މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޔޫސުފް މާނިޢުއާއި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލައްވާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން އެންމެހައި ރައްޔިތުންނަށް މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަން ފަހިކޮށްދިނުމަށްޓަކައި ދިވެހި ފުލުހުންގެ ހިދުމަތާއި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގެ ތެރެއިން މަޝްވަރާކޮށްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހަކީ، މާލޭ ސަރަހައްދުގެ ޓްރެފިކް ކަންކަން ބެލެހެއްޓުމަށާއި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މި ފަހުން އުފައްދަވާފައިވާ އޮފީހެކެވެ.
ހައިވޭގައި އެކްސިޑެންޓެއްގައި ހިނގަައި ފުލުހުން ހަރަކާތްތެރިވަނީމިފަހަކަށް އައިސް މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ދަނީ އިތުރުވަމުންނެވެ. އަދި މި އެކްސިޑެންޓުތަކުގައި އަނިޔާވާ މީހުންގެ ފުރާނައަށް ނުރައްކާވެ، ދުނިޔެ ދޫކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ.
މީގެތެރެއިންވެސް ގިނަ ހާދިސާތައް ހިނގާފައިވަނީ ހުޅުމާލޭގައި ކަމަށް ފުލުހުން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން، ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ހުޅުމާލޭގައި 1،295 އެކްސިޑެންޓު ހިނގާފައިވެއެވެ. މިއީ އެ މުއްދަތުގައި މުޅިރާއްޖެއިން ރިޕޯޓުކުރެވުނު 2،018 އެކްސިޑެންޓުގެ 64 ޕަސެންޓެވެ. މި އަހަރުގެ ކޮންމެ މަހަކުވެސް 200 އަށްވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތައް ދައްކައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީގެތެރެއިންވެސް އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައެވެ. އެ ސަރަޙައްދުގައި 887 އެކްސިޑެންޓު އަދި ދެވަނަ ފިޔަވަހީގައި 408 އެކްސިޑެންޓު ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާކަމަށް ފުލުހުން ފާހަގަކޮށްފައިވަނީ ހުޅުމާލެ މަގުތަކުގައި އަލަށް ހަދާފައިވާ ރައުންޑަބޮޓުތަކުގައެވެ.