ރިއަލްއެސްޓޭޓް ގާނޫނު މި ހަދަނީ އީގަލް ހިލްސް ޕްރޮޖެކްޓަށް ޚާއްސަކޮށްގެނެއް ނޫން: އުޝާމް

ސަރުކާރުގެ 'އަހާ ފޯރަމް' ގައި ބަންޑާރަނައިބު އަހުމަދު އުޝާމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަލަށް ހަދާ ރިއަލްއެސްޓޭޓް ގާނޫނު ހަދަނީ ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ ބޮޑު ޕްރޮޖެކްޓަށް ޚާއްސަކޮށްގެނެއް ނޫން ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ރޭ ވިދާޅުވެއްޖެއެވެ.

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.

https://sun.mv/228268

ސަރުކާރުގެ 'އަހާ ފޯރަމް' ގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތްކުރަނީ ރާއްޖޭގައި ނެތް ސިނާއަތެއް ފަށަން ކަމަށެވެ. އެގޮތުން ރާއްޖޭގެ މައި އިގްތިސޯދީ ހަބް ކަމަށްވާ ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ނަމަވެސް މިކަން ކުރަން ބަލާއިރު ރާއްޖޭގައި މިހާރު މިއޮތް ގާނޫނީ ޕްރޭމްވޯކްގެ ތެރެއިން މިކަން ކުރެވޭނެ ގޮތެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިހާރު މިކުރަނީ ރިއަލް އެސްޓޭޓް ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް. ރިއަލް އެސްޓޭޓް ގާނޫނަކީ ވަކި ޕްރޮޖެކްޓަކަށް ޚާއްސަކޮށް އެކުލަވައިލާނެ ގާނޫނެއް ނޫން. މި ގާނޫނުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއް ހިންގުމުގެ ފުރުސަތު އޮންނާނެ. ބޭރުގެ ކުންފުނިތަކަށް އަދި ރާއްޖޭގެ ކުންފުނިތަކަށް ވެސް އޮންނާނެ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ އެ ޕްރޮޖެކްޓާ ގުޅިގެން އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ 30،000 މީހުންގެ އާބާދީއެއް އެތަނަށް ގެނެސް ބަޔަކު ވަޒަންވެރިކުރުވަން ސަރުކާރުން މަސައްކަތްތަކެއް ކުރަނީ ކަމަށް ބުނާ ބުނުން ކަމަށެވެ. އެހެން ނަމަވެސް މިއީ އެއްގޮތަކަށް ވެސް އެހެން ހިނގާ ކަމެއް ނޫން ކަމަށް ވިދާޅުވެ އުޝާމް ވަނީ އެކަން ތަފްސީލް ކޮށްދެއްވާފައެވެ.

ކ. ފުށިދިއްގަރުފަޅުގައި ހިއްކަމުން އަންނަ ރަސްމާލެ -- ފޮޓޯ: އެޗްޑީސީ

އުޝާމް ވިދާޅުވީ އިމިގްރޭޝަންގެ ގާނޫނު މިހާރު އޮތް ގޮތުން 'ކޯޕަރޭޓް ރެޒިޑެންސް ވިސާ'އަކީ ރާއްޖޭގައި މިހާރު ދޫކުރާ އެއްޗެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ މި ވިސާ ދޫކުރަން ފެށީ ވެސް 2015 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކަމަށާއި އޭރު ވެސް އެ ގާނޫނަށް މި އިސްލާހު ގެނައީ ކޯޕަރޭޓް ރެޒިޑެންސް ވިސާ ދޫކޮށްގެން ރާއްޖޭގައި ރިއަލް އެސްޓޭޓް މާކެޓެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މިދިޔަ ސަރުކާރުގައި ވެސް މި މިފަދަ ކަމެއް ކުރަން އުޅުނު ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި މިކަމާ ބެހޭ ގަވާއިދުތަކެއް ވެސް ހަދާފައި ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

"އޭރު 2015 ވަނަ އަހަރު ހެދި ގަވާއިދުގައި އޮތް ގޮތުން ނަމަ ރާއްޖޭގައި 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފިނަމަ އެ އިންވެސްޓްމަންޓްގެ މުއްދަތާ ހަމައަށް ވިސާ ލިބޭ ގޮތަށް އޮންނަނީ. މާނައަކީ ރިސޯޓެއް 99 އަހަރަށް ކުއްޔަށް ހިފައިގެން 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްފިއްޔާ 99 އަހަރުގެ ވިސާ ލިބޭ ގޮތަށޭ އޭރު ވެސް އޮތީ،" އުޝާމް ވިދާޅުވިއެވެ.

"...އެ ފަހުން 2020 ވަނަ އަހަރު އިންވެސްޓްމަންޓްގެ އަގު 200،000 އެއްހާ ޑޮލަރަށް ދަށްކުރިއިރު ވެސް ހަމަ 5 އަހަރަށް ރިނިއުވަބަލް ވިސާއެއް ދޭ ގޮތަށް އޮތީ. އެހެންވީމާ ރަސްމާލޭގައި މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ ޕްރޮޖެކްޓުގައި ވިސާގެ ޕްރޮސެސް އޮންނާނީ ހަމަ އެކަހަލަ ގޮތަކަށް،" އުޝާމް އިތުރަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ހާލެއްގައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ޚިލާފަށް އެއްވެސް ކަމެއް މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށް ގެންގޮސްފައެއް ނޯންނާނެއެވެ. އަދި ފުރަތަމަ ކަމަކަށް އެ އެއްބަސްވުމުގައި ސޮއިކުރީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބަންޑާރަނައިބުގެ އޮފީހުން ހޯދަން ޖެހޭ ގާނޫނީ ލަފާ ވެސް ހޯދުމަށްފަހު ކަމަށް އުޝާމް ވިދާޅުވިއެވެ.

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ

އުޝާމް އެފަދައިން ވިދާޅުވިއިރު ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ ވިޔަފާރި އެއްބަސްވުމަކީ ގާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފައެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވަނީ، ދައުލަތުގެ މުދަލެއް ނުވަތަ މިލްކިއްޔާތެއް ކުއްޔަށް ދިނުމާއި ދޫކުރުން ފަދަ ކަންކަން ކުރަންވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ކަމަށް ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތަކަށް އެއްފަހަރާ 99 އަހަރަށް މިފަދައިން ދައުލަތުގެ ބިން ދޫކުރެވޭނެ ގާނޫނީ އޮނިގަނޑެއް ނެތުމުން، މި އެއްބަސްވުމަކީ ގާނޫނުއަސާސީއާ ސީދާ ޚިލާފު ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެކަމަށާއި، ރާއްޖޭގެ ޖީޑީޕީ މަތިވެ، ރާއްޖޭގެ އިގްތިސާދާއި ރައްޔިތުންނަށް ލިބޭނީ ބޮޑުތަނުން ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

https://sun.mv/228082

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރިއަށް ގެންދާއިރު ބައެއް ސިޔާސީ ފަރާތްތަކުން ދެކޮޅު ހަދަނީ ގައުމު އިސްކުރުމުގެ ވިސްނުން ނެތުމުން ކަމަށެވެ. ވަކިން ޚާއްސަކޮށް ޒިންމާދާރުކަމެއް ނެތި ޤައުމާ މެދު ނުވިސްނައި ކުރެވޭ ކަންކަމުގެ ނޭދެވޭ އަސަރު ޤައުމަށް ކުރާނެ ކަމަށާއި، ކޮންމެ ސަރުކާރަކުން ކުރިއަސް ޤައުމަށް ފައިދާވާ ކަންކަމުގައި ޤައުމު އިސްކުރަންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް