އަތުގައި ހުރި އަގުބޮޑު މުދަލާއި ފައިސާ ޔޫޓިއުބްގައި ދެއްކި ބައެއްގެ އަތުން ވައްކަން ކޮށްފި

އިންޑިއާއަށް ނިސްބަތްވާ އަންހެނަކު އަތުގައި ހުރި އަގުބޮޑެތި ގަހަނާތައް ވީޑިއޯ މެދުވެރިކޮށް ދައްކާލަނީ--ފޮޓޯ.އިންސްޓަގްރާމް

އިންޑިއާގެ ޓެމިލްނާޑޫގެ ނާގަރްކޮއިލް ސަރަޙައްދުގައި ދިރިއުޅޭ މަޝްހޫރު ޔޫޓިއުބަރުންތަކެއްގެ މުދަލާއި ފައިސާ ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، އެ މީހުންގެ ގެއިން ވައްކަންކޮށްފިއެވެ.

ވައްކަން ކުރި މީހުން ވަނީ ޓެމިލްނާޑޫއަށް ނިސްބަތްވާ މި ދެމަފިރިންގެ އަތުން ގާތްގަނޑަކަށް އެއްކުރޯޑު ރުޕީސް (އެއްލައްކަ ހަތަރުހާސް ޑޮލަރު)ގެ ރަން ވަގަށް ނަގައިފިއެވެ. މި ޙާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަމިއްލަ މުދަލާއި މައުލޫމާތު އާންމުކުރުމުގެ ނުރައްކާތެރިކަމާ މެދު ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

މާލީ އަދި އިޖުތިމާއީ މީޑިއާގެ މަންސަތަކުގައި ޙިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މި ވައްކަން ހިންގާފައިވަނީ ތަންމަތުކޯނަމްގެ ވީއައިޕީ ގާޑަންގައި ހުންނަ ޔޫޓިއުބަރު ވިނޯދު ކުމާރާއި އޭނާގެ އަންހެނުން މަދުމީތާގެ ގޭގައެވެ. މި ޙާދިސާގައި އެ ގޭގައި ހުރި 118 ސޮވަރިންގެ ރަން ގަހަނާގެ އިތުރުން ގިނަ ޢަދަދެއްގެ ނަގުދު ފައިސާ ވަނީ ވަގަށް ނަގާފައެވެ.

މާލީ އަދި އިޖުތިމާއީ މީޑިއާގެ މަންސަތަކުގައި ޙިއްސާކުރާ މައުލޫމާތުތަކުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގުމަށް މަގުފަހިކުރުވާ ކަމަށް ގިނަ މީހުން އިއްތިފާގުވޭ--ފޮޓޯ/ފޭސްބުކް

މި ޙާދިސާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު މައިގަނޑު ސަބަބަކީ، ވައްކަން ކުރުމުގެ ކުޑަދުވަސްކޮޅެއް ކުރިން މަދުމީތާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެ ގޭގެ ކޮޓަރީގައި ހުރި އަގުބޮޑު ތަކެތި ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފައިވުމެވެ. އޭނާއަކީ ޤަވާއިދުން ރަން ގަންނަ މަންޒަރާއި، ގަހަނާ އާއި ނަގުދު ފައިސާ ދައްކުވައިދޭ ވީޑިއޯތަކާއި އިންސްޓަގްރާމް ރީލްސް އާންމުކުރަމުންދިޔަ ފަރާތެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވައްކަންކުރި މީހުން ގެއަށް ވަދެފައިވަނީ ގޭގެ ފަހަތު ދޮރު ހަލާކުކޮށްލައިގެންނެވެ. އެ ސަރަޙައްދަކީ ސީސީޓީވީ ކެމެރާ ހަރުކޮށް، ސެކިއުރިޓީ ބަލަހައްޓަމުންދާ ބަންދު ކުރެވިފައިވާ ސަރަޙައްދަކަށްވީ ނަމަވެސް، ވައްކަންކުރި މީހުން ވަނީ ސެކިއުރިޓީ ނިޒާމަށް ނުފެންނަގޮތަށް ގޭގެ ތެރެއަށް ވަދެ، ގިނަ ޢަދަދެއްގެ މުދަލާއެކު ފިލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި މި ޙާދިސާއާ ގުޅިގެން ރާޖަކަމަންގަލަމް ފުލުހުން ވަނީ މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ފަށާފައެވެ. ތަހުގީގުގެ ބައެއްގެ ގޮތުގައި، އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތައް ދިރާސާކުރުމާއި، އެ ވަގުތު އެ ސަރަޙައްދުގައި ބޭނުންކޮށްފައިވާ މޮބައިލް ނެޓްވޯކް ކޯލް ރެކޯޑްތައް ބަލައި، ވައްކަމުގައި ބައިވެރިވި ފަރާތްތައް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި ޙާދިސާއާ ގުޅިގެން އިންޓަނެޓް ބޭނުންކުރާ ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި، މިއީ ސޯޝަލް މީޑިއާގައި އަމިއްލަ މުދަލާއި މާލީ ތަނަވަސްކަން އިޝްތިހާރު ކުރުމުގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ޙާދިސާއެކެވެ.

ބައެއް އާންމު ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރަމުން ބުނެފައިވަނީ، މިއީ ވައްކަންކުރާ ގްރޫޕްތަކަށް އަމިއްލައަށް ދަޢުވަތު ދިނުން ކަހަލަ ކަމެއް ކަމަށާއި، މަޝްހޫރުކަމާއި ސަމާލުކަން ހޯދުމަށްޓަކައި އަގުބޮޑު ތަކެތި ދެއްކުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. އަދި އިންޓަނެޓާއި މޮބައިލް ފޯނަށް ދެވިހިފާފައިވާ މިންވަރުން މީހުންގެ އާންމު ސުލޫކާއި އަޚްލާގީ މިންގަނޑުތަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށްވެސް އާންމުންގެ ބައެއް ޚިޔާލުތަކުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް