ޝައޯމީން އެ ކުންފުނީގެ އެންމެ ފަހުގެ ފޯނު، ޝައޯމީ 18 ޕްރޯ މެކްސް ބާޒާރަށް ނެރެފިއެވެ.
މި ފޯނާއެކު އެ ކުންފުނީގެ ކެމެރާ ސިސްޓަމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ފޯނުގެ ފަހަތުގައި 200 މެގަޕިކްސެލްގެ ދެ ކެމެރާ ހިމަނާފައިވާއިރު، "ލެޖެންޑަރީ މޯމެންޓް" ގެ ނަމުގައި އިމޭޖިން އާ ފީޗާއެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ.
މި ސިސްޓަމަކީ ފޯނުން ނަގާ ފޮޓޯތަކަށް ޕްރޮފެޝަނަލް ކެމެރާއަކުން ނަގާފަދަ ސިފައެއް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ. މީގެއިތުރުން ކްލެސިކް ލައިކާ ކެމެރާތަކާއި ފިލްމުތަކުގެ ލޫކް އަލުން އުފައްދައިދޭ މޯޑުތަކެއްވެސް މީގައި ހިމެނެއެވެ.
"ލެޖެންޑަރީ މޯމެންޓް" ފީޗާއަކީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ފޮޓޯތަކުގެ ފެންވަރު މަތިކޮށްދޭ ނިޒާމެކެވެ. ޝައޯމީން ބުނާގޮތުގައި މި ސިސްޓަމް މެދުވެރިކޮށް ޑެޑިކޭޓެޑް ކެމެރާއަކުން ލިބޭފަދަ ޑެޕްތް، ކުލަތައް އަދި ބެކްގްރައުންޑް ބްލާ އަލުން އުފައްދައިދެއެވެ.
މި ފީޗާގައި ތަފާތު ތިން ލޫކެއް ހިމެނެއެވެ. އޭގެ ތެރޭގައި ކްލެސިކް ސީސީޑީ ސްޓައިލް ކުލަތަކާއި، ކަޅާއި ހުދުގެ ފިލްމު ސްޓައިލްގެ އިތުރުން ޒަމާނީ ލައިކާ އިންސްޕަޔާޑް ލޫކް ހިމެނެއެވެ. މީގެއިތުރުން 35 މިލިމީޓަރާއި 75 މިލިމީޓަރު ފަދަ ތަފާތު ފޯކަލް ލެންގްތްތަކުގެ އިޙްސާސްވެސް މީގެން ގެނެސްދެއެވެ. މީގެ ކުރިން މި ސިސްޓަމްގެ ޕްރޮސެސިން ހިނގާނީ ފޯނުގެ އެތެރޭގައި އެކަނި ކަމަށް ބުނެފައިވީ ނަމަވެސް، މިއީ ފޯނުގެ އޮން-ޑިވައިސް އާއި ކްލައުޑް ޕްރޮސެސިން އެކުވެގެން މަސައްކަތްކުރާ ސިސްޓަމެއް ކަމަށް ޝައޯމީން މިހާރު ވަނީ ސާފުކޮށްދީފައެވެ.
ކެމެރާ ހާޑްވެއާއަށް ބަލާއިރު، މިއީ ވަރަށް ބޮޑު އަޕްގްރޭޑެކެވެ. މައި ކެމެރާގައި ބޭނުންކޮށްފައި ވަނީ 1/1.28 އިންޗީގެ ބޮޑު ސެންސަރަކާއެކު f/1.67 އެޕަޗާ އަދި އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން (އޯއައިއެސް) އެކުލެވޭ 200 މެގަޕިކްސެލްގެ ސެންސަރެކެވެ.
ދެވަނަ ކެމެރާއަކީވެސް 200 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލިފޯޓޯ ލެންސެކެވެ. މިއިން 3.2x އޮޕްޓިކަލް ޒޫމް ލިބޭއިރު، 75 މިލިމީޓަރުގެ ފޯކަލް ލެންގްތެއް ހުރެއެވެ. އަދި ކޮލިޓީ ނުގެއްލި 12.8x އާ ހަމައަށް ޒޫމް ކުރެވޭނެ ކަމަށް ޝައޯމީން ބުނެއެވެ. ފަހަތު ކެމެރާ ސެޓަޕް ފުރިހަމަކޮށްދެނީ 50 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއިންނެވެ. މައި ކެމެރާގައި ލޯފިކް ޓެކްނޮލޮޖީ ބޭނުންކޮށްފައިވުމުގެ ސަބަބުން، އަލިގަދަ ބައިތަކުގެ ތަފްސީލުތައް ސާފުކޮށް ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
ޝައޯމީ 18 ޕްރޯ މެކްސް ޗައިނާގައި ވިއްކަން ފަށާ އަގަކީ 6,999 ޔުއާން (ގާތްގަނޑަކަށް 985 އެމެރިކާ ޑޮލަރު) އެވެ. މި ފޯނު ދުނިޔޭގެ އެހެން ގައުމުތަކުގެ ބާޒާރުތަކަށްވެސް ނެރޭނެކަން ޝައޯމީން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ބައިނަލްއަގުވާމީ ބާޒާރުތަކުގައި ވިއްކާނެ އަގާއި ނެރޭނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.
އާ ސޮފްޓްވެއާއާއި މަތީ ރިޒޮލިއުޝަންގެ ދެ ސެންސަރު އަދި ޑައިނާމިކް ރޭންޖް ރަނގަޅުކުރުމަށް ގެނެސްފައިވާ ހާޑްވެއާ ބަދަލުތަކާއެކު، މިއީ މިހާތަނަށް ކެމެރާއަށް އެންމެ ބޮޑަށް އަމާޒުކޮށްގެން ޝައޯމީން ނެރުނު އެއް ފޯނެވެ.