'ދަ ބޭޑްސް އޮފް ބޮލީވުޑް'ގެ ދެވަނަ ސީޒަންއަށް ތައްޔާރުވަނީ

'ދަ ބޭޑްސް އޮފް ބޮލީވުޑް'ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އަރިއަން ޚާން ލިޔެ، ޑައިރެކްޓްކޮށްގެން މިދިޔަ އަހަރު ނެރުނު ކާމިޔާބު ސީރީޒް 'ދަ ބޭޑްސް އޮފް ބޮލީވުޑް'ގެ ދެވަނަ ސީޒަނެއް އުފެއްދުމުގެ ޢަމަލީ މަސައްކަތްތަކަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ސީރީޒްގެ އާ ސީޒަންގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި ފުރަތަމަ ސީޒަނުން ފެނިގެންދިޔަ މައިގަނޑު ކާސްޓުން އާ ސީޒަނުންވެސް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ލަކްޝް ލަލްވާނީ، ސަހެރް ބާމްބާ، ބޮބީ ޑިއޯލް، ރާގަވް ޖުޔަލް، އަނިއާ ސިންގް، މޯނާ ސިންގްގެ އިތުރުން މަނޯޖް ޕަހްވާ ހިމެނެއެވެ.

ކާމިޔާބު ސީރީޒް 'ދަ ބޭޑްސް އޮފް ބޮލީވުޑް'ގެ ޕްރީމިއާގައި ޝާހު އަދި އަރިއަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް މެދުވެރިކޮށް ސްޓްރީމްކުރަން ފެށި 'ދަ ބޭޑްސް އޮފް ބޮލީވުޑް' އަކީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިންގެ އަމިއްލަ ދިރިއުޅުމުގައި ހިނގާ ކަންތައްތަކުގެ މައްޗަށް އަލިއެޅުވައި އުފައްދާފައިވާ ނުވަ އެޕިސޯޑުގެ ސީރީޒެކެވެ. މި ސީރީޒްގައި ބޮލީވުޑްގެ މަޝްހޫރު އެތައް ތަރިންނެއްގެ ހާއްސަ ފެނިލުންތަކެއް ހިމެނިގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި އަރިއަންގެ ބައްޕަ ޝާހްރުކް ޚާންގެ އިތުރުން އާމިރު ޚާން އަދި ސަލްމާން ޚާން ފަދަ އިންޑިއާގެ އެންމެ އުސް ފަންތީގެ ތަރިން ހިމެނެއެވެ.

ޝާހްރުކްގެ ޢާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ ދަށުން އުފެއްދި މި ސީރީޒަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މީގެ އިތުރުން އޯޓީޓީ އުފެއްދުންތަކަށް ޚާއްސަކޮށްގެން ބޭއްވި ބައެއް އެވޯޑު ހަފުލާތަކުގައި އަރިއަން ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުވެސް ކާމިޔާބުކޮށްފައެވެ.

އުމުރުން މިހާރު 28 އަހަރުގެ އަރިއަންއަކީ އުމުރުން 60 އަހަރުގެ ޝާހްރުކް ޚާންގެ ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ.

comment ކޮމެންޓް