ނޯވޭގެ އާންމު ތަންތަނުގައި އޭއައި އައިނު ބޭނުންކުރުން މަނާކުރަނީ

ނޯވޭ ސަރުކާރުން ބުނީ މިފަދަ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ދާއިމީ ގަވައިދެއް އެކުލަވާލުމަށް ތައްޔާރުވަމުންދާ ކަމަށް ----

އާންމުންނަށް ނޭނގި ފޮޓޯއާއި ވީޑިއޯ ނެގުމާއި އަޑު ރެކޯޑުކޮށްފާނެކަމުގެ ބިރު އޮތުމުން، އާންމުކޮށް މީހުން އެއްވެއުޅޭ ބައެއް ސަރަހައްދުތަކުގައި އޭއައި އައިނު ބޭނުންކުރުން ވަގުތީގޮތުން މަނާކުރުމަށް ހުށަހެޅުމަށް ނޯވޭ ސަރުކާރުން ނިންމައިފިއެވެ.

މި ނިންމުމަކީ ޒާތީ ރައްކާތެރިކަމާއި އަމިއްލަ މައުލޫމާތު ރައްކާތެރިކުރުމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، ކެމެރާ ހަރުކޮށްފައިވާ ސްމާޓް އައިނާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެށިފައިވާ ހަރަކާތްތަކާ ގުޅިގެން ނިންމި ނިންމުމެކެވެ.

ނޯވޭގެ ޑިޖިޓަލައިޒޭޝަން އެންޑް ޕަބްލިކް ގަވާނަންސް މިނިސްޓަރު ޓޯޖިއާ މިކޭލްސަން ވިދާޅުވީ، މީހުންނަށް ނޭނގި ފޮޓޯއާއި ވީޑިއޯ ނުވަތަ އަޑު ރެކޯޑު ކުރެވޭފަދަ ނުރައްކާތެރި އައު ޓެކްނޮލޮޖީތައް ތައާރަފުވަމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މި މަނާކުރުން ހިންގުމަށް ހަމަޖެހިފައިވަނީ އާންމުން ގަވާއިދުން އެއްވެއުޅޭ ތަންތަން ކަމަށްވާ ބަގީޗާތަކާއި، އަތިރިމަތީ ސަރަހައްދުތަކާއި، މިއުޒިއަމްތަކާއި، ޝޮޕިން ސެންޓަރުތަކުގެ އިތުރުން އާންމު ހަރަކާތްތައް ބާއްވާ ތަންތަނުގައެވެ.

ކެމެރާ ހަރުކުރި އޭއައި އައިނުތަކާ ދެކޮޅަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަނީ އަޑުއުފުލަމުން ----

މީގެ އިތުރުން ސްކޫލްތަކާއި، ކުޅިވަރު ކުޅޭ މައިދާންތަކާއި، ކުޑަކުދިންގެ ކްލަބްތަކުގެ އިތުރުން ޑޮކްޓަރުންގެ ކޮޓަރިތަކާއި، ފަތާފެންގަނޑުތަކާއި، ހެދުން ބަދަލުކުރާ ކޮޓަރި ހުންނަ ޖިމްތައް ފަދަ ޒާތީ ރައްކާތެރިކަން ބޮޑަށް ބޭނުންވާ ތަންތަނުގައިވެސް މި ފިޔަވަޅު އަޅާނެއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި މިއީ އެ އައިނުތައް މުޅިން މަނާކުރުމެއް ނޫނެވެ. އަމިއްލަ ގޭގޭގައާއި، އެހެން މީހުންނަށް ނޭނގި ފޮޓޯ ނުވަތަ ވީޑިއޯ ނެގުމުގެ ފުރުސަތު ނެތް ހާލަތްތަކުގައި މިފަދަ އައިނު ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ.

މި މަނާކުރުމުގެ ދަށުން ހިމެނޭނީ ކޮންކޮން ޓެކްނޮލޮޖީއެއްކަން ސަރުކާރުން އިތުރަށް ދިރާސާކުރާނެއެވެ. މީގެ ތެރޭގައި ކެމެރާއާއި އަޑު ރެކޯޑުކުރާ އައިނާއި، ކެމެރާއާއި އޭއައި ފީޗަރުތައް ހުންނަ އައިނުގެ އިތުރުން، ގައިގައި ހަރުކުރެވޭ ކެމެރާއާއި އަޑު ރެކޯޑުކުރެވޭ ނުވަތަ އޭއައި އެކުލެވޭ އެހެނިހެން ޓެކްނޮލޮޖީތައް ހިމެނޭނެއެވެ.

ނޯވޭގެ މަައިނޯރިޓީ ސަރުކާރުން ބުނީ މިކަމާ ގުޅޭ ބިލެއް އެންމެ އަވަހަށް ގާނޫނުހަދާ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އިންސާނާގެ ހަށިގަނޑުގައި ހަރުކުރެވޭ ޓެކްނޮލޮޖީތަކާ ބެހޭގޮތުން ދާއިމީ ގައުމީ ގަވާއިދެއް އެކުލަވާލުމަށްޓަކައި ލަފާދޭނެ މާހިރުންގެ ގުރޫޕެއްވެސް އެކުލަވާލާނެއެވެ.

comment ކޮމެންޓް