މުދައްރިސުން: ގައުމެއް ބިނާކުރަންޖެހޭކަން އެ ގައުމަށް އެނގުމުގެ މާ ކުރިން ގައުމު ބިނާކުރާ މޭސްތިރިން

ޓީޗަރަކު ދަރިވަރަކަށް އެއްޗެއް ބުނެ ދެއްވަނީ--

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހެއްގެ ހަޔާތުގެ ކާމިޔާބީގެ ފަހަތުގައިވަނީ މުދައްރިސެކެވެ. ކީރިތި ގުރުއާން ކިޔަވައިދެއްވި އެދުރުބޭއިން ފެށިގެން، މަދަރުސީ ދައުރުގައި އަކުރު އުނގަންނައިދެއްވި މުދައްރިސުންނާއި، ވަޒީފާގެ މައިދާނުގައި މަގުދައްކައިދެއްވި މެންޓަރުންނަކީ މިއަދު އަޅުގަނޑުމެން މި ތިބަ ހިސާބަށް ގެނެސްދިން މޭސްތިރިންނެވެ. މުދައްރިސުންނަކީ ހަމައެކަނި ފޮތުގައިވާ އެއްޗެއް އުނގަންނައިދޭ ބައެއް ނޫނެވެ. އެއީ ކުދިންގެ އަހުލާގު ބައްޓަންކޮށް، ރަނގަޅާއި ނުބައި ވަކިކުރަން ދަސްކޮށްދީ، މުޖުތަމައަށް ފައިދާހުރި ޒިންމާދާރު ރައްޔިތުންތަކެއް އުފައްދައިދޭ ބައެކެވެ. ކޮންމެ ޑޮކްޓަރެއް، އިންޖިނިއަރެއް، އަދި ގައުމީ ލީޑަރެއްގެ ފަހަތުގައިވެސް ވަނީ އެ މީހުންނަށް މަގުދައްކައިދިން މުދައްރިސެކެވެ. މުދައްރިސުންގެ މަސައްކަތަކީ ހަމައެކަނި މިއަދަށްޓަކައި ކުރާ މަސައްކަތެއް ނޫނެވެ. އެއީ އެތައް ދަހަރެއް ފަހުން އަންނަން އޮތް މުސްތަގުބަލަކަށްޓަކައި ކުރާ އިންވެސްޓްމަންޓެކެވެ.

ފަތިހު ހޭލައިގެން ސްކޫލަށް ގޮސް، ވަރުބަލިވެގެން ގެއަށް އައިސްވެސް، އަނެއް ދުވަހުގެ ފިލާވަޅުތައް ތައްޔާރުކުރުމާއި، ކުދިންގެ ފޮތްތައް މާކުކުރުމުގައި މުދައްރިސުން ހޭދަކުރާ ވަގުތަކީ އަގުނުކުރެވޭނެ ފަދަ ގުރުބާނީއެކެވެ. ބައެއް ފަހަރު ކުދިންނަށް ދިމާވާ އާއިލީ އަދި ނަފްސާނީ މައްސަލަތައް އެންމެ ފުރަތަމަ ފާހަގަކުރެވޭ ބަޔަކީވެސް މުދައްރިސުންނެވެ. އެހެންކަމުން، މުދައްރިސުންނަކީ މުޖުތަމައުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައި ބެލެވެއެވެ. ކުއްޖަކު ފެއިލްވުމުން، އެއީ ނިމުން ނޫންކަން އަންގައިދީ، އަލުން މަސައްކަތްކުރުމަށް ހިތްވަރުދޭ ފަރާތަކީވެސް މުދައްރިސެވެ.

ޓީޗަރަކު ދަރިވަރަކަށް އެއްޗެއް ބުނެ ދެއްވަނީ--

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ 350 އަށްވުރެ ގިނަ ސްކޫލުގައި 99،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އަދި މި ދަރިވަރުންނަށް އުނގަންނައިދިނުމަށް 11،500 އަށް ވުރެ ގިނަ މުދައްރިސުން ހަރަކާތްތެރިވެއެވެ. މީގެ ތެރޭގައި ދެ ހާހެއްހާ ބިދޭސީ ޓީޗަރުން ހިމެނެއެވެ. ދިވެހި މުދައްރިސުންގެ ބޮޑު އިންސައްތައަކީ އަންހެން މުދައްރިސުންނެވެ. ނަމަވެސް، ރާއްޖޭގެ ޖަޒީރާވަންތަ ސިފައަށް ބަލާއިރު، ތައުލީމީ ނިޒާމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެއެވެ. މާލޭގެ ބޮޑެތި ސްކޫލްތަކުގައި ކްލާސްތައް ތޮއްޖެހިފައިވާއިރު، އެވްރެޖްކޮށް 18 ނުވަތަ 19 ކުދިންނަށް އެއް މުދައްރިސަކު ހުންނަންޖެހެއެވެ. މީގެ އިދިކޮޅަށް، އަތޮޅުތެރޭގެ ބައެއް ކުދި ސްކޫލްތަކުގައި އެއް ކްލާހެއްގައި ތަފާތު އުމުރުފުރާތަކުގެ ކުދިންނަށް ކިޔަވައިދޭންޖެހޭ ހާލަތްތައްވެސް އާދެއެވެ.

ބައެއް ރަށްރަށުގައި ކޮންމެ ހަ ކުއްޖަކަށް މުދައްރިސަކު ހުންނައިރު، މިއީ ފެންނަ ފެނުމަށް ރަނގަޅު ނިސްބަތެއް ކަމަށް ހީވި ނަމަވެސް، ހަގީގަތަކީ އެއް މުދައްރިސަކު ގިނަ މާއްދާތަކެއް ކިޔަވައިދޭން ޖެހުމެވެ. ޔުނިސެފްގެ ދިރާސާތަކުން ދައްކާ ގޮތުގައި، މުދައްރިސުންނަށް އެ މީހުން ތަމްރީނުވެފައިވާ ދާއިރާ ނޫން އެހެން މާއްދާތައް ކިޔަވައިދޭން ޖެހުމަކީ ތައުލީމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. މީގެ އިތުރުން، ދިވެހި، އިސްލާމް އަދި ކޭމްބްރިޖް މާއްދާތަކުންނާއި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭނެ ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމުގައި ދަތިތަކެއް ހުރިކަން އެޑިއުކޭޝަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަކީ އަދިވެސް ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެކެވެ.

ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ރާއްޖޭގައި ފުޅާވެފައި އޮތް ނަމަވެސް، ފެންވަރުގެ ގޮތުން ބޮޑެތި ފަރަގުތަކެއް ހުރިކަން ވޯލްޑް ބޭންކުން ނެރެފައިވާ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓުން ހާމަވެއެވެ. އެ ރިޕޯޓުގައިވާ ގޮތުން، ދިވެހި ކުއްޖަކު އެވްރެޖްކޮށް 12.4 އަހަރު ސްކޫލްގައި ހޭދަކުރި ނަމަވެސް، ފެންވަރުގެ ގޮތުން ބަލާއިރު އެ ކުދިންނަށް ހާސިލުކުރެވެނީ އެންމެ 8.17 އަހަރުގެ އުނގެނުމެވެ. މިއީ 4.32 އަހަރުގެ ގެއްލުމެކެވެ. މިކަމުން ދައްކައިދެނީ މުދައްރިސުންނަށް އިތުރު ތަމްރީނާއި ވަސީލަތްތައް ބޭނުންވާ ކަމެވެ.

ޓީޗަރުންތަކެއް އެސެމްބްލީއެއްގައި--- ފޮޓޯ: ޕީއެސްއެމް

ޔުނިސެފްގެ އެހީތެރިކަމާއެކު އެކުލަވާލާފައިވާ ޖޮއިންޓް ސެކްޓަރ އެޑިއުކޭޝަން ރިވިއުގައިވެސް މުދައްރިސުންގެ މަސައްކަތުގެ ބުރަމިނާއި، ކްލާސްރޫމްތަކުގެ ހާލަތު ރަނގަޅުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. މި ދިރާސާތަކުން ދައްކާ ގޮތުގައި، މުދައްރިސުންގެ ފަންނީ ކުރިއެރުމަށް ބޭނުންވާ ތަމްރީނުތައް ނުލިބުމާއި، ވަސީލަތްތައް މަދުވުމަކީ ކިޔަވައިދިނުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާ ކަންކަމެވެ. މިކަންކަން ހައްލުކުރުމަށްޓަކައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުންނާއި އާންމު މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމްތަކެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. މި ޕްރޮގްރާމްތަކުގެ ދަށުން ގިނަ އަދަދެއްގެ ޒުވާނުން ތައުލީމީ ދާއިރާއަށް ނެރުމަށް އަމާޒު ހިފާފައިވާއިރު، މިއީ މުސްތަގުބަލުގައި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ބިންގަލެކެވެ.

މިއަދުގެ ޑިޖިޓަލް ޒަމާނުގައި މުދައްރިސުންގެ ދައުރު ވަނީ ކުރިއަށްވުރެ މާ ބޮޑަށް ފުޅާވެފައެވެ. ސްމާޓްފޯނާއި، ޔޫޓިއުބާއި، ޓިކްޓޮކް އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ކުދިންނަށް މައުލޫމާތު ލިބޭނެ ގިނަ މަގުތަކެއް ހުޅުވިފައިވީ ނަމަވެސް، ސައްހަ މައުލޫމާތާއި ދޮގު މައުލޫމާތު ވަކިކުރަން ދަސްކޮށްދިނުމަކީ މުދައްރިސުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. މައުލޫމާތު ހޯދުމަކީ ފަސޭހަ ކަމަކަށް ވިޔަސް، އެ މައުލޫމާތު ބޭނުންކުރާނެ ގޮތުގެ ހިކުމަތްތެރިކަން ދަސްކޮށްދެނީ މުދައްރިސުންނެވެ. އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާނެ ގޮތާއި، އޭގެ ސަބަބުން އަމިއްލަ ވިސްނުން ކޮށި ނުވާނެގޮތަށް ކަންކަން ކުރުމަށް މަގުދައްކައިދެނީވެސް މުދައްރިސުންނެވެ. މީގެ އިތުރުން، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަކީވެސް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

މާލޭ ސަރަހައްދުގެ ސްކޫލްތަކުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މަސައްކަތާއި އަމިއްލަ ދިރިއުޅުން ބެލެންސް ނުކުރެވުމުގެ ސަބަބުން މުދައްރިސުންގެ ވަޒީފާގެ ހިތްހަމަޖެހުން ކުޑަވެ، ސްޓްރެސް އިތުރުވެއެވެ. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަންޖެހުމާއި، އިދާރީ މަސައްކަތްތައް ގިނަވުމަކީ މުދައްރިސުން ވަޒީފާ ދޫކޮށްލަން މެދުވެރިވާ މައިގަނޑު ސަބަބުތަކެވެ. ކުދިންގެ ނަތީޖާ ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މުދައްރިސުންގެ އަމިއްލަ ދިރިއުޅުމަށް ވަގުތު ނުދެވުމަކީ އާންމު ކަމަކަށް ވަނީ ވެފައެވެ. މިކަމުގެ ސަބަބުން ފެންވަރު ރަނގަޅު މުދައްރިސުން ދާއިރާ ދޫކޮށް ދިއުމުގެ ބިރު އެބައޮތެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ހަމައެކަނި އަހަރަކު އެއް ދުވަހު މުދައްރިސުންނަށް ތައުރީފުކުރުމުގެ ބަދަލުގައި، އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. މިގޮތުން، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ހުކުރު ދުވަހަކީ މުދައްރިސުން މަސައްކަތްކުރަން ނުޖެހޭ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. މިއީ މުދައްރިސުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ލިބޭނެ ފުރުސަތެކެވެ. އަދި އަތޮޅުތެރޭގެ ދުރު ރަށްރަށުގައި މަސައްކަތްކުރާ މުދައްރިސުންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާއި، މުސާރައާއި އިނާޔަތްތައް ރަނގަޅުކުރުމަކީ ފެންވަރު ރަނގަޅު މުދައްރިސުން ތައުލީމީ ދާއިރާގައި ހިފެހެއްޓުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ސިޔާސަތުތައް އެކުލަވާލާއިރު މުދައްރިސުންގެ އަޑު އެހުމާއި، އެ މީހުންގެ ތަޖުރިބާއަށް ބިނާކޮށް ނިންމުންތައް ނިންމުމަކީ ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަމައެކަނި އިމާރާތްތަކާއި ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ ބަދަލުގައި، އެ ވަސީލަތްތައް ބޭނުންކޮށްގެން ކުދިންނަށް އުނގަންނައިދޭ މުދައްރިސުންނަށް އިންވެސްޓްކުރުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އެންމެ ފައިދާހުރި އިންވެސްޓްމަންޓެވެ. ތައުލީމީ ދާއިރާއަކީ ހަމައެކަނި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތެއް ނޫނެވެ. އެއީ ގައުމުގެ އެންމެ މުހިންމު އިންފްރާސްޓްރަކްޗަރެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވަނީ "މުދައްރިސުންނާއެކު ސާބިތުވެ ތިބުން: ޕްރޮފެޝަން ހިމާޔަތްކޮށް، ދަރަޖަ ކުރިއަރުވައި، މުސްތަގުބަލު ބައްޓަންކުރުމުގެ 60 އަހަރު" މިއެވެ. މިއީ 1966 ވަނަ އަހަރު ޔުނެސްކޯއާއި އައިއެލްއޯ ގުޅިގެން މުދައްރިސުންގެ ހައްގުތަކާ ގުޅޭގޮތުން އެކުލަވާލި މުއާހަދާއަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކަނޑައަޅާފައިވާ ޝިއާރެކެވެ. ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމުގައި މުދައްރިސުން އަދާކުރާ ދައުރުގެ އަގުވަޒަންކޮށް، އެ މީހުންނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެކެވެ.

މާދަމާގެ ލީޑަރުންނާއި އީޖާދީ ވިސްނުންތެރިން އުފެދިގެން އަންނަނީ މިއަދު މުދައްރިސުން ކްލާސްރޫމްތަކުގައި ކުރާ ބުރަ މަސައްކަތުގެ ނަތީޖާއިންނެވެ. މުދައްރިސުންނަކީ ހަމައެކަނި ވަޒީފާއެއް އަދާކުރާ ބައެއް ނޫނެވެ. އެއީ ގައުމުގެ މުސްތަގުބަލު ބިނާކުރާ މޭސްތިރިންނެވެ. މިއަދު ކްލާސްރޫމްތަކުގައި އިންދާ އޮށްތަކުގެ މޭވާ ފެންނާނީ އެތައް އަހަރެއް ފަހުން ކަމަށްވިޔަސް، އެ ކާމިޔާބީގެ އަސްލަކީ މުދައްރިސުންގެ ބުރަ މަސައްކަތެވެ. ގައުމުގެ މުސްތަގުބަލު އުޖާލާކޮށްދިނުމަށް މާޒީއާއި މިހާރުގެ ހުރިހާ މުދައްރިސުން ކުރައްވާ އަގުހުރި މަސައްކަތަށް ނިހާޔަތަށް ޝުކުރު އަދާކުރަމެވެ. ރާއްޖޭގެ އެންމެހާ މުދައްރިސުންނަށް ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ.

comment ކޮމެންޓް