ބެންކޮކުގައި 200 އެއްހާ ދިވެހީން: ފެންބޮޑުވުމުގައި ގެއްލުމެއް ލިބިފައެއް ނުވޭ

ތައިލޭންޑުގެ ވެރިރަށް ބެންކޮކުގައި ނުރައްކާތެރި މިންވަރަކަށް ފެންބޮޑުވެފައިވީ ނަމަވެސް، އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.

ފުއާދު "ސަން" އަށް ވިދާޅުވި ގޮތުގައި، ތައިލޭންޑުގައި މިހާރު ވެސް 200 އެއްހާ ދިވެހިން ދިރިއުޅެމުންދެއެވެ. މީގެ އިތުރުން، ބޭސްފަރުވާއާއި ވިޔަފާރި ފަދަ އެކި ބޭނުންތަކަށް ކޮންމެ ހަފުތާއަކު 500 އެއްހާ ދިވެހިން ބެންކޮކަށް ގޮސް އައިސް ހަދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ސަބަބުން ބެންކޮކުގެ އެކި ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާއެއް ލިބިގެން ނުވަތަ މުދަލަށް ގެއްލުމެއް ވެގެން އެމްބަސީއަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހަމަ ދިވެހި ކޮމިއުނިޓީއާ ގުޅައި ކަންކަން ވަރަށް ގާތުން ބަލަމުން މިދަނީ. އަދި އެއްވެސް ގެއްލުމެއްގެ ރިޕޯޓް ލިބިފައެއް ނެތް،" ފުއާދު ވިދާޅުވިއެވެ.

https://www.sun.mv/228142

ތައިލޭންޑުގައި ހުންނަ ދިވެހި އެމްބަސީން ދަނީ އެ ގައުމުގައި އުޅޭ ދިވެހިންގެ ހާލަތު ގަވާއިދުން މޮނިޓަކުރަމުންނެވެ. އަދި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ބެންކޮކަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާއަކީ ޖެހިޖެހިގެން 48 ގަޑިއިރު ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އުފެދިފައިވާ ހާލަތެކެވެ. ބައެއް ސަރަހައްދުތަކަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަން (ބީއެމްއޭ) އިން ވަނީ މުޅި ސިޓީއަކީ ކާރިސާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ދަ ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެންކޮކުގެ ކޯރުތަކުގެ ފެންގަނޑު ނުރައްކާތެރި މިންވަރަކަށް އުފުލި، ބޮޑެތި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ގިނަ އަދަދެއްގެ އުޅަނދުތައް ފެނުއަޑީގައި ގަރަގުވެފައިވާއިރު، ބައެއް ހިސާބުތަކުގައި މީހުންގެ އުނަގަނޑާ ހަމައަށް ފެންބޮޑުވެފައިވާ ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް، ސުވަރްނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށްދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

މި ކާރިސާއިން ސަލާމަތްވުމަށް ބެންކޮކުގެ ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، 30 މިލިއަން ކިއުބިކް މީޓަރުގެ ފެން ހިއްކުމަށްޓަކައި ޕަމްޕު ސްޓޭޝަންތަކާއި ޑްރެއިނޭޖް ޓަނަލްތައް ދަނީ ފުލް ކެޕޭސިޓީގައި ބޭނުންކުރަމުންނެވެ. އަދި ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކުރުމަށްޓަކައި 230 އަށް ވުރެ ގިނަ ވަގުތީ ހިޔާ ގާއިމުކޮށް، 4،200 އެއްހާ މީހުން އެ ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށް ބީއެމްއޭއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ފެންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެއް މިލިއަން ވެލިބަސްތާ ވަނީ ތައްޔާރުކޮށްފައެވެ.

މި ފެންބޮޑުވުމުގެ އަސްލަކީ ތައިލޭންޑަށް މިހާރު ކުރިމަތިވެފައިވާ ހުޅަނގު މޫސުމުގެ ބާރުގަދަ ވިއްސާރައާއި ލޯ ޕްރެޝަރު ސިސްޓަމެކެވެ. މީގެ އިތުރުން، ތައިލޭންޑުގެ އުތުރުގެ ޕްރޮވިންސްތައް ކަމަށްވާ ނާން އަދި ނަކޮން ސަވަން ފަދަ ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު، ވެރިރަށް ބެންކޮކާ ދިމާއަށް ފައިބަމުން ދިއުމަކީ ވެސް ހާލަތު ގޯސްވި ސަބަބެއް ކަމަށް ތައިލޭންޑުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ފެންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ރޯޔަލް އިރިގޭޝަން ޑިޕާޓްމަންޓުން ވަނީ ޗާއޯ ފްރާޔާ ޑޭމުން ސިކުންތަކު 1،850 ކިއުބިކް މީޓަރުގެ ފެން ދޫކުރަން ފަށާފައެވެ. މީގެ ސަބަބުން ޗާއޯ ފްރާޔާ ކޯރުގެ ފެންގަނޑު އުފުލި، ކޯރު އައްސޭރީގައިވާ ތިރި ސަރަހައްދުތަކަށް ވަނީ އިތުރު ނުރައްކާތަކާ ކުރިމަތިވެފައެވެ. ތައިލޭންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަން (ޑީޑީޕީއެމް) އިން ވަނީ ކޯރުތަކާ ކައިރީގައި ދިރިއުޅޭ މީހުން މުދާ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އަންގާފައެވެ.

comment ކޮމެންޓް