ރާއްޖެ އާއި ޗައިނާގެ ގުޅުމަކީ، ގުޅިގެން މަސައްކަތް ކުރުމުން ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނެ ކަމުގެ ނަމޫނާއެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.
ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާއިން އިސްވެ ބޭއްވި ހައިލެވެލް މީޓިން އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގައި ނައިބު ރައީސް ވަނީ ތަގުރީރު ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ޖަޒީރާ ގައުމެއްގެ ގޮތުގައި އޮވެ، ބައިނަލްއަގުވާމީ އެއްބާރުލުމާއި ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް އިޙުތިރާމުކުރާ ކަމަށެވެ. އަދި 2030އަށް ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ކަނޑައަޅައިފައިވާ އދ.ގެ އެޖެންޑާ ހަގީގަތަކަށް ހެދުމަށާއި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަގުފަހިކޮށްދޭ ކޮންމެ އިސްނެގުމަކަށް ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު ނައިބު ރައީސް ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިން 2021 ވަނަ އަހަރު ތައާރަފުކުރެއްވި ޖީޑީއައިއަށް ޗައިނާއިން ދޭ އަހައްމިއްޔަތުކަން ރާއްޖޭން ވެސް ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ.
ޖީޑީއައިއަކީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ ބައިނަލްއަގުވާމީ ހަރަކާތެކެވެ.
ރާއްޖޭގެ ގައުމީ ތަރައްގީގައި ޗައިނާއިން އަދާކުރާ ދައުރަށް އަލިއަޅުވާލައްވައި ނައިބު ރައީސް ވިދާޅުވީ، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގުމުގެ ސަބަބުން ދެ ގައުމުގެ ގުޅުންތައް ބަދަހިވެ، އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިވެފައިވާ ކަމަށެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ގާބިލުކަން އިތުރުކުރުމުގެ ރޮނގުން ދެ ގައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުމުގެ ސަބަބުން ގިނަ ފަންނީ މީހުންނާއި މުއައްސަސާތައް ބާރުވެރިވެފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވަނީ، ރާއްޖެއާއި ޗައިނާގެ ގުޅުމަކީ، އެކަކު އަނެކަކަށް އިޙުތިރާމުކުރުމާއެކު ގުޅިގެން މަސައްކަތްކުރުމުން ގައުމީ މަސްލަހަތާއި ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވިދާނެކަމުގެ ނަމޫނާއެއް ކަމަށް ވެސް ވިދާޅުވިއެވެ. މިއަދުގެ ހާލަތަށް ބަލާއިރު މިފަދަ ގުޅުންތަކުގެ މުހިންމުކަން ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ތަރައްގީގެ މަގުގައި ހުރި ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އަދާނުކުރެވޭ ވަރުގެ ބޮޑެތި ދަރަނިތަކުގެ ސަބަބުން ތަރައްގީއަށް ހުރަސްއެޅި، ވިލުންތެރިކަން ބިނާކުރުމަށް އިންވެސްޓުކުރުމުގެ ގާބިލުކަން ކުޑަވެއެވެ.
އެފަދަ މާލީ ގޮންޖެހުންތަކާއެކު ވެސް، ދެމެހެއްޓެނިވި ތަރައްގީއާއި ދިގު މުއްދަތުގެ ވިލުންތެރިކަން ކުރިއަރުވާ އަމަލީ ސިޔާސަތުތަކަށް ރާއްޖެއިން ތާއީދުކުރާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަކީ ކުދި ޖަޒީރާ ގައުމުތަކުގެ ކުރިއެރުމަށް އޮތް ބޮޑު ނުރައްކާއެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ކޮޕް 31 ސަމިޓުން ނިންމާ ނިންމުންތަކަކީ ހަގީގީ މާނައިގައި އަމަލީ ސިފަ އަންނާނެ ކަންކަމަށް ހެދުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އާ ގޮންޖެހުންތަކާއެކު އާ ފުރުސަތުތައް ވެސް ފަހިވާކަން ފާހަގަކުރައްވައި، ސައިންސާއި ޓެކްނޮލޮޖީ އަދި އާ އީޖާދުތަކުގެ މުހިންމުކަމަށް ނައިބު ރައީސް އަލިއަޅުވާލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ޒަމާނީ ވަސީލަތްތަކަކީ ދެމެހެއްޓެނިވި ތަރައްގީ ހަލުވިކޮށްދޭނެ ބާރުތަކެކެވެ. އެހެންކަމުން، ގާބިލުކަން އިތުރުކުރުމާއި، ޓެކްނޮލޮޖީ އައުކުރުމާއި، އިލްމު ހިއްސާކުރުމުގެ ރޮނގުން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ރާއްޖެއިން ތާއީދުކުރާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ޗައިނާއިން އިސްނަގައިގެން ކުރިއަށްގެންދާ ޖީޑީއައިގެ ދަށުން ވެސް މި ދާއިރާތަކުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންދާކަން އެ މަނިކުފާނު ފާހަގަކުރެވެއެވެ.
ތަގުރީރު ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ، ޖީޑީއައިގެ މަގުސަދުތައް ކުރިއެރުވުމުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެންމެން ޝާމިލުވާ، ވިލުންތެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުގައި އެއްބާރުލުމާއި ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.