ރަސްމާލެ އެއްބަސްވުން ހެދުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ/ ޕީއެންއެފް

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެނީ ހަމައެކަނި ދެ އިންތިޚާބު އެއްކޮށްލައި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް "މުޅި އުމުރު ދުވަހު ވެރިކަމުގައި ހުރެވޭތޯ" ބެލުމަށް ނޫން ކަމަށާއި، ރަސްމާލެ ފަދަ ރައްޔިތުންނާ ގުޅުންހުރި ބޮޑު ބިމެއް ބަޔަކަށް ދިނުމަށް އެއްބަސްވުން ހެދުމުގެ ކުރިން ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަސްމާލެ ބަޔަކަށް ދިނުމަށް ހެދި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ "ޔަހޫދީން" ވަޒަންވެރިކުރުވުމަށް ރަސްމާލެ ދޫކޮށްލުމަކީ ނުރައްކަލަކަށް ގައުމު ވައްޓާލުން ކަމަށެވެ. އަދި މި މުއާމަލާތް ހިންގުމުގައި ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވެވަޑައިގެންފައި ވާތީ އެއީ ކުށްވެރިން ކަމަށް ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވިދާޅުވި ގޮތަކަށް ވިދާޅުވި ކަމެއް ކޮށްދެއްވަން ވަޒީރުންގެ ތެރޭގައި ތިއްބެވި އެންމެ ގާތް ދެ ވަޒީރުންނަކީ ހައުސިން މިނިސްޓަރާއި ބަންޑާރަ ނައިބު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަބޫދާބީއަށް ރަސްމާލެ ދޫކޮށްލަން ވި އެއްބަސްވުމުގެ ކަންތައްތަކުގައި މި ވެރިކަން ނިމުނުހާ އަވަހަކަށް އެ ބޭފުޅުންނާ ގާނޫނު އަރާ ހަމަކުރާނެއެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ޕީއެންއެފްއިން 10 ސެޕްޓެމްބަރު 2026 ގައި ބޭއްވި "ފެހި ސިގްނަލް" ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ޔާމީން ވިދާޅުވީ ރަސްމާލެ ފަދަ ބޮޑެތި ކަންކަން ނިންމާއިރު، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ދިވެހި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީން މަގުދައްކަނީ 'ގުޑް ގަވަނަންސް'އަށް ކަމަށާއި، މިފަދަ ބޮޑެތި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުތަކުގެ ތެރޭގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް އެހުމުގެ ބާރު އޮންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިތުރަށް މިވަރު ކަމެއް ވެއްޖެއްޔާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންވާނެ. ގާނޫނު އަސާސީ މަގުދައްކަނީ ގުޑް ގަވަނަންސްއަށް. މިކަހަލަ ބޮޑެތި ކަންކަމުގަ ރައީސުލްޖުމްހޫރިއްޔާއަށް ކަންކަން ނިންމެން އޮންނައިރުގައި ދީފަހުރި އިޚްތިޔާރުތަކުގެ ތެރޭގައި މިފަދަ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމުގެ ބާރު އޮންނަނާނެ،" ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ބަޔަކަށް ދިނުމަށް ހެދި އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، މި ވެރިކަން ނިމުނުހާ އަވަހަކަށް އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ ރަސްމާލެ މަޝްރޫއަކީ ދިގު މުއްދަތަކަށް ދިވެހިންނަށް ފައިދާވާނެ މަޝްރޫއެއް ނޫން ކަމަށާއި، މި ސަރުކާރު ނިމުމާއެކު ދެން އަންނަ ވަތަނީ ވެރިކަމެއްގައި މި މަޝްރޫއު ހުއްޓުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ނޫނެކޭ ބުނުމަކީ ސަލާމަތީ ބާރުތަކަށް ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ވި އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު އެއްބަސްވުމެއް ކަމަށް އެންމެ ފަހުން ބޭއްވި ޕީއެންއެފް ޖަލްސާގައި ވެސް ޔާމީން ވިދާޅުވިއެވެ. އަދި އެ އެއްބަސްވުން ދެން އަންނަ ސަރުކާރަކުން ބަލައިގަންނަން ނުޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު އެއްބަސްވުމަށް ޔާމީން ފާޑުވިދާޅުވެ ވާހަދެއްކެވި އިރު، ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވޭ މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދުބާއީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

https://sun.mv/228028

މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އެމާރު ޕްރޮޕަޓީސްގެ ބާނީ އަދި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު އަދި ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށާއި، 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ނަމަވެސް، އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫއާ ގުޅުންހުރި އީގަލް ހިލްސް ކުންފުންޏަކީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް މިހާރުވެސް ތަރައްގީކުރަމުން އަންނަ ފަރާތެކެވެ.

comment ކޮމެންޓް