މަޝްހޫރު ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަންގެ ކާމިޔާބު ފްރެންޗައިޒްގެ ފަހު ބައި "ދުރިޝްޔަމް: ދަ ކޮންކްލޫޝަން" ސިނަމާތަކުގައި ދައްކަން ފެށުމާއެކު، އެ ފިލްމު ވެގެންގޮސްފައިވަނީ އަޖޭގެ މުޅި ފިލްމީ ކެރިއަރުގައިވެސް ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
ޓްރޭޑް ޓްރެކާ ސެކްނިލްކްގެ ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ތްރިލާ ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް ދުނިޔޭގެ ބޮކްސް އޮފީހުގައި 95.10 ކްރޯޑު ރުޕީސް ވަނީ ލިބިފައެވެ.
މި ފިލްމަށް އިންޑިއާގެ އެތެރޭގެ ބާޒާރުން ނެޓް އާމްދަނީގެ ގޮތުގައި 66.75 ކްރޯޑު ރުޕީސް (ގްރޮސް އާމްދަނީގެ ގޮތުގައި 80.10 ކްރޯޑު ރުޕީސް) ލިބިފައިވާއިރު، ބޭރު ޤައުމުތަކުގެ ބާޒާރުތަކުން ވަނީ 15 ކްރޯޑު ރުޕީސްގެ ގްރޮސް އާމްދަނީއެއް ހޯދާފައެވެ. މި ބޮޑު ކާމިޔާބީއާއެކު، ކުރިން އަޖޭގެ އެންމެ ބޮޑު އޯޕަނިންގް ރެކޯޑު އޮތް "ސިންގަމް އެގޭން"ގެ ރެކޯޑު މި ފިލްމުން ވަނީ މުގުރާލާފައެވެ. މީގެއިތުރުން، މިއީ މި އަހަރު މިހާތަނަށް ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ ފުރަތަމަ ދުވަހު 145.55 ކްރޯޑު ރުޕީސް ހޯދި "ދުރަންދަރް: ދަ ރިވެންޖް"އެވެ.
ފިލްމު "ދުރިޝްޔަމް: ދަ ކޮންކްލޫޝަން"ގެ މަންޒަރެއް ނެގުމުގެ މަސައްކަތުގައި އެ ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު އަބީޝެކް ޕަތަކް، އަޖޭ އާއި ބަތަލާ ޝްރިޔާ ސާރާއާ އެކު--ފޮޓޯ/އޯޓީޓީޕްލޭސިނަމާތަކުގައި "ދުރިޝްޔަމް: ދަ ކޮންކްލޫޝަން" ދެއްކުމަށް ހުކުރު ދުވަހު އެކަނިވެސް 15,759 ޝޯ ބާއްވާފައިވާއިރު، ތިއޭޓަރުތަކުގެ އޮކިއުޕަންސީ އުޅުނީ އެވްރެޖްކޮށް 67.08 އިންސައްތައިގައެވެ. ހެނދުނު ޝޯތަކުގައި 46.38 އިންސައްތައިގެ އޮކިއުޕަންސީއެއް އޮތްނަމަވެސް، މެންދުރުފަހު މި އަދަދު 70.15 އިންސައްތައަށް އަދި ހަވީރު 75.31 އިންސައްތައަށް މައްޗަށް ޖެހިލިއެވެ. އަދި ރޭގަނޑުގެ ޝޯތަކުގައި ތިއޭޓަރުތަކުގެ 76.46 އިންސައްތަ ސީޓު ވަނީ ފުރިފައެވެ.
މި ފިލްމުން ވަނީ "ދުރިޝްޔަމް" ސީރީޒްގެ ކުރީގެ ދެ ފިލްމުގެ އޯޕަނިންގް ރެކޯޑުތައްވެސް މުޅިން މުގުރާލާފައެވެ. އެގޮތުން 2015 ވަނަ އަހަރު ރިލީޒްކުރި ފިލްމަށް ފުރަތަމަ ދުވަހު ލިބުނީ 5.85 ކްރޯޑު ރުޕީސްއެވެ. އަދި މުޅި ތިއޭޓަރު ރަންގައި 342 ކްރޯޑު ރުޕީސް ހޯދި "ދުރިޝްޔަމް 2"އަށް ފުރަތަމަ ދުވަހު ލިބުނީ 15.38 ކްރޯޑު ރުޕީސްއެވެ.
މި ސީރީޒް ނިންމާލުމަށް އުފެއްދި ފަހު ފިލްމުގައިވެސް އަޖޭ ކުޅެފައިވަނީ މި ފްރެންޗައިސްގެ މަގުބޫލު ކެރެކްޓަރު 'ވިޖޭ ސަލްގޯންކަރް'ގެ މައިގަނޑު ރޯލެވެ. އެސްޕީ ކްރައިމް ބްރާންޗް ރާޖްވީރު ސިންގް ތޯމަރުގެ ރޯލުން ޖައިދީޕް އަހްލާވަތު ގުޅުމާއެކު، ވިޖޭގެ އާއިލާއަށް އަލުން ކުރިމަތިވާ ގޮންޖެހުންތަކާއި ތަހުގީގުތައް މިއެޕިސޯޑުގައި ކުރިއަށްދެއެވެ.
މީގެއިތުރުން ވިޖޭގެ އަންހެނުންގެ ރޯލުން ޝްރިޔާ ސަރަން، ދަރިފުޅުގެ ރޯލުން އިޝިތާ ދައްތާގެ އިތުރުން ތަބޫ އާއި ރާޖަތު ކަޕޫރުވެސް އަލުން ފިލްމުން ފެނިގެންދެއެވެ. މި ފްރެންޗައިޒަށް އަލަށް ގުޅުނު އެކްޓަރު ޕްރަކާޝް ރާޖް ފެނިގެންދަނީ އެޑްވޮކޭޓް އިންދަރްޖީތުގެ ޝެޓީގެ ރޯލުންނެވެ. ސްޓާ ސްޓޫޑިއޯ 18އިން ހުށަހަޅައިދޭ މި ފިލްމަކީ އަލޯކް ޖައިން، އަޖީތު އަންދާރޭ، ކުމާރު މަންގަތު ޕަތަކް އަދި އަބީޝެކް ޕަތަކް އިސްކޮށް ތިބެ އުފައްދާފައިވާ ފިލްމެކެވެ.