މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހދ. ނޮޅިވަރަމަށް ކުރި ބޯ ވިއްސާރައިގެ އަސަރު، އެ ރަށުގެ 95 ޕަސެންޓު މީހުންނަށް ކުރި ކަމަށާއި އާންމު ހާލަތަށް ރުޖޫއަވުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް އެ ރަށު ކައުންސިލުގެ ރައީސް، އަޙްމަދު ޢާމިރު ވިދާޅުވެއްޖެއެވެ.
ވިއްސާރައިގައި ރަށަށް ލިބުނު ގެއްލުންތަކާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތުދެއްވަމުން އާމިރު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 20:30 އެހައިންހާއިރު ކުރަންފެށި ވިއްސާރައިގެ ސަބަބުން ގެއަކަށް ގެއްލުންވިކަމުގެ މައުލޫމާތު، ފުލުހުންގެ ފަރާތުން އެންމެ ފުރަތަމަ ލިބިފައި ވަނީ އެރޭ ދަންވަރު ކަމަށެވެ. އެހައި ހިސާބުން ފެށިގެން އެ ގެއަށް ކައުންސިލުގެ ޓީމަކުން ގޮސް، ގެއަށް ފެން ނުވަންނާނެ ފަދައިން ވެލި ބަސްތާ ޖެހުމުގެ އިތުރުން ގޭތެރެއަށް ވަދެފައިހުރި ފެންތައް، ބާލިދީ ބޭނުންކޮށްގެން ބޭރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެއަށްފަހު އެރޭ، 20:30 އެހައިކަންހާއިރު ވެހެންފެށި ވާރޭ، ގާތްގަނޑަކަށް 22:00 އެހައިކަންހާއިރު ވަރަށް ބޮޑަށް ބޯކޮށްލި ކަމަށާއި އަނެއް ދުވަހުގެ ހެނދުނު 6:30 އެހައިކަންހާއިރު ވަންދެން ހުއްޓާނުލާ ވާރޭ ވެހުނު ކަމަށް އޭނާ ކިޔައިދެއްވިއެވެ. އެހެންކަމުން ގެތަކަށް ގެއްލުންވިކަމުގެ ރިޕޯޓުތައް ލިބެމުންދިޔަ ވަރަކަށް، އެ ގެތަކަށް ކައުންސިލުގެ ޓީމުތަކުގެ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަކަމަށް ޢާމިރު ވިދާޅުވިއެވެ.
ވިއްސާރައިގައި ނޮޅިވަރަމުގެ ގެތަކަށް ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން--ޢާމިރު މައުލޫމާތުދެއްވި ގޮތުގައި ރަށުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައި ވަނީ ހަ ކޯރެއް މޫދަށްވާ ގޮތަށް ކަނޑައިގެންނެވެ. ރަށުގެ ހާލަތު ގޯސްވަމުންދިޔަ ވަރަކަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނުކަމަށާއި، ނަމަވެސް އެބޭފުޅުންގެ އަތުގައި ހުރި ޕަމްޕުތައް، ރަށުގައި ހުރި ސޮކެޓުތަކާ ދިމާނުވުންފަދަ މައްސަލަތަކެއް ދިމާވެގެން އެވަގުތު އެހީތެރިކަން ފޯރުކޮށްދެވިފައި ނުވާކަން ޢާމިރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި ދާއިރާގެ މަޖިލީސް މެންބަރު މުޙައްމަދު ރަޝީދު މެދުވެރިކޮށް ކުރެވުނު މަސައްކަތުން 24 ވަނަ ދުވަހު ކޯސްޑްގާޑުގެ ޣާޒީ މަނަވަރުން ގެނައި ޕަމްޕުތައް މެދުވެރިކޮށް ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދެވުނުކަން ޢާމިރު ފާހަގަކުރެއްވިއެވެ.
ރަށުގެ ހާލަތު އެންމެ ގޯސްވި ވަގުތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރަށުގެ ހާލަތު ބައްލަވަން މެސެޖުކުރެއްވި ކަމަށާއި، ރަށުގެ ހާލާތު ގޯސްކަން ފާހަގަކޮށް، އެމަޖެންސީ ޕަމްޕު ބޭނުންވާ ވާހަކަ އެމަނިކުފާނާ ވެސް ހިއްސާކުރިކަން، ކައުންސިލުގެ ރައީސް ފާހަގަކުރެއްވިއެވެ.
ނޮޅިވަރަމް ކައުންސިލުގެ ރައީސް، އަޙްމަދު ޢާމިރު މައުލޫމާތުދެއްވި ގޮތުގައި ރަށުތެރޭ ހެދިފައިވާ ފެންގަނޑު އެއްކޮށް ހިންދައި ނިންމާލެވުނީ މިއަދު ހެނދުނު 08:20 އެހައިކަންހާއިރެވެ. މި ހާދިސާގައި ރަށުގެ 40 އެއްހައި ގޭބިސީއަކަށް ގެއްލުން ލިބުނުކަމަށާއި، މިވަގުތު އެ ގޭބިސީތަކުގައި ދިރިއުޅޭ ރައްޔިތުން ދިރިއުޅެނީ އާއިލާގެ އެކި މެންބަރުންނާއި ރަހުމަތްތެރިންގެ ގެތަކުގައި ކަމަށް ކައުންސިލުގެ ރައީސް މައުލޫމާތުދެއްވިއެވެ. މި ގެތަކުގެ ރައްޔިތުން، އަމިއްލަ ގެތަކަށް ބަދަލުވުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، ނަމަވެސް ބައެއް ގެތަކަށް ބަދަލުވުމުގައި އެކިވަރުގެ ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ޢާމިރު ފާހަގަކުރެއްވިއެވެ.
ކައުންސިލުގެ ރައީސް ވަނީ، ރަށަށް ދިމާވި ހާލަތުން އަރައިގަނެ، ފެންގަނޑު ހިންދުމަށް ވެދީފައިވާ އެހީތެރިކަމަށް، ޕޮލިހާއި، އެމްއެންޑީއެފްގެ އިތުރުން އާރުޑީސީ، އެމްޓީސީސީ އަދި ދާއިރާގެ މެންބަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.