލާދީގެންވެސް އެތަން ހަލާކުކޮށްލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ޕްރެޝަރު ކުރަމުން ގެންދާކަމަށް އެމެރިކާގެ ކަނާތު ފިޔައިގެ ވަތަނީ ފިކުރުގެ މަޝްހޫރު ނޫސްވެރިޔާ ޓާކާ ކާލްސަން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކާލްސަން ވިދާޅުވީ ޕިކާކްސް މައުންޓައިން ގެ އަޑީގައިވާ އީރާނުގެ ނިއުކްލިޔާ މަރުކަޒު ހަލާކުކޮށްލުމަކީ ނިއުކްލިޔާ ހަތިޔާރުންނޫނީ ނުވާނެ ކަމެކެވެ. ކާލްސަން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ އުފައްދާފައިވާ ކޮންވެންޝަނަލް ބޮންތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ބޮންކަމަށްވާ މަދާބޮމުންވެސް އެތަން ހަލާކުކޮށް ނުލެވޭނެކަން އެމެރިކާގެ އަސްކަރީ ފަރާތްތަކުން ގަބޫލުކުރެއެވެ. ވީމާ، އެތަން ފުނޑާލުމަށް ނިއުކްލިޔާ ބޮމުން ހަމަލާދިނުމަކީ ޓްރަމްޕް ހިންގަވައިފާނެ ޖަރީމާއެއްކަމަށާ އެކަމަށް ނަތަންޔާހޫ ޓްރަމްޕަށް ޕްރެޝަރު ކުރަމުން ގެންދާކަމަށް ޓާކާ ކާލްސަން ވިދާޅުވިއެވެ.

"އަންޑާ ޕްރެޝާ ފްރޮމް ނަޓަންޔާހޫ، ދަ ޓްރަމްޕް އެޑްމިނިސްޓްރޭޝަން މޭބީ ވިތިން ޑޭސް އޮފް ލައުންޗިންގް އަ ނިއުކްލިޔާ ސްޓްރައިކް އޮން އީރާން" ކާލްސަން އެކްސްގައި ލިޔުއްވާފައިވެއެވެ.

އިސްރާއީލުގެ އިދިކޮޅު ފަރާތްތައް ތުހުމަތު ކުރާގޮތުގައި އީރާނުން އިސްރާއީލަށް ނިއުކްލިޔާ ހަމަލާއެއް ދީފާނެކަމަށް ބުނެ އީރާނުގެ ނިއުކްލިޔާ މައްސަލަ މާ ބޮޑުކޮށްލައިގެން ނަތަންޔާހޫ އުޅެނީ އޭނާގެ އަމިއްލަ ސިޔާސީ ބޭނުމަށެވެ. އަމްނު އަމާންކަން ނުވަތަ ސަލާމަތާއި ރައްކާތެރިކަމަކީ އިސްރާއީލު މީހުންގެ އެންމެ ބޮޑުކަންބޮޑުވުމެވެ. އަދި އެއީ ފަލަސްތީނަށް ވެރިވެގެންފައިވާ އިސްރާއީލުގެ ޔަހޫދީންގެ ކުރިމަތީގައިވާ އެންމެ ހައްސާސް ނުވަތަ ނާޒުކު މައްސަލައެވެ. އިސްރާއީލު މީހުން އެންމެ ބޮޑަށް ބޭނުންވަނީ ފަލަސްތީނުގެ ބިން ހިފައިގެން އެތަނުގައި އަމާންކަމާއެކު ދިރިއުޅުންކަމަށްވާއިރު، އިސްރާއީލުގެ އާންމުންގެ ތާއީދު ހޯދުމަށް އިސްރާއީލުގެ ސިޔާސީ ލީޑަރުން ހިންގާ ކޭންޕެއިން ތަކުގެ އަސާސަކީވެސް އަމަން އަމާންކަމެވެ.

އީރާނުގެ އެންމެ ހައްސާސް ނިއުކްލިޔާ މަރުކަޒު ހުރިކަމަށް ބެލެވޭ ޕިކާކްސް ފަރުބަދަ

ސަބަބަކީ އިސްރާއީލު މީހުންގެ ސިކުނޑިތަކާ ކުޅެލައިގެން ވޯޓު ހޯދުމަށް އެންމެ ފަސޭހަ ގޮތަކީ އަމަން އަމާންކަން ނުވަތަ ސެކިއުރިޓީ ކަށަވަރުކޮށްދޭނެ ކަމުގެ ވާހަކަ ދައްކައިގެން ކަމަށްވާތީއެވެ. ނަމަވެސް މުހައްލިލުން ވިދާޅުވާ ގޮތުގައި އިސްރާއީލުގެ އަމަން އަމާންކަން ނަގާލަނީ ޚުދު އިސްރާއީލުގެ ލީޑަރުން ގަސްދުގައެވެ. އެއީ ފަލަސްތީނުގެ ހައްގުތަކަށް އަރައިގަނެ ފަލަސްތީނުގެ ބިން އިސްތިއުމާރުކޮށް ފަލަސްތީނު މީހުން ބަނޑަށް ޖައްސައި ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާ އިސްރާއީލުގެ ސަރުކާރުތަކުން ހިންގާތީއެވެ. އަދި ފަލަސްތީނުގެ ބިމުގެ ކުޑަ ތަންކޮޅެއްގައިވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު ދީގެން ދެދައުލަތުގެ ހައްލު ހޯދަން އިސްރާއީލުގެ ލީޑަރުން ބޭނުން ނުވާތީއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ފަލަސްތީނުގެ ހައްގުތަކަށް އަރައިގަނެ ފަލަސްތީނުގެ ބިން އިސްތިއުމާރުކޮށް ފަލަސްތީނު މީހުން ބަނޑަށް ޖައްސައި ފަލަސްތީނު މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގައިގެން ފަލަސްތީނު މީހުން މައިތިރިއެއް ނުކުރެވޭނެއެވެ. މިގޮތަށް ހަރުކަށިކަން ކުރިޔަށް ނެރެގެން ދުވަހަކުވެސް އިސްރާއީލަށް އަމާންކަމެއް ނުލިބޭނެއެވެ. މިކަން އިސްރާއީލުގެ ތެރެއިން ކޮންމެ ދުވަހަކުވެސްދަނީ ފެންނަމުންނެވެ.

އަމާންކަން އިސްރާއީލަށް ލިބޭނެ ހަމައެކަނި ގޮތަކީ އެންމެ ކުޑަވެގެން ފަލަސްތީނުގެ ދެސަރަހައްދު ކަމަށްވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިމުން އިސްރާއީލު ފާބައި އެދެސަރަހައްދު ހިމެނޭގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލު ގަބޫލުވުމެވެ. މިނޫންގޮތަކަށް ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ މައްސަލަ ހައްލު ނުކުރެވޭނެކަމަށާ އަދި އިސްރާއީލަށް އަމާންކަންވެސް ނުލިބޭނެ ކަމަށް މިފަރާތްތަކުން ދެކެއެވެ. މެދުމިނުގެ ޚިޔާލުގެ ޔަހޫދީންވެސް މިހަގީގަތް ގަބޫލުކުރެއެވެ.

ޓާކާ ކާލްސަން ވިދާޅުވެފައިވާ ގޮތުގައި ނަތަންޔާހޫގެ އަވާގައި ޖެހިގެން ޓްރަމްޕް އީރާނަށް ނިއުކްލިޔާ ބޮން އަޅައިނަމަ އީރާނުގެ އިތުރުން ގަލްފާއި މުޅި މެދުއިރުމަތި އިންސާނުންނަށް ދިރިނޫޅެވޭ ތަނަކަށް ބަދަލުވެގެންދާނެއެވެ. މިއާއެކު ރަޝިއާވެސް ޔުކްރެއިންއަށް ނިއުކްލިޔާ ބޮންއަޅައިގެން ޔުކްރެއިންގެ މައްސަލަ ހައްލުކުރަން އުޅުމަކީ ވަރަށް ގާތްކަމެކެވެ. މިހާލަތުގައި ރޭޝިއޭޝަންގެ ސަބަބުން ޔޫރަޕަކީވެސް އިންސާނުންނަށް ދިރިނޫޅެވޭ ތަނަކަށް ވެގެންދާނެއެވެ. އަދި އުތުރުކޮރެއާވެސް ދެކުނު ކޮރެއާއަށް ނިއުކްލިޔާ ހަމަލާއެއް ދިނުމަކީ ވަރަށް ގާތްކަމެކެވެ. މިހެންވެއްޖެނަމަ އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާއަކީވެސް އިންސާނުންނަށް ދިރިނޫޅެވޭ ވަރުގެ ސަރަހައްދަކަށް ވެގެންދާނެއެވެ. ކާލްސަންވަނީ ނަތަންޔާހޫ ގެ ޕްރެޝަރުގައި ޓްރަމްޕް ދަނީ ދުނިޔޭގެ ހަލާކާ ދިމާއަށްކަމަށް ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް