ހާލަންޑަށް އަނިޔާޥެ ކުޅުމާ ދުރަށް، ސިޓީއަށް ބޮޑު ބޮލުގެ ރިހުމެއް

އަނިޔާވެގެން ހާލަންޑް ދަނޑުން ފައިބަނީ

ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލް އަތުން 2-1 އިން ނޯވޭ ބަލިވި މެޗުގައި، އެޓީމުގެ މުހިންމު ފޯވާޑް އާލިން ހާލަންޑަށް އަނިޔާވެގެން ކުޅުން ހުއްޓާލަން ޖެހުމުން މެންޗެސްޓާ ސިޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މެޗުގެ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ހާލަންޑް ބަދަލުކުރީ، ތަދުވާކަމުގެ އިޝާރާތެއް ބެންޗަށް ކުރުމަށްފަހު އޭނާ އަމިއްލައަށްއެވެ. ހާލަންޑްގެ ބަދަލުގައި ޔޯގަން ސްޓްރޭންޑް ކުޅެން އަރަން ދަނޑުކައިރީގައި ތައްޔާރުވެގެން ހުރިއިރު، ހާލަންޑް ވަނީ ތަދާއެކު ކޮރަމުން ކަހަލަ ގޮތަކަށް ދަނޑުމަތީގައި އިރުކޮޅަކަށް މަޑުކޮށްފައެވެ.

މި އަނިޔާގެ ސަބަބުން ސިޓީއަށް ބޮޑު ނުވަތަނަވަސްކަމެއް ކުރިމަތިވެފައިވަނީ ކުރިއަށް އޮތް ހަފުތާގައި އެޓީމަށް މުހިންމު ދެ މެޗު އޮތުމުންނެވެ. އެގޮތުން އިނގިރޭސި ޕްރީމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު، ޖެހިގެން އަންނަ ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ސިޓީގެ ދަނޑުގައި ނުކުންނާނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށެވެ.

ހާލަންޑް ބަދަލުކުރުމަށް އޭނާ އަމިއްލައަށް ބެންޗަށް އިޝާރާތްކުރަނީ--

މި ސީޒަނުގައި މިހާތަނަށް ސިޓީއަށް 7 ގޯލު ކާމިޔާބުކޮށްދީފައިވާ ނުރައްކާތެރި ފޯވާޑް ނުލައި މި ދެ މެޗަށް ނުކުންނަން ޖެހިއްޖެނަމަ، އެއީ ސިޓީއަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރިހޯދީ ނޯވޭއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ބްރެންޓްފޯޑްގެ ޑިފެންޑަރު ކްރިސްޓޮފާ އަޖާ ކާމިޔާބުކުރި ރީތި ވޮލީއަކުން ނޯވޭއިން ކުރިހޯދި ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ޔާއޯ ކަންސެލޯ ވަނީ ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕޯޗުގަލް މޮޅުވި ގޯލު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގޮންސާލޯ ރާމޯސްއެވެ. މިއީ ނޭޝަންސް ލީގުގައި ނޯވޭ ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. މިއާއެކު ކޯޗު ސޮލްބަކަންގެ ނޯވޭ މިވަގުތު އޮތީ ގްރޫޕްގެ އެންމެ ފުލުގައެވެ.

comment ކޮމެންޓް