އިންޑިއާގައި ކުރިން އޮތް އަމަންއަމާންކަމާއި ހަމަޖެހުން މިހާރު ފެންނަން ނެތްކަމަށް ބުނެ، އެ ޤައުމުގެ މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާގެ މަޝްހޫރު ފިލްމީ ކެރެކްޓަރު "މުންނާ ބާއީ"ގެ ޚާއްޞަ ސްޓައިލުގައި ވަރުގަދަ އަދި މަޖާޒީ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.
ޝޭކަރު ސުމަން ހުށަހަޅައިދޭ "ޝޭކަރު ޓުނައިޓް" ޕްރޮގްރާމްގެ ގާނދީ ޖަޔަންތީ ޚާއްޞަ އެޕިސޯޑުގައި ވާހަކަދައްކަމުން ސަންޖޭ ވަނީ ޤައުމުގެ މިހާރުގެ މަސްރަޙާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާގެ ރައްޔިތުންނަކީ އޯގާތެރި، މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަން ފާހަގަކުރަމުން އޭނާ ބުނީ، މާޒީގައި އެ ޤައުމުން ފެނުނު އެކުވެރިކަމާއި ހަމަޖެހުން މިއަދު ފެންނަން ނެތް ކަމަށާއި، އެ އުފާވެރި ދުވަސްތައް އަލުން އިއާދަވުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދު ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރުކަން ފަސް މިނެޓަށް ލިބިއްޖެނަމަ ރައްޔިތުންނަށް ދޭނީ ކޮން މެސެޖެއްތޯ އެ ޕްރޮގްރާމުގައި ސުވާލުކުރުމުން، ސަންޖޭ ވަނީ ވަގުތުން "މުންނާ ބާއީ"ގައި އޭނާ ކުޅުނު ކެރެކްޓާގެ މަޝްހޫރު ބަހުރުވައިން ޖަވާބުދީފައެވެ. ބޮޑުވަޒީރު މޯދީ ޤައުމުން ބޭރަށް ކުރައްވާ ގިނަ ދަތުރުފުޅުތަކަށް އިޝާރާތްކޮށް، ސަމާސާ ރާގެއްގައި އޭނާ ބުނީ، ބޮޑުވަޒީރުކަން ލިބުނު ކަމުގައިވިޔަސް އެކަން ފާހަގަކުރުމަށްޓަކައި ޤައުމުން ބޭރަށް ދަތުރުނުކުރާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި، ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކުރުމަށްޓަކައި ޤައުމުގައި ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނާނެ ކަމަށް ސަންޖޭ ވަނީ ބުނެފައެވެ.
ސަންޖޭ، ފިލްމު "މުންނާ ބާއި އެމްބީބީއެސް"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމަހާތުމާ ގާނދީގެ މަޝްހޫރު ތިން އުސޫލު ކަމަށްވާ، ނުބައި މަންޒަރު ނުބެލުމާއި، ނުބައި އަޑުތައް ނޭހުމާއި، ނުބައި ވާހަކަ ނުދެއްކުމުގެ ތަސައްވުރަށް އަލިއަޅުވާލައި ސަންޖޭ ބުނީ، މިއަދުގެ ދުނިޔެއަށް ހަތަރުވަނަ އުސޫލެއް ކޮންމެހެން ބޭނުންވާ ކަމަށެވެ. އެއީ ނުބައިކޮށް ހިނގާ ކަންކަން ފެނުމުން އެކަންކަން އިސްލާޙުކުރުމަށް ތެދުވާނެ ބަޔަކު ތިބުމެވެ. އެންމެން ލޮލާއި ކަންފަތާއި އަނގަ ބަންދުކޮށްގެން ތިބެފިނަމަ، ޤައުމުގެ ކަންކަން ރަނގަޅު މަގުން ހިންގާނީ ކިހިނެއްކަމާ މެދު ސަންޖޭ ވަނީ ސުވާލު އުފައްދާފައެވެ.
މީގެއިތުރުން، ސަރުކާރުގެ ރަސްމީ އެކި އިޝްތިހާރުތަކުގައި ބޮޑުވަޒީރުގެ ފޮޓޯފުޅު ގިނައިން ބޭނުންކުރާތީ އެކަމަށްވެސް ސަންޖޭ ވަނީ ފާޑުކިޔާފައެވެ. އަދި އޭނާ ބޮޑުވަޒީރުކަމުގައި ހުރިނަމަ، އަމިއްލަ ތަސްވީރު ޖެހުމުގެ ބަދަލުގައި ގާނދީގެ ތަސްވީރާއި ޤައުމީ ރަމްޒުތައް އިސްކުރާނެ ކަމަށް ބުންޏެވެ.
ދުނިޔޭގެ މަސްރަޙާ ގުޅޭގޮތުން ވާހަކަދައްކަމުން، ސަންޖޭ ބުނީ، އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް މަސައްކަތްކުރައްވަނީ މުޅި ދުނިޔެ ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލަން ކަމަށެވެ. ދުނިޔޭގައި ހަތިޔާރާއި މިސައިލް މިހާރުވެސް ގިނަކަން ފާހަގަކޮށް، އިންޒާރުތަކާއި ހަނގުރާމައިގެ ބަދަލުގައި ލޯތްބާއި ސުލްހަ އިސްކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.
ސަންޖޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ މެއި މަހު ރިލީޒްކުރި ސަޢުދީ ޢަރަބިއާގެ ފިލްމު "7 ޑޯގްސް"ގެ ރޯލަކުންނެވެ. އޭނާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ، "ބާޕް" އަދި "ކަލްނާޔަކް ރިޓާންސް" ހިމެނެއެވެ.